04 ފެބުރުއަރީ 2024 - 12:00

ހުޅުމާލޭގައި އިއްޔެ ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެ، އެކެއްގެ ހާލު ސީރިއަސްވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހުޅުމާލެ 2 ގެ ފިތުރޯނު ހިނގުމުގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިގެން ހަވީރު 4:30 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ ހާދިސާގައި ދެ ސައިކަލުގައި ތިބި ހަތަރު މީހަކަށް އަނިޔާވުމުން، އިތުރު ފަރުވާ ދިނުމަށް ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ.
އެ ހޮސްޕިޓަލުން ބުނީ އަނިޔާވި ދެ މީހަކަށް އެޑްމިޓުކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށެވެ. އެކެއްގެ ހާލު ސީރިއަސްވުމުން ރޭގެ ވަގުތެއްގައި އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށް، ހަތަރު ވަނަ މީހާއަށް ފަރުވާ ދިނުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ބުންޏެވެ.
"އެޑްމިޓުކޮށްގެން ފަރުވާ ދެމުން އަންނަ ދެ މީހުންގެ ހާލު ސްޓޭބަލް." ހުޅުމާލެ ހޮސްޕިޓަލުން ބުންޏެވެ.
ނަމަވެސް، އޭޑީކޭ ހޮސްޕިޓަލްގެ ބަހެއް އަދި ނުލިބޭތީ، އެ ތަނަށް ގެންދިޔަ މީހާގެ އެންމެ ފަހުގެ ތަފްސީލެއް ނުލިބެ އެވެ.
ސޯޝަލް މީޑިއާގައި އިއްޔެ ދައުރުވި ވީޑިއޯއިން ފެންނަ ގޮތުގައި، ދެ ސައިކަލް ޖެހިގެން ހިނގި އެކްސިޑެންޓުގައި ތިން ފިރިހެނަކު ވެއްޓިފައިވާއިރު، އަންހެނަކު ބިންމަތީގައި އިށީނދެލައިގެން އިނދެ އެވެ. އެ ސަރަހައްދުގައި ގިނަ ބަޔަކު އެއްވެގެން ތިއްބެވެ.
ފުލުހުން އަންނަނީ އެކްސިޑެންޓް ތަހުގީގު ކުރަމުންނެވެ.