03 ފެބުރުއަރީ 2024 - 20:47

މާފަންނު ނަލަހިޔާ ހޮޓެލުގެ ފުރަތަމަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ އެކަމުގެ ރިޕޯޓު މިއަދުގެ އިރުއޮއްސުންހާއިރު ލިބިގެން ފަޔާ އެންޑް ރެސްކިއު ސާވިސް އިން އެ ސަރަހައްދަށް ގޮސް ބެލިއިރު އެއީ އެ ތަނުގެ ފުރަތަމަ ފަންގިފިލާގައި ހުރި ސައުނާއިން އެރި ދުމެއް ކަމަށެވެ. އެ ފްލޯގައި ހުންނަނީ ޖިމެއް ކަމަށްވެ އެވެ.
އެތަނުން ދުންތައް ބޭރުކުރުމުގައި ފަޔާ ފައިޓަރުން މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އާންމުވެފައިވާ ވީޑިއޯ އިން ވެސް ފެންނަނީ އެތަނުން ވަރަށް ބޮޑަށް ދުންތައް ބޭރަށްދާ މަންޒަރެވެ.
އެކަމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކްސްގައި ކުރި ޕޯސްޓުގައި ވަނީ ދުންތައް ބޭރުވަމުންދާތީ އެކަމަށް އާންމުން ސަމާލުވުމަށް ވެސް އިލްތިމާސްކޮށްފަ އެވެ. އޭގެ ތެރޭގައި އެ ސަރަހައްދުގައި އުޅޭ މީހުން ގޭގެ ކުޑަދޮރުތައް ބަންދުކޮށްފައި ބެހެއްޓުމަށާއި ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދަށް ނުނިކުތުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
ވަކިން ހާއްސަކޮށް ނޭވާލައި ނިޒާމާއި ހިތުގެ ބަލިތައް ހުންނަ މީހުން ދުމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ބޮޑުވާނެތީ އެކަމަށް ސަމާލުވުމަށް އެ ޕޯސްޓުގައިވެ އެވެ.