ޣައްޒާގައި "ބަފަ ޒޯން" އެއް ހަދަން އިޒްރޭލުން ގަސްދުގައި އިމާރާތްތައް ގޮއްވި: ތަޖުރިބާކާރުން
ޣައްޒާގައި "ބަފަ ޒޯން" އެއް ހަދަން އިޒްރޭލުން ގަސްދުގައި އިމާރާތްތައް ގޮއްވި: ތަޖުރިބާކާރުން

ފަލަސްތީނުގެ ޣައްޒާގެ ބޯޑަރު ކައިރިން ބަފަ ޒޯނެއް ހަދަން އިޒްރޭލުން ގަސްދުގައި އިމާރާތްތަކަށް ހަމަލާދީ ބިމާ ހަމަކުރި ކަމަށް ތަޖުރިބާކާރުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައެއް ގްރޫޕްތަކުން އޭއެފްޕީ އަށް ބުނެފި އެވެ.

ޣައްޒާގައި "ބަފަ ޒޯން" އެއް ހަދަން އިޒްރޭލުން ގަސްދުގައި އިމާރާތްތައް ގޮއްވި: ތަޖުރިބާކާރުން
ޣައްޒާގައި "ބަފަ ޒޯން" އެއް ހަދަން އިޒްރޭލުން ގަސްދުގައި އިމާރާތްތައް ގޮއްވި: ތަޖުރިބާކާރުން

ހަމާސްގެ ކޮންޓްރޯލް އޮންނަ، ބިމުގެ ޖާގަ ކުޑަ ޣައްޒާގެ ބޯޑަރު ކައިރިން ބައެއް ބަފަ ޒޯނެއްގެ ގޮތުގައި ބާއްވައި އިޒްރޭލާއި ޣައްޒާގެ ދުރުމިން ބޮޑުކުރަން 0.6 ކިލޯމީޓަރުގެ ސަރަހައްދަކަށް ޓާގެޓްކޮށް އިމާރާތްތައް ބިމާ ހަމަކޮށްފައިވާކަން ސެޓެލައިޓް ފޮޓޯތަކުން އެނގޭ ކަމަށް ގުދުސްގެ ހިބްރޫ ޔުނިވަސިޓީގެ ޕްރޮފެސަރު އަދީ ބެން ނުން އޭއެފްޕީ އަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ސަރަހައްދުގެ އިމާރާތްތަކުގެ ތެރެއިން 30 ޕަސެންޓަށްވުރެ ބޮޑު ބައެއް އިޒްރޭލުން ބިމާ ހަމަކޮށްފައިވާ ކަމަށެވެ.

އޮކްޓޫބަރު 7 ގައި ހަމަލާތައް ދޭން ފެށި ފަހުން އެއް ދުވަހެއްގައި އިޒްރޭލު ސިފައިންގެ އެންމެ ގިނަ މީހުން މަރުވި ދުވަހު ވަނީ އިޒްރޭލުން ޣައްޒާގެ ބޯޑަރު ސަރަހައްދު ސާފުކުރުމަށް ގެންގުޅޭ އުކުޅު ހާމަވެފަ އެވެ. މިދިޔަ މަހު އިޒްރޭލު ސިފައިންގެ 21 މީހަކު އެއް ދުވަހާ މަރުވީ ބޯޑަރު ސަރަހައްދާއި އާންމު އުޅޭ ހިސާބާ ވަކި ކުރުމަށް މަސައްކަތްކުރަމުން ދަނިކޮށް ކަމަށް ބުނާއިރު އެ ދުވަހު އެ ސިފައިން މަސައްކަތްކުރަމުން ދިޔައީ އިމާރާތްތަކުގައި ގޮވާ ތަކެތި ހަރުކޮށް ގޮއްވާށެވެ.

ތަޖުރިބާކާރުން ވިދާޅުވަނީ މިއީ ޣައްޒާގެ އާންމުން ގެދޮރުން ނެރެ ވިއްސިވިހާލި ކޮށްލުމުގެ އަމަލެއް ކަމަށާއި އެހެންވެ މިއީ ހަނގުރާމައިގެ ގާނޫނުތަކާ ހިލާފް އަމަލެއް ކަމަށެވެ.

"ފެންނަމުން މި ދަނީ ޣައްޒާގެ ބޮޑު ސަރަހައްދެއް، އާންމުންނަށް ދިރިނޫޅެވޭ ވަރަށް ހަލާކު ކުރަމުންދާ ކަމުގެ ހެކި،" ހިއުމަން ރައިޓްސް ވޮޗްގެ، ރެފިއުޖީންގެ ހައްގުތަކަށް މަސައްކަތްކުރާ ތަޖުރިބާކާރެއް ކަމަށްވާ ނާދިއާ ހަރްދުމަން ވިދާޅުވި އެވެ.

"މީގެ ވަރަށް ސާފު ހެއްކެއް އިޒްރޭލުން މި ހަދާ ބަފަ ޒޯން އަކީ - މިއީ ހަނގުރާމައިގެ ޖަރީމާއެއް."

މިކަމާ ބެހޭ ގޮތުން އޭއެފްޕީން އިޒްރޭލުގެ އަސްކަރިއްޔާއަށް ގުޅުމުން އެކަމާ ބެހޭ ގޮތުން ވާހަކައެއް ނުދެއްކި އެވެ.

އިޒްރޭލުން ޣައްޒާއަށް ހަމަލާ ދެމުން ގެންދާތާ ހަތަރު މަސް ވެފައި ވާއިރު މިހާތަނަށް ފަލަސްތީނުގެ 27،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނާއި ފުރާވަރުގެ ކުދިން ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީ ބުނެ އެވެ. -- އޭއެފްޕީ