ވިޖޭ ސިޔާސީ ޕާޓީއެއް އުފައްދަނީ
ވިޖޭ ސިޔާސީ ޕާޓީއެއް އުފައްދަނީ

ދެކުނު އިންޑިއާގެ ސިނަމާގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ ތަލަޕަތީ ވިޖޭ އަމިއްލަ ސިޔާސީ ޕާޓީއެއް އުފައްދަން ނިންމައިފި އެވެ.

ވިޖޭ އަމިއްލަ ސިޔާސީ ޕާޓީއެއް އުފައްދަން ނިންމިކަން އިއުލާންކުރީ ސޯޝަލް މީޑިއާ މެދުވެރިކޮށް އިއްޔެ އެވެ. އެ ޕާޓީގެ ނަމަކީ "ތަމިލާގާ ވެތުރީ ކަޒާގަމް" އެވެ.

ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ވިޖޭ ބުނީ އޭނާ މި ޕާޓީ އުފެއްދީ 2026 ވަނަ އަހަރު ބާއްވާ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ދަށުގޭގެ އިންތިހާބުގައި ވާދަކުރުމަށް މިހާރުން ފެށިގެން ތައްޔާރުވުމުގެ ގޮތުން ކަމަށެވެ.

އޭނާ ބުނި ގޮތުގައި، މި ޕާޓީ އުފައްދަނީ ޓެމިލް ނާޑޫގެ ރައްޔިތުން ބޭނުންވާ ބަދަލު ގެނެސްދިނުމުގެ މަގުސަދުގަ އެވެ.

މި ޕާޓީ ރަޖިސްޓްރީކުރަން އިންޑިއާގެ އިލެކްޝަންސް ކޮމިޝަނަށް މިހާރު ފޯމު ހުށަހަޅާފައިވާ ކަމަށް ވެސް ވިޖޭ ބުންޏެވެ.

"ޕާޓީ ރަޖިސްޓްރީކުރުމާ އެކު ސިޔާސީ ހަރަކާތްތައް ފަށާނަން. ޕާޓީގެ ސިޔާސަތާއި އުސޫލްތަކާއި ލޯގޯ އާއި ދިދަ އާއި އެކްޝަން ޕްލޭން މި ހަރަކާތްތަކާ އެކު ކުރިއަށް ދާނެ،" އޭނާ ބުންޏެވެ.

ވިޖޭ ބުނީ އަންނަ މެއި މަހު ބާއްވާ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ދަށުގޭގެ އިންތިހާބުގައި، އޭނާގެ ޕާޓީގެ ފަރާތުން ވާދަކުރަން ބޭނުންވާ މީހުންނަށް ވެސް އެ ފުރުސަތު ދޭނެ ކަމަށެވެ.

ދެކުނު އިންޑިއާގެ ސިނަމާގެ އެންމެ ކާމިޔާބު އެކްޓަރުން ކެރިއަރުގެ ވަކި ހިސާބަކުން ސިޔާސީ ދާއިރާއަށް ނުކުތުމަކީ ވަރަށް އާންމު ކަމެކެވެ. ނަމަވެސް، ސިޔާސީ ދާއިރާގައި ހަރުލަނީ އޭގެ ތެރެއިން ވަރަށް މަދު މީހެކެވެ.

ވިޖޭގެ ފިލްމެއް އެންމެފަހުން ނުކުތީ މިދިޔަ އަހަރެވެ. އެއީ "ލިއޯ" އެވެ. އެ ފިލްމަށް ވަނީ 600 ކްރޯޑް ރުޕީސްގެ ރިކޯޑް އާމްދަނީއެއް ލިބިފަ އެވެ.