04 ފެބުރުއަރީ 2024 - 14:26

އުރީދޫގެ މި އަހަރުގެ ކަލަންޑަރާ އެކު ތައާރަފްކުރި "އަތޮޅު ދުވުން" ގޭމުގެ ފެބްރުއަރީ އަޕްޑޭޓުގައި ލީޑާ ބޯޑު ތައާރަފްކޮށް، މި މަހުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ސެމްސަންގް އެސް24 އަލްޓްރާ ފޯނެއް ދިނުމަށް ނިންމައިފި އެވެ.
އުރީދޫން ބުނި ގޮތުގައި މި މަހު ތައާރަފް ކުރި އަޕްޑޭޓުގައި ހިމެނޭ ލީޑާބޯޑުން އެންމެ މަތީ ޕޮއިންޓް ލިބޭ 10 ކުޅުންތެރިން ފެންނަން ހުންނާނެ އެވެ. އަދި އެ ގޭމާ އެކު ސެމްސަންގް އިން މިހާރު ގާއިމްކޮށްފައިވާ ޕާޓްނާޝިޕްގެ ދަށުން މަސް ނިމޭ އިރު ލީޑާބޯޑުގެ އެއް ވަނަގައި ހިމެނޭ ކުޅުންތެރިއަކަށް ސެމްސަންގް އެސް24 އަލްޓްރާ ފޯނެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
"އަތޮޅު ދުވުން" ގޭމަކީ "އެންޑްލެސް ރަނާ" ޖޯންރާއަށް ތައްޔާރުކޮށްފައިވާ ފުރަތަމަ ދިވެހި ގޭމެވެ. މި ގޭމަކީ މި އަހަރު އުރީދޫން ތައާރަފްކުރި ކަލަންޑަރުގައި ހިމެނޭ ކިއުއާރު ކޯޑު ސްކޭން ކޮށްގެން ކުޅޭ ގޭމެކެވެ. މި ގޭމުގެ ކިއުއާރު ކޯޑު މިހާރު އުރީދޫން ވަނީ އެ ކުންފުނީގެ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފަ އެވެ.
ރާއްޖޭގެ އެކި ރަށްތައް ހިމަނާއި އެ ރަށްރަށުގައި ގޭމުގެ ޒަރީއާއިން ދުވުމުގެ ފުރުސަތު ދޭ މި ގޭމުގައި ކޮންމެ މަހަކު ވެސް ތަފާތު ރަށަކަށް އާ ލެވަލެއްގެ ގޮތުގައި ދުވަން ދެވޭނެ އެވެ. މި ގޭމުގައި ޖުމްލަ 12 ލެވަލް ހިމެނެ އެވެ.
ކުރިއަށް އޮތް މަސްތަކުގައި ވެސް މި ގޭމުގެ ފޯރިގަދަކުރުމުގެ ގޮތުން އެކި އިނާމުތަކާއި ޕްރޮމޯޝަންތައް ހިންގުމަށް އުރީދޫން ވަނީ ރާވައިފަ އެވެ.