04 ފެބުރުއަރީ 2024 - 06:12

އަންހެނެއްގެ ހަޔާތުގައި އަބަދު ވެސް ފިރިޔަކު ހުރުން ލާޒިމުހެއްޔެވެ؟ ލޯބިވެރިޔަކު ހުންނަން ޖެހޭހެއްޔެވެ؟ އެހެން ނޫން ނަމަ އެ އަންހެނެއްގެ ދިރިއުޅުން ފުރިހަމައެއް ނުވާނެހެއްޔެވެ؟ އަހަރެންގެ ހިތުގައި އެ ސުވާލުތައް އެނބުރެއެވެ. މައްޗަށްނާރާ ތިރިޔަށް ނުފައިބާ އެނބުރޭރޯޅިއެއްގެ ސިފައިގައެވެ. ކޮންމެ ތަނަކަށް އަހަރެން ދިޔަސް، ކޮންމެ ކަމެއް އަހަރެން ކުރިޔަސް އެ ރޯޅި އަހަރެންގެ ވަށައިގެން އެނބުރެއެވެ. އަހަރެން ހިތަށްއަރައެވެ. ފިރިޔަކު ހުރެގެން މަންމައަށް ވީ ކޮން ފައިދާއެއްހެއްޔެވެ؟ ލިބުނީ ކޮން ލޯތްބެއްހެއްޔެވެ؟ އިނދެގެންއުޅުނު އިރު، މަންމައަށް ހަޅޭއްލެވުމާއި އަނިޔާކުރުން ނޫންކަމެއް ބައްޕަ ކުރާ ހިތެއްނުވެއެވެ. ގެއަށް ބައްޕަ ވަދެއްޖެއްޔާ ކަންތަކާޖެހުނީއެވެ. އަހަރެން ކޮޓަރިއަށް ވަދެ ދޮރު ތަޅުލަމެވެ. އެހެން ނޫނީ ކަންފަތަށް އިއަފޯނު ޖަހައިފައި ފޯނުން ނިކަން ބާރަށް ލަވަޖަހަނީއެވެ. ތިންވަނަ ކަމެއް ވެސް ކުރަމެވެ. އެއީ، އެ ވަގުތަށް ގެއިން ނުކުތުމެވެ. އަހަންނަށް ހަމަޖެހިލައިގެން ނޭވައެއްލެވޭ ވަރު ވީ މަންމަ ވަރިކޮށްފައި ބައްޕަ ދިޔައީމައެވެ. ދެން އަޑުއިވުނީ އެހެން މީހަކާ ބައްޕަ ކައިވެނިކުރި ވާހަކައެވެ. އެ ބަދުނަސީބު އަންހެންމީހާ ވެސް އުޅެންޖެހުނީ މަންމަ އުޅުނު ހާލުގައެވެ. އެކަކަށް ވެސް އަނިޔާކުރާ ފިރިހެނަކު އަނެކަކަށް ވެސް އަނިޔާކުރާނެއެވެ.
އަހަންނަކީ އެކަނިއުޅެން އާދަވެފައިވާ މީހެކެވެ. އެ އާދަ ހަރުލެއްވީ، މަންމަގެ ތަޖުރިބާއަށް ވިސްނައިފައެއް ނޫނެވެ. ކޮންމެ އަންހެނަކީ ވަކި މީހެކެވެ. ކޮންމެ ފިރިހެނަކީ ވެސް ތަފާތު މީހެކެވެ. އަހަރެން ދެ މީހުންނާ ރައްޓެހިވީމެވެ. އެކަކު ވީ، ބައްޕަ ފަދައިން އަނިޔާކުރާ މީހަކަށެވެ. އޭނަޔާ ރުޅިވީމެވެ. އަހަންނަކީ މަންމައެއް ނޫނެވެ. ފިރިހެނަކު ކުޅެން ގެންގުޅޭ ބޯޅައަކަށް އަހަންނެއް ނެހެދޭނެއެވެ. ދެވަނަ މީހާ ވީ ދޮގުހަދާ މީހަކަށެވެ. އޭނަޔާ ވެސް ވަކިވީމެވެ. ތިންވަނަ ފިރިހެނަކު އިހުތިޔާރެއް ނުކުރަމެވެ. ފިރިހެނަކަށް އިތުބާރުކުރާ ހިތް ވެސް ނުވީއެވެ.
އަހަރެން އެންމެ ކުރިއްސުރެ އުޅެނީ ސަރުކާރު ވަޒީފާއެއްގައެވެ. ގިނަ ޒަމާންވުމުން ވަޒީފާ މަތިވެ، އަހަރެންނަކީ އަހަންނަށް ބޭނުންވާ ހުރިހައި ކަމެއް އަމިއްލައަށް ކުރެވޭ ފެންވަރުގެ މީހެކެވެ. އެކައުންޓުގައި ގިނަ އަދަދެއްގެ ފައިސާ ރައްކާކުރެވުނެވެ. މާލޭގައި ގެދޮރެއް ނެތެވެ. އުޅެނީ ދައްތައެއް ކައިރީގައެވެ. ކުޑަކުޑަ ކޮޓަރިއެއްގައެވެ. އަތުން ދަނީ ވަރަށް ކުޑަ އެއްޗެކެވެ. އަހަންނަށް އެ ދިރިއުޅުން ރަނގަޅެވެ. ހިތްހަަމަޖެހެއެވެ. ހިތްހަމަނުޖެހެނީ އަހަރެންގެ ތިމާގެ އެެހެން މީހުނަށެވެ. އެ އެންމެންނަކީ ވެސް މީހުނާއިނދެ ކުދިން ތިބި މީހުންނެވެ. ދިރިއުޅުމެއްކަމަށް އެ މީހުން ދެކެނީ މީހަކާ އިނދެ، ދަރިޔަކު ވެސް ހުރީމައެވެ. އެ ކަން ފުރިހަމަނުވާތީ، އެހެން މީހުން ވަރަށް ކަންބޮޑުވެ، އެ ވާހަކަދައްކައެވެ. ދެއްކިޔަސް އަހަންނަށް ހެވެވެ. ވާނެ ގެއްލުމެއް ވެސް ނެތެވެ. އެކަމަކު އަބަދު އެއް ވާހަކަތަކެއް ދައްކާތީ ބޮލަށްއުނދަގޫވެއެވެ. ފެންނަ ކޮންމެ ތަނަކުން ކުރާ ސުވާލުތަކުން ފޫހިވެއެވެ. ހިތަށްއަރައެވެ. ފުރޭންޏެއް ހިފައިގެން ނުކުންނަންވީއެވެ. އަހަންނާ ވެސް އިންނާނެ މީހަކު ވާނެއެވެ. އޭނަ ކަމުނުގޮއްސިއްޔާ ކުރީ ދެ މީހުންނަށް ވެސް ހެދި ގޮތް ހެދޭނެ ނޫންހެއްޔެވެ؟
އޮފީހަށްދާން ތައްޔާރުވާން ލޯގަނޑު ކުރިމަތީގައި ހުއްޓި ހުރެ، އަހަރެންގެ ސިފަޔަށް އަހަރެން ބަލައިލީމެވެ. ފައިން ފެށިގެން ބޮލަށެވެ. އަހަންނަކީ މިސް ޔުނިވާސްއެއް ނޫނެވެ. އެކަމަކު ޔަގީނުން ވެސް އަހަންނަކަށް އަހަރެން ހުތުރެއް ނޫނެވެ. ހިމަތޮޅިއެވެ. އިސްކޮޅުން ދިގެވެ. އިސްތަށިގަނޑު މާ ބޯ ނޫން ނަމަވެސް ފަންވެފައި ދިގެވެ. ބުރުގާއަޅާތީ އެހެން މީހުންނަކަށް އެ ކަމެއް ނޭނގޭނެއެވެ. ކުލަ އޮޅަލިއެވެ. އަހަރެންގެ ލޮލާއި، އަޑާއި، މޫނުގެ ބައްޓަމާއި، ތުންފަތް ވެސް އަހަންނަށް ވަރަށް ރީއްޗެވެ. އުމުރުން ހަތާވީސް އަހަރެވެ. ނަމަކީ އާލިޔާއެވެ. އެ ނަން ހަނދާންބަހައްޓާށެވެ.
އަހަރެންގެ އަތްމަތި ތަނަވަހެވެ. ބޭކާރު ހަރަދުކުރުމަކީ އަހަރެން ކުރާކަމެއް ނޫނެވެ. އުމުރުން ފަނަރަ އަހަރުއްސުރެ އަހަރެން ބުރުގާއަޅަމެވެ. އެއީ އަހަރެންނަށް ރީތިވެގެން، އަމިއްލަ އިހުތިޔާރުގައި ކުރި ކަމެކެވެ. ބުރުގާއަކީ އަހަރެންގެ ހިމާޔަތެވެ. އަބުރެވެ. ފަރުދާ ވެސް މެއެވެ. އަހަންނަށް ވަރަށް ގިނަ ކުލަ ރީއްޗެވެ. ދޫކޮށް ހެދުން ހުރުމުން ވަކީން ރީއްޗެވެ. މީހުންނާ ގައިގޯޅިވެ، އިސްވެ ވާހަކަދައްކައި، ފޯނުން ގުޅުމަކީ ވެސް އަހަރެންގެ ނެތް ސިފައެކެވެ. ފެންނަ ކޮންމެ މީހަކަށް ހިނިތުން ނުވުމަކީ އަހަރެންގެ މިޒާޖެވެ. ފިރިހެނުންނަށް މަޅިފަތިޖަހާކަށް އަހަންނަށް ވަގުތެއް ނޯވެއެވެ. އަހަރެން ވަށައި ފިރިހެނުން މުގޯލިނާޅަނީ އަހަރެން ހިފަހައްޓާ އުސޫލުތަކެއް ހުންނާތީކަމަށް ވެދާނެއެވެ. އެއީ ކިބުރުވެރިކަމެއް ނޫނެވެ. މީހުންނަށް އަހަރެން ނޭނގެނީއެވެ.
ދުވާލުގެ ގިނަ ވަގުތު އަހަރެން ހޭދަކުރަނީ އޮފީހުގައެވެ. އަހަރެންގެ އޮފީހަކީ އެކި ފެންވަރުގެ ފިޔަފާރިވެރިން އައިސްގޮސްވާ އޮފީހެކެވެ. ވިޔަފާރިޔާ ގުޅުންހުރި އެކި ކަންކަމުގައި ފީދެއްކުމަށް ޓަކައެވެ. ގިނަ އަދަދެއްގެ ފިރިހެނުން، ކޮންމެ ދުވަހަކު ވެސް އަހަރެންގެ ލޯކުރިމަތީގައި ތިބެއެވެ. ބޫޓު ވިއްކާ ފިހާރައެއްގައި ބޫޓުތައް އަތުރާފައިހުންނަހެންނެވެ. އަހަރެންގެ ނަސީބަކީ އެއީއެވެ. ބަދުނަސީބަކީ، އަމިއްލަ ދިރިއުޅުމާ ބެހޭ ގޮތުން އެކަކު ވެސް ވާހަކަނުދައްކާކަމެވެ. ދެކެވޭނީ ރަސްމީ ވާހަކަތަކެވެ. އެންމެންނަކީ ހިދުމަތްހޯދާމީހުންނެވެ. އަހަންނަކީ ހިދުމަތްދޭ މީހާއެވެ. އެ ނޫން ގުޅުމެއް ނޯންނާނެއެވެ. އެ ފަދަ އުނދަގޫ މާހައުލެއްގެ ތެރެއިން އެކަކު އަހަރެންގެ ލޮލުގައި އަޅައިގަންނަން ފެށިއެވެ. އޭނަގެ ނަމަކީ ކިނާންއެވެ.
ކިނާނަކީ ނަލަކޮށް ހުންނަ މީހެކެވެ. ހަފުތާއަކު ދެތިން ފަހަރު އޭނަ ފެނެއެވެ. ދިމާވެއެވެ. ސިފަޔަށް ވުރެ އޭނަގެ މިޒާޖު ނަލައެވެ. އެންމެނަށް އިހުތިރާމުކުރެއެވެ. އަދަބުވެރިކޮށް ވާހަކަދައްކައެވެ. ވަކީން ހާއްސަކޮށް އަހަންނާ މެދު ތަފާތު ނަޒަރަކުން އޭނަ ދެކޭހެން އަހަންނަށް ހީވާން ފެށިއެވެ. މީހެއްގެ ނިޔަތާ މެދު ސުވާލުއުފެއްދުމަށް އޭނަގެ އެންމެ ބަލައިލުމަކުން ވެސް ފުދެއެވެ. އިތުރު އެންމެ ސިކުންތަކު ބަލަހައްޓައިގެން ހުރުން ވެސް ފުދެއެވެ. އަހަރެންގެ އޮފީހަށް ކޮންމެ މީހަކު ވެސް އަންނާނީ އެ މީހެއްގެ އަމިއްލައެދުމައިގެންނެވެ. އެ ކަމެއް ހަމަޖެހުމުން އެ މީހަކު ބަލާނީ ވީހައި ވެސް އަވަހަކަށް ދެވޭތޯއެވެ. ކިނާން ތަފާތެވެ. އަހަރެންގެ މަންމަ ބަލިވެގެން އުޅުނު ދުވަހަކު އަހަންނަށް އޮފީހަށް އާދެވުނީ، ހެނދުނު މަންމައަށް ދޭންޖެހޭ ބޭސް ނުދީއެވެ. ދައްތަ ވެސް ވީ ހޮސްޕިޓަލުގައެވެ. އަހަރެން ވަރަށް ކަންބޮޑުވިއެވެ. ދުވަހަކީ މީހުން ފުރިފައިއޮތް ދުވަހެކެވެ. ޑިއުޓީ ހަވާލުކުރާނެ އެހެން ކުއްޖަކު ވެސް ނެތެވެ. އަހަރެންގެ ދެއަތުން މީހުންނަށް ހިދުމަތްދިން ނަމަވެސް، ހިތް އޮތީ މަންމަ ކައިރީގައެވެ.
"ހާދަހާ ބަނަ ދުވަހެއް!" ކިނާން ބުނެލިއެވެ.
އަހަރެން ހަމަ ހައިރާންވިއެވެ. ތެދަށް ބުނާ ނަމަ، ކިނާންގެ ނަމުގެ ތިރީގައި ރޮނގުބުރިއެއް ދަމައިލެވުނީ އެ ދުވަހުއެވެ. ހިނިތުންވެލުމަކުން ކިނާނަށް ޖަވާބުދިން ނަމަވެސް އެތައް ވާހަކައެއްދައްކަން އަހަރެން އިނީ ބޭނުންވެފައެވެ. އޭގެ ފަހުން، އަހަރެން އިސްވެ ކިނާނާ ވާހަކަދައްކަން ފެށީމެވެ. އޭނަގެ ގަމީހަށާއި، ސެންޓަށް ވެސް ކުރުކޮށް ކޮމެންޓުކުރަން ފެށީމެވެ. އޭގެ މާނަ ކިނާނަށް އެނގޭނެކަމަށް އުންމީދުކޮށްގެންނެވެ. އޭނަ ވަރަށް ކުޅަދާނައެވެ.
އަހަރެން ހިތްހަމަނުޖެހިފައި ނުވަތަ ކިރިޔާ ވެސް މާޔޫސްވެފައިހުރެއްޖެ ނަމަ އޭނައަށް އެނގެއެވެ. ދުރުދުރުން ހާލުއަހުވާލު އަހައެވެ. ކެއިތޯ، ބަނޑުހައިވެފައިތޯ ވެސް އަހައެވެ. އަހަންނަކީ ނުދަންނަ މީހުންނާ ވަރަށް ވާހަކަނުދައްކާ މީހެކެވެ. ގިނަ ވާހަކަ އަހަރެން ދައްކާނީ ބޮލުންނެވެ. އޮފީހުގައި ވަރަށް ގިނަ ކައުންޓަރު ހުރެއެވެ. ގިނަ ކައުންޓަރުގައި ތިބޭނީ، އަހަންނަށް ވުރެ މާ ރީތި އަންހެންކުދިންނެވެ. ރީތިކަމުން އަހަރެން ފަސްވަނައަށް ވެސް ނުދާނެއެވެ. އެކަމަކު ކިނާން އަބަދު ވެސް ބަލަނީ އަހަރެން އިންނަ ކައުންޓަރަށް އާދެވޭތޯއެވެ. އެ ކަން ވެސް އަހަންނަށް ފާހަގަކުރެވުނެވެ. އަހަރުމެންގެ ބީރައްޓެހިކަން ފަނޑުވެ، އެކުވެރިކަން ގަދަވެ، އޭގެ ތެރެއަށް ލޯބީގެ ކުލަތައް ފޭދި، ހަލުވިކަމާއެކު ފެތުރެން ފެށިއެވެ.
ލޯބިވެރިންނަކީ ބައްދަލުކުރާ ބައެކެވެ. ގައިގޯޅިވާ ބައެކެވެ. އަހަންނަކަށް އެހެނެއް ނޫޅެވެއެވެ. ވަގުތެއް ވެސް ނޯވެއެވެ. ގިނައިން ވާހަކަދައްކަނީ ފޯނުންނެވެ. ދެތިން ފަހަރަކު ރެސްޓޯރަންޓުން ބައްދަލުކުރީމެވެ. ލޯބީގެ ފޮތުން ހައެއްކަ ގަނޑު އެއްލުމަށް ފަހު، މެދުން ބޮޑުބައެއް ދޫކޮށްފައި، ދެން އަހަރުމެން ދިޔައީ ކައިވެނީގެ ސަފުހާއަށެވެ. އެ ހިސާބަށްދިޔަ އިރު ވެސް، ކިނާންގެ ފަރާތުން އަހަންނަށް ފެނުނީ ރަނގަޅު ސިފަތަކެވެ. އެހެން ސިފައެއް އޭނަ ނުދައްކަނީހެއްޔެވެ؟ އެޔެއް ނޭނގެއެވެ. ކައިވެނީގެ ވާހަކަދެކެވުމުން، ކިނާންގެ ދިރިއުޅުމާ ބެހޭ ގޮތުން، ފުރަތަމަ ފަހަރަށް ވާހަކަދެކެވުނެވެ.
ކިނާން ދިރިއުޅެނީ އެއް ކޮޓަރީގެ އެޕާޓުމަންޓެއްގައެވެ. އޭނައަކީ މާލޭ މީހެއް ނޫނެވެ. އެއީ ކުރިން އަހަންނަށް ނޭނގޭ ކަންކަމެވެ. އަހަންނަކީ ވެސް މާލޭ މީހެއް ނޫނެވެ. ހަގީގަތުގައި އެއީ މައްސަލައެކެވެ. އެ އެޕާޓުމަންޓު އަހަންނަކަށް ނުއެއް ދައްކައެވެ. ދައްކަން ގެންދާށޭ ބުނުން އެއީ އައިބުކަމަކަށް ވެދާނެތީ އަހަރެން އެ ކަމަކަށް ނުވެސް އެދެމެވެ. އެއީ ވެސް މައްސަލައެކެވެ. ހިތަށް ނުތަނަވަސްކަން ވެރިވިކަމެކެވެ. ކައިވެންޏަށް އަހަރެންގެ މަންމައާއި ބައްޕަ ވެސް ގަބޫލެވެ. ކިނާނަކީ ކާކުތޯ ވެސް ނުބަލައި ބައްޕަ ރުހުންދީފައި އެ ހިސާބުން ނިންމައިލީއެވެ. ހީވަނީ އަހަރެން އެއްޗަކަށް އެދިފާނެތީ ބައްޕަ ބިރުގަތީހެންނެވެ. ކިނާންގެ އާއިލާ ވެސް ގަބޫލެވެ. އެއީ ކިނާން ބުނީތީ އަހަރެން ގަބޫލުކުރި ކަމެކެވެ. ލޯމަރާލައިފައި އަހަރެން ކިނާނަށް އިތުބާރުކުރީއެވެ. އެއީ ވެސް މައްސަލައެކެވެ.
ކައިވެނީގެ ކަންކަން ހަމަޖެހުމުންއައި އިރު، ބޮޑު ހަރަދެއްހިނގާނެ އެއްވެސް ކަމެއް ނެތެވެ. ޕާޓީ ބާއްވާކަށް އަހަރެން ބޭނުމެއް ނޫނެވެ. ކައިވެނިކުރީ ކޯޓުގައެވެ. ކޯޓުން ނުކުމެގެން އަހަރުމެން ދިޔައީ، ކުރިއްސުރެ ކިނާން ހުވަފެންދެއްކި ކޮޓަރިއަށެވެ. އެ އިމާރާތަށް ވަދެ، އެޕާޓުމަންޓާ ކައިރިވަމުންއައި އިރު، އަހަރެންގެ ހިތުގައި އުފެދެމުންދިޔައީ މަސްހުނި އިހުސާސެކެވެ. ކުރިން އަހަރެން އެ ތަނަށް ނުގެންދިޔައީ އެ ތަން ދައްކަން ކިނާނަށް ނުކެރޭތީހެއްޔެވެ؟ ނުވަތަ އަހަރެން ސިއްސައިލަން ކިނާން ބޭނުންވާތީހެއްޔެވެ؟ ތަން އެހައި ވެސް ފުރިހަމައީހެއްޔެވެ؟ މަކަރުހަދައި ދޮގުހެދުމަކީ ކިނާން ދަންނަކަމެއް ނޫނެވެ. ކުރި ކަމެއް ނޫނެވެ. ދޮރުމައްޗަށް ހުއްޓިފައި ކިނާން ބަލައިލީ އަހަންނަށެވެ.
"ލޯމަރާ!" ކިނާން އެދުނެވެ.
އަހަރެން ހިތަށްއެރިއެވެ. އަހަރެން ސިއްސައިލުމުގައި ކިނާނަށް ކާމިޔާބުވާނެބާއެވެ؟ ލޯމެރުމުން ދޮރު ހުޅުވައި އަހަރެން އެތެރެއަށް ވެއްދިއެވެ. ތަން ނުފެނުނަސް އަހަންނަށް ވަހެއްދުވިއެވެ.
ނުނިމޭ