04 ފެބުރުއަރީ 2024 - 21:47

ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ދައުރުގެ ރިޔާސީ ބަޔާން އިއްވަން މާދަމާ ބާއްވާ ޖަލްސާއަށްފަހު އިތުރު ޖަލްސާއެއް މާދަމާ ބާއްވަން އެޖެންޑާކޮށްފި އެވެ.
މަޖިލިހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައި ރައީސް ޑރ. މުއިއްޒު ރިޔާސީ ބަޔާން އިއްވަވާނީ މާދަމާ ހެނދުނު 9 ޖަހާއިރު އެވެ.
މަޖިލީހުގެ އިދާރާއިން އާންމުކޮށްފައިވާ ގޮތުގައި ރިޔާސީ ބަޔާން އިއްވަވާ ޖަލްސާއަށް ފަހު، އިތުރު ޖަލްސާއެއް އެޖެންޑާކޮށްފައިވަނީ މެންދުރު ފަހު އެވެ. މެންދުރު ފަހު ބާއްވަން ހަމަޖެހިފައިވާ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހަޅުއްވާފައިވާ އާންމު އިންތިހާބުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސެވެ.
ޝިފާއު ހުށަހެޅުއްވި އިސްލާހުގައި ގާނޫނުގެ 43 ވަނަ މާއްދާ އަށް އަކުރުތަކެއް ވަނީ އިތުރުކޮށްފަ އެވެ. އެއީ ރޯދަ މަހުގެ ތެރޭގައި އެއްވެސް އިންތިހާބެއް ބާއްވައިގެން ނުވާނެ ކަމަށާއި އިންތިހާބު ބާއްވަންޖެހޭ ތާރީހު ރޯދަ މަހުގެ ދުވަހަކާ ދިމާވާ ނަމަ، އެ އިންތިހާބެއް ބާއްވަން ވާނީ ރޯދަ މަސް ނިމުމުގެ 10 ދުވަސް ފަހުން ކަމަށް ބުނާ އިސްލާހެކެވެ. މި ބިލުގެ ފުރަތަމަ ކިޔުން މިހާރު ވަނީ އިއްވައިފަ އެވެ.
އިންތިހާބަކާ ގުޅޭ ހާއްސަ ގާނޫނު ނުވަތަ އާންމު ގާނޫނުގެ ދަށުން އެކި ކަންކަމަށް ކަނޑައަޅާފައިވާ މުއްދަތުތަކަށް އަމަލު ކުރެވެން ނެތް ހާލަތެއް ކުރިމަތިވެއްޖެ ނަމަ، ރޯދަ މަހު އިންތިހާބު ނުބޭއްވުމަށްޓަކައި ބުނާ މުއްދަތުތަކަށް ބަދަލު ގެނެސް، އަލުން މުއްދަތުތައް ކަނޑައަޅަން ވާނެ ކަމަށް އެ އިސްލާހުގައިވެ އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ން މިހާރު ނިންމާފައި ވަނީ އަންނަ މާޗް މަހުގެ 17 ގައި އިންތިހާބު ބާއްވާށެވެ. އެއީ ރޯދަ މަހުގެ ފުރަތަމަ ހަފުތާ ތެރެ އެވެ.
އޭގެ އިތުރުން މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުން އަލުން މަޖިލީހަށް އައްޔަން ކުރުމާ ގުޅިގެން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މަޖިލީހަށް ހުށަހަޅުއްވާފައިވާ ގަރާރުގެ ފުރަތަމަ ކިޔުން ވެސް އެ ޖަލްސާގައި އިއްވާނެ އެވެ.