04 ފެބުރުއަރީ 2024 - 12:24

އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހަމަލާތައް ވަރުގަދަކުރުމުން، ފަލަސްތީނު ރައްޔިތުންނަށް ހެޔޮ ދުއާކޮށްދިނުމަށް ފަރުޟު ނަމާދުތަކުގައި ކިޔަން ފެށި ގުނޫތު ވަގުތީ ގޮތުން ހުއްޓާލަން އިސްލާމިކް މިނިސްޓްރީން އިއްޔެ އަންގައިފި އެވެ.
ފަލަސްތީނަށް މިހާރު ދެމުންދާ ހަމަލާތަކާ ގުޅިގެން އެ ގައުމަށް ރައްކާތެރިކަން ދިނުމަށް އެދި އެންމެ ފުރަތަމަ ގުނޫތު ކިޔަން ފެށީ މިދިޔަ އޮކްޓޯބަރު 18 ގަ އެވެ.
އެންމެ ފުރަތަމަ ގުނޫތު ކިޔަން ފެށި އިރު ފަރުޟު ކޮންމެ ނަމާދެއްގައި ގުނޫތު ކިޔަން އެންގި މިދިޔަ ޑިސެމްބަރު 3 ވަނަ ދުވަހުން ފެށިގެން ގުނޫތު ކިޔަން އަންގާފައިވަނީ ޖަހުރިއްޔަ ނަމާދުތަކުގެ ފަހު ރަކުއަތުގެ އިއުތިދާލުގަ އެވެ.
އިއްޔެ ފޮނުވި ސާކިއުލާގައި ވަނީ މިއަދުގެ މަޣްރިބު ނަމާދުން ފެށިގެން ގުނޫތު ކިޔުން ވަގުތީ ގޮތުން ހުއްޓާލުމަށެވެ.
އަގްސާ ތޫފާންގެ ނަމުގައި ހަމާސް އިން އޮކްޓޫބަރު 7 ގައި އިޒްރޭލަށް ދިން ހަމަލާތަކުގައި ހާހަކަށް ވުރެ ގިނަ މީހުން މަރާލައި 250 މީހަކު ރަހީނުކުރުމާ އެކު އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 27،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނާއި ފުރާވަރުގެ ކުދިން ކަމަށް ފަލަސްތީނުން ބުނެ އެވެ.
ހަމަލާތަކުގައި ޣައްޒާގެ ގެތައް ބިމާ ހަމަކޮށްލާފައި ވާއިރު އެތައް ލައްކަ ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ.