މެސީގެ ސައުދީ ދަތުރުގެ ނަތީޖާތައް ދިޔައީ ފަނުފުލުން
މެސީގެ ސައުދީ ދަތުރުގެ ނަތީޖާތައް ދިޔައީ ފަނުފުލުން

ރިޔާދު (ޖެނުއަރީ 2) - ލިއޮނެލް މެސީގެ އިންޓަ މަޔާމީ ޕްރީސީޒަންގައި ސައުދީ އަރަބިއްޔާއަށް ކުދި ދަތުރުގައި ކުޅުނު ދެ މެޗުން ވެސް ބަލި ވެއްޖެ އެވެ.

ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅޭ އައް ނަސްރާ ދެކޮޅަށް ބުރާސްފަތި ދުވަހުގެ ރޭ ކުޅެ، އިންޓަ މަޔާމީ ބަލިވީ 6-0 އިންނެވެ. އޭގެ ކުރިން ބްރެޒިލްގެ ތަރި ނޭމާ ކުޅޭ އަލް ހިލާލާ ދެކޮޅަށް ކުޅެގެން ބަލިވީ 4-3 އިންނެވެ. މި މެޗުތަކުގައި ރޮނާލްޑޯ އާއި ނޭމާ ކުޅެފައެއް ނުވެ އެވެ.

އަނިޔާގެ ސަބަބުން މެސީ ރޭގެ މެޗުގައި ފެށީ ބެންޗުންނެވެ. މެޗުގެ 83 ވަނަ މިނިޓުގައި ކުޅެން ނުކުތް އިރު ވެސް އިންޓަ މަޔާމީ ކޮޅަށް ނަސްރުން އޮތީ ހަ ގޯލު ޖަހައިފަ އެވެ

ރޮނާލްޑޯ ދަނޑުގެ ވީއައިޕީގައި މެޗު ބަލަން އިންދައި، ނަސްރުގެ ފޯވާޑް ޓަލިސްކާ ވަނީ ހެޓްރިކެއް ފުރިހަމަކޮށް، ރޮނާލްޑޯގެ "ސިއޫ" ސެލެބްރޭޝަނާ އެކު އުފާފާޅު ކޮށްފަ އެވެ. މި މެޗުގައި ދެން ލަނޑު ޖެހީ އޮޓޭވިއޯ އާއި އައިމެރިކް ލަޕޯޓް އަދި މުހައްމަދު މަރާން އެވެ.

ކުރީ މެޗުގައި ހިލާލާ ދެކޮޅަށް މަޔާމީގެ ލަނޑުތައް ޖަހައިދިނީ ލުއިސް ސުއަރޭޒް އާއި މެސީގެ އިތުރުން ޑޭވިޑް ރުއިޒް އެވެ. މެސީގެ ގޯލަކީ ޕެނަލްޓީއަކުން ކާމިޔާބު ކުރި ގޯލެކެވެ. ހިލާލުގެ ގޯލުތައް ޖަހައިދިނީ އަލެކްސެންޑާ މިޓްރޮވިޒާއި އަބްދުﷲ އަލް ހަމްދާން އަދި މައިކަލް އާއި މެލްކޮމް އެވެ.

އިންޓަ މަޔާމީ މިހާތަނަށް ކުޅުނު ޕްރީ ސީޒަންގެ ހަތަރު މެޗުން ވެސް މޮޅެއް ނުހޯދެ އެވެ. އެންމެ ފުރަތަމަ އެލް ސަލްވަޑޯގައި ކުޅެ ލަނޑެއް ނުޖެހި ނިންމާލި މެޗަށް ފަހު އެގައުމުގެ އެފްސީ ޑަލާސް އަތުން ވަނީ 1-0 ގެ ނަތީޖާއަކުން ބަލިވެފަ އެވެ.

ޕްރީ ސީޒަންގައި އިންޓަ މަޔާމީން ވަނީ އިތުރު ތިން މެޗެއް ކުޅެން ރާވައިފަ އެވެ. އެންމެ އަވަހަށް އޮތީ ހޮންގް ކޮންގް ލީގުން ހޮވާލެވޭ ކުޅުންތެރިންތަކެއް ހިމެނޭ ޓީމަކާ ދެކޮޅަށް އެގައުމުގައި ކުޅޭ މެޗެވެ. އެއަށް ފަހު ޖަޕާމުގައި ވިސެލް ކޯބީ އާ ދެކޮޅަށް ކުޅުމަށް ފަހު، ޕްރީސީޒަން ނިންމާލާނީ މި މަހުގެ 15 ގައި އާޖެންޓީނާގެ ނެވެލްސް އޯލްޑް ބޯއީސްއާ ދެކޮޅަށް ފްލޮރިޑާގައި ކުޅޭ މެޗުންނެވެ. އެމެރިކާ ލީގު ފަށާނީ އޭގެ ހަ ދުވަސް ފަހުންނެވެ.