މިދިޔަ އަހަރު އެންމެ ގިނައިން ހުށަހެޅީ ޕްރޮކިއުމެންޓާ ގުޅޭ ޚިޔާނާތްތައް: އޭސީސީ
މިދިޔަ އަހަރު އެންމެ ގިނައިން ހުށަހެޅީ ޕްރޮކިއުމެންޓާ ގުޅޭ ޚިޔާނާތްތައް: އޭސީސީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިދިޔަ އަހަރު އެންމެ ގިނައިން ހުށަހެޅީ ޕްރޮކިއުމެންޓާ ގުޅޭ ހިޔާނާތުގެ މައްސަލަތައް ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

އޭސީސީގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން ޕްރޮކިއުމެންޓާ ގުޅޭ 320 މައްސަލައެއް މިިދިޔަ އަހަރު ހުށަހަޅާފައި ވެ އެވެ. އޭގެ ކުރީ އަހަރު އެ އަދަދު އުޅުނީ 287 ގަ އެވެ. އެހެންކަމުން ޕްރޮކިއުމަންޓާ ގުޅޭގޮތުން މިދިޔަ އަހަރު ހުށަހެޅި މައްސަލަތައް ވަނީ 11.5 ޕަސެންޓް އިތުރުވެފަ އެވެ.

ދެ ވަނަ އަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ވަޒީފާއާ ގުޅޭ މައްސަލަތައް ކަމަށް އޭސީސީން ބުންޏެވެ. އޭގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ވަޒީފާ ދިނުމާއި މަގާމުގައި ނުފޫޒު ބޭނުންކޮށްގެން ވަޒީފާއިން ވަކިކުރުން ފަދަ ކަންކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލަތައް ހިމެނެ އެވެ.

ވަޒީފާއާ ގުޅޭ 105 މައްސަލަ މިދިޔަ އަހަރު ހުށަހެޅިއިރު، 2015 ވަނަ އަހަރު އެކަމާ ގުޅޭގޮތުން ހުށަހެޅީ 156 މައްސަލަ ކަމަށް އޭސީސީން ބުންޏެވެ. އަދި ގޯތިގެދޮރާއި ކުއްޔަށް ދޫކުރާ ބިމާއި، ރަށްތަކާއި ގުޅޭ ޖުމްލަ 141 މައްސަލަ ރަޖިސްޓްރީކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

އެހެނިހެން ތަފާތު ބާވަތްތަކާ ގުޅޭ 354 މައްސަލައެއް ހުށަހަޅާފައިވާކަން އޭސީސީން ފާހަގަކޮށްފައި ވެ އެވެ.