14 ފެބުރުއަރީ 2017 - 14:10

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިވާ ކެއާ ސޮސައިޓީ އަށް ފައިސާގެ އެހީއެއް ބޭންކް އޮފް މޯލްޑިވްސްއިން (ބީއެމްއެލް) އިން މިއަދު ދީފިއެވެ.

ބީއެމްއެލް އިން ބުނީ "އަހަރެންގެ ބޭންކް" ކެމްޕޭންގެ ބައެއްގެ ގޮތުގައި، ބޭންކުން ކެއާ ސޮސައިޓީ އަށް ހަދިޔާކުރި 150,000 ރުފިޔާ ބޭނުންކުރުމަށް ހަމަޖެހިފައި ވަނީ ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް އެ ޖަމިއްޔާއިން މިހާރު ކުރިޔަށް ގެންދާ ޕްރޮގްރާމްތަކަށް ކަމަށެވެ.
އެ ޖަމިއްޔާއަށް ފައިސާ ހަވާލުކުރުމުގެ ރަސްމިއްޔާތު އޮތީ ކެއާ ސޮސައިޓީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ އާއި ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓަ އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފް އާއި ބޭންކުގެ މުވައްޒަފުންނާއި، ކެއާ ސޮސައިޓީގެ ޗެއާޕާސަން، މެނޭޖްމަންޓް، ކެއާ ޓްރެއިނިންގް ސެންޓަރުގެ ޓީޗަރުންނާއި ދަރިވަރުން ބައިވެރިވި އެވެ.
ކެއާ ސޮސައިޓީން ހިންގާ ކެއާ ޑިވެލޮޕްމަންޓް ސެންޓަ (ސީޑީސީ) އިން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށާއި މީހުންނަށް ތައުލީމީ އަދި އެހެނިހެން ރިހިބިލިޓޭޝަން ހުނަރުތައް ދަސްކޮށްދިނުމަށް ކްލާސްތައް ދަނީ ހިންގަމުންނެވެ. އެގޮތުން އުމުރުން ހަ އަހަރުން ދަށުގެ އުމުރުފުރާއަށް ހާއްސަ އާލީ އިންޓަވެންޝަން ޕްރޮގްރާމް އާއި އުމުރުން 13 އަހަރާއި 30 އަހަރާއި ދެމެދުގެ ކުދިންނަށް ހާއްސަކޮށްގެން ވޮކޭޝަނަލް ޕޮރްގްރާމެއް ހިންގަ އެވެ.
އޭގެ އިތުރުން ކެއާ ޓްރައިނިން ސެންޓަރުން ދަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އެކްރެޑިޓްކޮށްފައިވާ ޑިސެބިލިޓީ ރިލޭޓެޑް ޓްރެއިނިންތައް އާންމުންނަށާއި ކުންފުނިތަކަށް ހިންގައިދެމުންނެވެ.
"ރާއްޖޭގެ އެކި ކަންކޮޅުތައް ކުރިއަރުވައި ތަރައްގީކުރުމަކީ ބޭންކް އޮފް މޯލްޑިވްސް އިން ނުހަނު އިސްކަންދޭ ކަމެއް. އަދި ވަކިން ހާއްސަކޮށް އެހީ އަށް ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ބޭންކުގެ އަމާޒު. މިފަދަ މުހިންމު ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ހާއްސަ އުފަލެއް. އަޅުގަނޑުމެންގެ އެހީ އަމާޒު މިކުރަނީ ވީހާވެސް ގިނަ ކުދިންތަކަކަށް މުހިންމު ތައުލީމީ އަދި އިޖުތިމާއީ ހުނަރުތަކެއް ދަސްވާނެ ފަދަ ޕްރޮގްރާމްތަކަކަށް،" މިއެހީ އާއި ގުޅޭ ގޮތުން ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވި އެވެ
ކެއާ ސޮސައިޓީގެ އެގްޒެކެޓިވް ޑިރެކްޓަރު އައިމިނަތު ނައުޝާން މުހައިމިން ވިދާޅުވީ ބީއެމްއެލްއިން ދިން އެހީގެ ފައިސާ ހަރަދުކުރުމަށް ނިންމާފައި ވަނީ ސީޑީސީގެ ޕްރޮގްރާމްތައް އިތުރަށް ހަރުދަނާ ކޮށް ކުދިންނަށް ބޭނުންވާ ތަކެތި ހޯދުމަށް ކަމަށެވެ.
"މިކުދިންނަށް ބޭނުންވާ ބައެއް ތަކެއްޗަކީ އަޅުގަނޑުމެންނަށް އެހާ ފަސޭހައިން ހޯދަން ލިބޭ އެއްޗިއްސެއް ނޫން. އެހެންވީމާ މިފަދަ ކޮންމެ އެހީއަކީ ވަރަށް ގިނަ ކުދިންތަކަކަށް މުހިންމު ފައިދާތަކެއް ވާނެ ވަރަށް ބޭނުންތެރި އެހީއެއް،" އޭނާ ވިދާޅުވި އެވެ.
ބީއެމްއެލް އިން ހިންގާ "އަހަރެންގެ ބޭންކް" ކެމްޕޭނަކީ ދިވެހިންނާއި ދިވެހި މުޖުތަމައުއަށް ބީއެމްއެލް އާ އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ ކެމްޕޭނެކެވެ. އެ ބޭންކުން ވަނީ މީގެ ކުރިން ސީއެސްއާރު ހަރަކާތްތަކަށް ބޭންކުން ހޭދަކުރާ ވަރު މި އަހަރު ދެގުނަ ކުރާނެ ކަމަށާ އަދި ރާއްޖޭގެ އެކި މުޖުތަމައުތަކަށް އެހީވުމަށް ޖުމްލަ 300 މިލިއަން ރުފިޔާ އިންވެސްޓް ކުރާނެ ކަމަށް ބުނެފަ އެވެ.