އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ފަށައިފި
އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ފަށައިފި

އަންނަ މާޗު މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ މިއަދު ފަށައިފި އެވެ.

އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ފަށައިފި
އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ފަށައިފި

އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު ވިދާޅުވީ މަޖިލީހުގެ 93 ދާއިރާއެއްގެ ތެރެއިން ޕްރައިމަރީ ބާއްވަން ހަމަޖައްސާފައިވާނީ 40 ދާއިރާއަކަށް ކަމަށެވެ. އެ ދާއިރާތަކަށް 149 ކެންޑިޑޭޓުން ވާދަކުރާއިރު، ވޯޓުލުމުގެ ހައްގު ލިބިފައިވަނީ އީސީގެ ދަފްތަރަށް ބަލައި، އެ ދާއިރާތަކަށް ނިސްބަތްވާ 25،325 މީހުންނަށެވެ.

ބާކީ 53 ދާއިރާގެ ތެރެއިން، އެއްވެސް ކެންޑިޑޭޓަކު ކުރިމަތިނުލަނީ އޭދަފުށީ އަދި ނިލަންދޫ ދާއިރާއަށެވެ.

އިތުރު ކެންޑިޑޭޓަކު ކުރިމަތިނުލާތީ، 51 ދާއިރާއެއްގެ ޓިކެޓު ވަނީ ގިނަ ބަޔަކަށް ކަށަވަރުވެފަ އެވެ. އޭގެ ތެރޭގައި، މަޖިލީހުގެ މިހާރުގެ މެމްބަރުންނާއި ކުރީގެ ސަރުކާރުގައި އިސް މަގާމުތައް ފުރުއްވި ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.

އެމްޑީޕީން ބުނީ ވޯޓުލުން އޮންނާނީ 95 ރަށަކާއި މާލޭގެ މަޖީދިއްޔާ އަދި ޖަމާލުއްދީން ސްކޫލުގައި ކަމަށެވެ.

މަޖިލިސް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު އެވެ.