04 ފެބުރުއަރީ 2024 - 07:52

އެކި މައްސަލަތައް ފެންމަތިކޮށް މިހާރުވެސް ޖަލު ހުކުމްތައް އިއްވާފައިވާ، ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން 2018 ވަނަ އަހަރު ކައިވެނި ބައްލަވައިގަތީ އެހެން މީހެއްގެ އިއްދާގައި އިން އަންހެނަކާ ކަމަށް ބުނެ އެ މައްސަލައިގައި ކޯޓުން ކައިވެނި ބާތިލްކޮށް ދެ ބޭފުޅުން ހަތް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.
އިމްރާން އާއި ބުޝްރާ ބީބީ ކައިވެނި ބައްލަވައިގަތީ އިމްރާން ބޮޑުވަޒީރު ކަމަށް ވަޑައިގަތުމުގެ ދުވަސްކޮޅެއް ކުރިންނެވެ. މި ކައިވެނީގެ މައްސަލަ ހުށަހެޅީ ބީބީގެ ކުރީގެ ފިރިމީހާ ޚަވާރް މަނެކާ އެވެ.
މަނެކާ ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އޭނާ ބީބީ ވަރިކުރީ ނޮވެމްބަރު 2017 ގައި ކަމަށެވެ. އިމްރާން އޭނާގެ ތިން ވަނަ ކައިވެނި ބީބީއާ ކުރީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ.
އިމްރާން ބަންދުކޮށްފައި ހުންނަ ޖަލުގައި ހަދާފައިވާ ކޯޓުން ކަނޑައެޅީ އިމްރާން ކައިވެނި ބައްލަވައިގަތީ ބީބީ އެހެން މީހެއްގެ އިއްދާގައި އިންދާ ކަމަށާއި އެހެންވެ އިސްލާމީ ހަމަތަކުން ބަލާއިރު މިއީ ސައްހަ ކައިވެންޏަކަށް ނުވާނެތީ ކައިވެނި ބާތިލް ކަމަށެވެ. އަދި މި ކުށުގެ އަދަބެއްގެ ގޮތުން ދެ ބޭފުޅުން ހަތް އަހަރަށް ޖަލަށް ލުމާ އެކު 500،000 ރުޕީސް (1،800 ޑޮލަރު) އިން ޖޫރިމަނާ ވެސް ކުރި އެވެ.
މިއީ އިމްރާނަށް ހަފްތާ ތެރޭ އިއްވި ތިން ވަނަ އަދި ބީބީ އަށް އިއްވި ދެ ވަނަ ޖަލު ހުކުމެވެ. މި ހުކުމްތައް އިއްވާފައި ވަނީ އަށް ވަނަ ދުވަހު އޮންނަ އާންމު އިންތިހާބާ ދިމާކޮށެވެ.
އިމްރާން ކްރިކެޓްގައި މަޝްހޫރު ދުވަސްވަރު ލޯބީގެ އެކި ގުޅުންތައް ހިންގި ނަމަވެސް 1995 ވަނަ އަހަރު އިނގިރޭސި ވިލާތުގެ ވަކީލެއް ކަމަށްވާ ޖެމީމާ ގޯލްޑްސްމިތު އާ ކުރެއްވި ފުރަތަމަ ކައިވެންޏާ އެކު ނުވަ އަހަރު ހޭދަކުރެއްވި އެވެ. އެ ކައިވެންޏަށް ފިރިހެން ދެ ބޭފުޅުން ލިބިވަޑައިގަތެވެ. އަދި އޭގެ ފަހުން 2015 ވަނަ އަހަރު ބީބީސީގެ ކުރީގެ ޕްރެޒެންޓަރެއް ކަމަށްވާ ރީހާމް ޚާންއާ ކައިވެނި ބައްލަވައިގަތެވެ. އެ ކައިވެންޏަށް ދެ އަހަރު ނުވެ އެ ކައިވެނި ރޫޅުނެވެ.
ވެރިކަމުގައި ހުންނެވި ހިޔާނާތުގެ އަމަލުތައް ހިންގުމާއި ދައުލަތުގެ ސިއްރުތައް ލީކުކުރި ކަމަށް ބުނެ ދެ މައްސަލައެއްގައި އިމްރާނަށް މިހާރު ވެސް ދިގު މުއްދަތުގެ ޖަލު ހުކުމް އެބަ އޮތެވެ. މިއީ އޭނާގެ ސިޔާސީ މަސައްކަތް ހުއްޓުވަން އަސްކަރިއްޔާ އަޑީގައި އޮވެގެން ކުރުވާ ކަންތައްތަކުގެ ގޮތުގައި އިމްރާން ވަނީ ސިފަކުރައްވައިގަ އެވެ.