03 ފެބުރުއަރީ 2024 - 06:43

އިންޑިއާގެ ޒުވާން މޮޑެލް ޕޫނަމް ޕާންޑޭ ކެންސަރު ބަލީގައި މަރުވެއްޖެ އެވެ.
އުމުރުން 32 އަހަރު ޕޫނަމް މަރުވީ ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަށް ފަރުވާ ހޯދަމުން އަންނަނިކޮށް މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އޭނާގެ މެނޭޖަރު ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އެ ހަބަރު ކަށަވަރުކޮށްދީފަ އެވެ. ޕޫނަމް އަށް ކެންސަރު ޖެހުނުކަން އެނގުނުއިރު އޭނާ ހުރީ ވަރަށް އެޑްވާންސް ސްޓޭޖެއްގައި ކަމަށް ވެސް މެނޭޖަރު ބުންޏެވެ.
ޕޫނަމް އަކީ އޭނާގެ މޮޑެލިން ކެރިއަރުގައި ރާއްޖޭގައި ގިނަ ޝޫޓްތަކެއް ކޮށްފައިވާ މޮޑެލްއެކެވެ. ނަމަވެސް، ރާއްޖެ އާއި އިންޑިއާ ދެމެދު މިފަހުން ސޯޝަލް މީޑިއާގައި ހޫނުވި މައްސަލަގަނޑަށް ފަހު އޭނާ ވަނީ ޝޫޓިންތަކަށް ރާއްޖެ ނާންނަން ނިންމައިފަ އެވެ.
އޭނާ އެގޮތަށް ނިންމިއިރު، މިދިޔަ މަހު އޭނާގެ ފޮޓޯޝޫޓެއް ރާއްޖޭގައި ކުރަން ތާވަލުކޮށްފައި އޮތެވެ.
ރާއްޖޭގައި ފޮޓޯޝޫޓް ނުކުރާނެ ކަމަށް ބުނެ އޭނާ އިންސްޓަގްރާމްގައި ކުރި ޕޯސްޓުގައި އޭރު ބުނީ ރާއްޖެއިން އިންޑިއާ އާއި އެ ގައުމުގެ ބޮޑުވަޒީރަށް މަލާމަތްކުރުން ބަލައިނުގަނެވޭ ކަމަށެވެ. އަދި ރާއްޖޭގައި ޝޫޓްކުރުމުގެ ބަދަލުގައި އޭނާ ދެން އިހުތިޔާރުކުރާނީ ލަކްޝަދީޕް ކަހަލަ އިންޑިއާގެ ރީތި ލޮކޭޝަންތައް ކަމަށް އޭނާ ބުންޏެވެ.
ޕޫނަމް މޮޑެލިންގެ ދާއިރާއަށް ނުކުތީ 2010 ވަނަ އަހަރު އެވެ. އަދި 2013 ވަނަ އަހަރު އޭނާ ވަނީ "ނަޝާ" ކިޔާ ފިލްމަކުން ބޮލީވުޑަށް ތައާރަފުވެފަ އެވެ. ނަމަވެސް، ފިލްމީ ދާއިރާގައި އޭނާއަށް މާ ބޮޑު ކުރިއެރުމެއް ނުލިބުނެވެ.