04 ފެބުރުއަރީ 2024 - 10:21

އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވި އަދި މިދިޔަ ސަރުކާރުގައި ޓޫރިޒަމް މިނިސްޓްރީގައި އިސް މަގާމެއް ފުރުއްވި ތޮއްޔިބު ޝަހީމަށް ސްޓެލްކޯ އިން ވަޒީފާ ހަމަޖައްސައިފި އެވެ.
ތޮއްޔިބަކީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ޓުވިޓާގައި ސަރުކާރަށް ފާޑު ކިޔައި، ސަރުކާރުން ހިންގި އެކިއެކި ކަންކަމާ ގުޅޭ ބައެއް މައުލޫމާތުތައް ހާމަކުރަމުން އައި އެކްޓިވިސްޓެކެވެ. އޭނާ ހައްޔަރުކޮށް، ޖަލުގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ބަންދުކުރިއިރު އެމްނެސްޓީ އިންޓަނޭޝަނަލްގެ ޕްރިޒަނާ އޮފް ކޮންޝަންސްކަން ވެސް އޭނާ އަށް ލިބިފައިވެ އެވެ.
މި ސަރުކާރުން ތޮއްޔިބަށް ސްޓެލްކޯ އިން ދިނީ ސާވިސް ސުޕަވައިޒަރުގެ މަގާމެވެ. މުސާރައިގެ ގޮތުގައި 9،000 އާއި 14،000 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭ އެ މަގާމަށް ތޮއްޔިބު ހޮވާފައިވަނީ ގެޒެޓްގައި ކުރި އިއުލާނަށް ކުރިމަތިލުމުން އިންޓަވިއު ކޮށްގެންނެވެ. އެ މަގާމަށް ތޮއްޔިބުގެ އިތުރުން އެހެން ދެ މީހަކު ކުރިމަތިލި އެވެ.
ތޮއްޔިބަށް ދިން ވަޒީފާގެ މައިގަނޑު ޒިންމާ އަކީ އިއުލާންގައިވާ ގޮތުން ސްޓެލްކޯގެ މަސައްކަތްތަކާ ގުޅިގެން މީޑިއާ އިން އެދޭ މައުލޫމާތު ކަމާ ގުޅުން ހުރި ޑިޕާޓްމަންޓްތަކުން ހޯދައި، މީޑިއާތަކަށް ފޯރުކޮށްދިނުމާއި އިވެންޓްތަކުގެ ޚަބަރުތައް ދިވެހިންނާއި އިނގިރޭސި ބަހުން ތައްޔާރުކޮށް، ގަވާއިދުން މީޑިއާތަކަށް ފޯރުވައިދިނުމެވެ. އަދި ސްޓެލްކޯ އިން ހިއްސާކުރަން ބޭނުންވާ މައުލުމާތުތައް ސޯޝަލް މީޑިއާ ވަސީލަތްތަކުގައި ޕޯސްޓް ކުރުމާއި މޮނިޓާކުރުމަކީ ވެސް ތޮއްޔިބުގެ ޒިންމާއެކެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ތޮއްޔިބު ހުރީ ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގަ އެވެ.
ޔާމީންގެ ވެރިކަމުގައި ތޮއްޔިބު ހައްޔަރުކުރީ ފ. އަތޮޅުގައި ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއަކުން ހިންގަން އުޅޭ މަޝްރޫއާ ބެހޭ މައުލޫމާތުތައް ހާމަކުރަމުން ދަނިކޮށެވެ. ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާ އަށް ފ. އަތޮޅު ދިނުމާ ގުޅޭ ގޮތުން، އޭރުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ބަޔަކާ އެކު ދެއްކެވި ވާހަކަތައް ހިމެނޭ އޯޑިއޯއެއް ލީކް ކުރީ ވެސް ތޮއްޔިބެވެ.
ހައި ކޯޓުން ތޮއްޔިބު ދޫކޮށްލަން އަމުރު ކުރުމާ އެކު، އޭނާ ދިޔައީ ސްރީ ލަންކާއަށެވެ. އެ ގައުމުގައި އަމިއްލަ އަށް އަރުވާލެވިގެން ހުރުމަށް ފަހު ތޮއްޔިބު މާލެ އައީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމާ އެކު އެވެ.