އިގްތިސާދީ ހާލަތު މަޑުމަޑުން އެބަ ރަނގަޅުވޭ: ލަންކާގެ ރައީސް
އިގްތިސާދީ ހާލަތު މަޑުމަޑުން އެބަ ރަނގަޅުވޭ: ލަންކާގެ ރައީސް

ގައުމަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުގެ އެންމެ ނުރައްކާ ހާލަތުން، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ އެހީއާ އެކު އަރައިގަނެވި މަޑުމަޑުން ކަންކަން ރަނގަޅުވަމުން އަންނަ ކަމަށް ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރެމަސިންހާ އިއްޔެ ވިދާޅުވެއްޖެ އެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ދެއްވި ބަޔާނުގައި ރަނިލް ވިދާޅުވީ ބަނގުރޫޓުވެފައިވާ ގައުމެއްގެ ގޮތުގައި އޮތް ލަންކާގެ އާންމުންނަށް ކުރިމަތިވެފައި ހުރި އުނދަގޫތައް މަޑުމަޑުން މިހާރު ހައްލުވަމުން އަންނަ ކަމަށެވެ.

ލަންކާ ވަނީ 2022 ވަނަ އަހަރު 46 ބިލިއަން ޑޮލަރުގެ ބޭރުގެ ދަރަނި ނުދެއްކި ބަނގުރޫޓުވެފަ އެވެ. ބޭރު ފައިސާ ހުސްވެ ކާނާ އާއި ބޭހާއި އަސާސީ އެހެނިހެން ތަކެތި ގަނެވޭނެ ގޮތެއް ނުވެ ގައުމު ހުއްޓުމަކަށް އަ އައުމުން އާންމުން ނުކުމެ ހިންގި ހަމަނުޖެހުންތަކުގައި އޭރުގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ އިސްތިއުފާ ދެއްވަން މަޖުބޫރުވި އެވެ.

ވެރިކަން ބަދަލުވެ ގައުމުގެ ހާލަތު ރަނގަޅުކުރަން ފެށި މަސައްކަތުގައި އައިއެމްއެފުން ލަންކާއަށް ދިން ފުރަތަމަ 2.9 ބިލިއަން ޑޮލަރުގެ ބެއިލްއައުޓް ލޯން މިދިޔަ އަހަރުގެ މާޗް މަހު ވަނީ ދޫކޮށްފަ އެވެ. މި ލޯނު ދިނީ ގައުމުގެ އިގްތިސާދީ އެކި ސިޔާސަތުތަކަށް ބޮޑެތި އިސްލާހުތަކެއް ގެންނަން ޝަރުތުކުރުމަށް ފަހު އެވެ. އެ އިސްލާހުތަކާ އެކު، ޓެކްސްތައް ބޮޑުކުރުމާ އެކު އަގުތައް ވެސް މައްޗަށް ދިޔަ އެވެ.

"މި ދަތުރުގައި، ގޮންޖެހުންތައް މަޑުމަޑުން ނެތިގެން ދާނެ، ދިރިއުމުގައި ހުރި ދަތިކަން ވެސް މަޑުމަޑުން ފިލާނެ، އިގްތިސާދު ވަރުގަދަވާނެ،" ރަނިލް ވިދާޅުވި އެވެ.

އައިއެމްއެފުން ދިން ލަފަޔާ އެކު ލަންކާގައި ޓެކްސްތައް ބޮޑުކުރުމުން މިދިޔަ މަހު ވަނީ މުދަލާއި ހިދުމަތުގެ އަގު ހަ ޕަސެންޓަށްވުރެ ބޮޑުވެފައި ކަމަށް އެ ގައުމުގެ މަރުކަޒީ ބޭންކުން ވަނީ ބުނެފަ އެވެ.

މިއީ ޑިސެމްބަރު މަހު 4 ޕަސެންޓުގައި ހުރުމަށް ފަހު އައި ބަދަލެވެ. އެކަމަކު މިއީ 2022 ވަނަ އަހަރު އިންފްލޭޝަން 70 ޕަސެންޓަށް އެރި އިރު ހުރި ވަރަށް ވުރެ މާ ދަށް އަދަދެކެވެ.

ރައީސް ރަނިލް ވިދާޅުވީ ކުރިން ހެދުނު ގޯސްތައް ތަކުރާރު ނުވާނެ ގޮތަކަށް ގައުމުގެ ކަންކަން ކުރިއަށް ގެންދަވާނެ ކަމަށެވެ. -- އޭއެފްޕީ