އެމްޑީޕީގެ ޕްރައިމަރީން ޓިކެޓު ކާމިޔާބުވީ 3 އަންހެނުންނަށް
އެމްޑީޕީގެ ޕްރައިމަރީން ޓިކެޓު ކާމިޔާބުވީ 3 އަންހެނުންނަށް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ޕާޓީން ވާދަކުރާނެ ކެންޑިޑޭޓުން ހޮވަން އެމްޑީޕީން ބޭއްވި ޕްރައިމަރީ ކާމިޔާބުކުރެއްވީ ތިން އަންހެން ކެންޑިޑޭޓުން ކަމަށް ވަގުތީ ނަތީޖާއިން ދައްކައިފި އެވެ.

އަންނަ މާޗު މަހުގެ 17 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މަޖިލީހުގެ 93 ދާއިރާއެއްގެ ތެރެއިން އެމްޑީޕީން ޕްރައިމަރީ އިއްޔެ ބާއްވާފައިވަނީ 40 ދާއިރާއެއްގަ އެވެ. އެ ދާއިރާތަކަށް 149 ކެންޑިޑޭޓުން ވާދަކުރިއިރު، އޭގެ ތެރޭގައި ހިމެނެނީ އެންމެ އަށް އަންހެން ކެންޑިޑޭޓުންނެވެ.

ޕްރައިމަރީގައި ކާމިޔާބު ހޯދި ތިން އަންހެން ކެންޑިޑޭޓުންނަކީ ހުޅުމާލެ މެދު ދާއިރާގެ ޓިކެޓު ކާމިޔާބުކުރެއްވި ފޮރިން މިނިސްޓްރީގެ ކުރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ސަފާތު އަހުމަދު ޒާހިރާއި ފުވައްމުލަކު ދެކުނު ދާއިރާގެ ޓިކެޓު ކާމިޔާބުކުރެއްވި ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ)ގެ އިތުރުން ޖެންޑާ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީނާ އަހުމަދެވެ. ޒިފްލީނާ ވާދަކުރެއްވީ ތިނަދޫ ދެކުނު ދާއިރާއަށެވެ.

އިއްޔެގެ ޕްރައިމަރީގައި އެމްޑީޕީ އަންހެނުންގެ ރޫހުގެ ރައީސާ އަދި މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމަށް ވަނީ ނާކާމިޔާބީއާ ކުރިމަތިވެފަ އެވެ.

މީގެ އިތުރުން ޕްރައިމަރީއަކާ ނުލާ ތިން އަންހެން ކެންޑިޑޭޓުންނަށް ޓިކެޓު ކަށަވަރުވެފައިވެ އެވެ.

އެއީ، ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދާއި މާފަންނު އުތުރު ދާއިރާއަށް ކުރިމަތިލި ކުރީގެ ސްޓޭޓް މިނިސްޓަރު އިފްހާމް ހުސައިންގެ އިތުރުން ދަނގެތީ ދާއިރާގެ ޓިކެޓު ކަށަވަރުކުރެެއްވި އެންސްޕާގެ ކުރީގެ ޑެޕިއުޓީ ސީއީއޯ ރުގިއްޔާ މުހައްމަދެވެ.

މަޖިލީހަށް ގިނަ އަންހެން މެންބަރުން ހޮވުމަށް ޕާޓީތަކުން އަބަދުވެސް ވަކާލާތު ކުރާއިރު، ޕާޓީތަކުގެ ޓިކެޓު ކަށަވަރުވި އަންހެނުންގެ އަދަދު މަދެވެ.

ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓު ލިބިފައިވަނީ އަންހެން އެންމެ ދެ ކެންޑިޑޭޓުންނަށެވެ. އެއީ ޕްރައިމަރީން މާފަންނު މެދު ދާއިރާގެ ޓިކެޓް ކަށަވަރު ކުރެއްވި އެ ދާއިރާގެ ކުރީގެ މެންބަރު އަސްމާ ރަޝީދާއި ޕްރައިމަރީއަކާ ނުލާ ޓިކެޓު ހޯއްދެވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅު ފާތިމަތު ސައުދާއަށެވެ. އޭނާ ވާދަކުރައްވަނީ ނިލަންދޫ ދާއިރާއަށެވެ.

ސިޔާސީ ޕާޓީތަކުގެ ތެރެއިން މިހާތަނަށް އެންމެ ގިނަ އަންހެނުން ވާދަކުރާކަން އިއުލާނުކޮށްފައިވަނީ ދަ ޑިމޮކްރެޓްސް ޕާޓީންނެވެ. އެ ޕާޓީން 13 އަންހެން ކެންޑިޑޭޓުން ވާދަކުރެ އެވެ.