04 ފެބުރުއަރީ 2024 - 14:17

މިދިޔަ ޑިސެމްބަރު މަހު ބޭއްވި ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ޒުވާނުންގެ ގޮފީގެ ނަތީޖާތައް އިއުލާން ނުކޮށް ދިގުލައިގެން ގޮސް އުފެދުނު ހިތްހަމަނުޖެހުމާ ގުޅިގެން ބައެއް ކެންޑިޑޭޓުން ނަން އަނބުރާ ނަގައިފި އެވެ.
ޑިމޮކްރެޓްސްގެ އެތެރޭގެ ފުރަތަމަ އިންތިހާބުގައި، މައްސަލަ އުފެދުނީ ވޯޓު އޮޅުވާލި ކަމަށް ކުރި ތުހުމަތާ ހެދި އެވެ. ވަގުތީ ނަތީޖާ އިއުލާންކުރިއިރު، ޒުވާނުންގެ ގޮފީގެ އިންތިހާބުގައި ބައެއް ވޯޓު ފޮށިތަކަށް ހައްގު ލިބިގެންވާ މީހުންނަށް ވުރެ އިތުރަށް ވޯޓު ލާފައިވެ އެވެ.
އެކަމާ ގުޅިގެން ހުށަހެޅި ޝަކުވާތަކަށް ބެލުމަށް ފަހު ޑިސެމްބަރު 9 ގައި އެ ޕާޓީން ނިންމީ، ހުރިހާ ފަރާތްތަކަށް ކަރުދާސް ދޫކޮށް ވޯޓްލާފައިވާ ފޮށިތަކެއް ހުރުމާ އެކު، އެފޮށިތަކުގެ އެ ދެމަގާމުގެ ނަތިޖާތައް ބާތިލްކުރުމަށެވެ. އަދި އޭގެ ސަބަބުން އިންތިހާބުގެ ނަތީޖާއަށް އަސަރުކުރާތީ އެ ދެ މަގާމުގެ ވޯޓުލުން އަލުން ބޭއްވުމަށް ވެސް ނިންމާފައިވެ އެވެ.
ޑިމޮކްރެޓްސް އިން ނިންމީ ޔަންގް ޑިމޮކްރެޓްސްގެ ލީޑަރު ހޮވުމުގެ އިންތިހާބު 12 ރަށެއްގައި އަދި ޑެޕިއުޓީ ލީޑަރުގެ އިންތިހާބު 14 ރަށެއްގައި ބޭއްވުމަށެވެ. އެކަމަކު މި އިންތިހާބު މިއަދާ ހަމައަށް ވެސް ނުބާއްވާތީ އެ ޕާޓީގެ ޒުވާނުންގެ ގޮފީގެ ގިނަ މެންބަރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އޭގެ ތެރޭގައި ޔަންގް ލީޑަރަކަށް ވާދަކުރެއްވި ޔޫސުފް ޝާހު އާއި ޑެޕިއުޓީ ޔަންގް ލީޑަރަކަށް ވާދަކުރެއްވި ފިތުރާ މުހައްމަދު ހިމެނިވަޑައިގަންނަވަ އެވެ.
ޑިމޮކްރެޓްސް އުފައްދައި ޕްރޮމޯޓްކުރުމުގައި ވެސް އިސްކޮށް އުޅުނު ޔޫސުފް ޝާހު "މިހާރު" އަށް ބުނީ ނަން އަނބުރާ ނަގަން ނިންމީ ދެ މަސް ވީއިރު ވެސް ނަތީޖާ އިއުލާނު ނުކޮށް ލަސްވެ، އަދި އަލުން އިންތިހާބު ބާއްވަން ނިންމި ރަށްރަށުގައި ވެސް ނުބޭއްވި ވާތީ ކަމަށެވެ.
"މިކަމަކީ ވަކި މީހެއްގެ މަސްލަހަތަކަށް ވުރެ ބޮޑު ކަމަކަށް ވާހިނދު، ޕާޓީގެ ޔަންގް ޑިމޮކްރެޓުން މިގޮތަށް ހުއްޓި ޑެޑްލޮކް ހާލަތުގައި އޮތުމަށް ނޭދޭތީ،" ނަން އަނބުރާ ގެންދިއުމަށް ފޮނުވި ސިޓީގައި އޭނާ ލިޔެފައިވެ އެވެ.
އޭނާ ބުނީ އެ ޕާޓީގެ ޒުވާނުންގެ ގޮތްޕަކީ "ސެކަންޑަރީ ބޮޑީ"އަކަށް ވާން ނޭދޭ ކަމަށެވެ.
ނަން ނެގި ކެންޑިޑޭޓުންގެ ދެން އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ޑިމޮކްރެޓްސްގެ ޕާޓީގެ ރައީސް ކައުންސިލް އެކުލަވާއިރިު ވެސް އޭގައި ޒުވާނުންގެ ގޮފި ހިމަނައިފައިނުވުމާއި ޒުވާނުން ޝާމިލްކޮށްފައި ނުވުމެވެ.
މި މައްސަލާގައި ޑިމޮކްރެޓްސް އިން މިހާތަނަށް ވާހަކައެއް ނުދައްކަ އެވެ.