ރާއްޖޭގައި އެއާ ކާގޯއާ ބެހޭ ގައުމީ ދިރާސާއެއް ކުރަނީ
ރާއްޖޭގައި އެއާ ކާގޯއާ ބެހޭ ގައުމީ ދިރާސާއެއް ކުރަނީ

ރާއްޖޭގައި އެއާ ކާގޯއާ ބެހޭ ގައުމީ ދިރާސާއެއް ހެދުމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް)އިން ގައުމީ ޔުނިވާސިޓީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ރާއްޖޭގައި އެއާ ކާގޯއާ ބެހޭ ގައުމީ ދިރާސާއެއް ކުރަނީ
ރާއްޖޭގައި އެއާ ކާގޯއާ ބެހޭ ގައުމީ ދިރާސާއެއް ކުރަނީ

މި އެއްބަސްވުމުގައި ސޮއިކުރެއްވީ އާރުއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން އާއި އެމްއެންޔޫގެ ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އަހުމަދެވެ.

އާރްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ މި ފަދަ ދިރާސާއެއް ކުރަން ނިންމީ އެ ކުންފުނީގެ ހިދުމަތްތައް ފުޅާކުރެވެން ހުރި ދާއިރާތައް ދެނެގަނެ، އެ ދާއިރާތަކުން ހިދުމަތްތައް ފުޅާކުރުމަށް ކަމަށެވެ. އަދި ރާއްޖެ އަކީ ޖަޒީރާ ގައުމަކަށް ވާތީ، ރާއްޖޭގައި ބޭހާއި ކޮންޒިއުމާ ގުޑްސް ފޯރުކޮށްދިނުމުގައި ދިމާވަމުންދާ ދަތިތައް ދެނެގަތުމުގެ މުހިންމުކަން ބޮޑު ކަމުން ކަމަށް އޭނާ ވިދާޅުވި އެވެ.

މުބީން ވިދާޅުވި ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޓޫރިޒަމް ތަރައްގީވެ ފުޅާވަމުންދާއިރު، މި ފަދަ ހިދުމަތްތައް ފަސޭހައިން ފޯރުކޮށްދޭން ޖެހެ އެވެ.

އޭނާ ވިދާޅުވީ ދުނިޔޭގެ ބޮޑެތި އެއާކާގޯގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ޑްރޯން ޓެކްނޮލޮޖީ ބޭނުން ކުރަމުން އަންނައިރު މި ދިރާސާގެ ސަބަބުން ރާއްޖޭގައި ވެސް ޑްރޯން ޓެކްނޮލަޖީ މި ދާއިރާގައި ބޭނުންކުރެވެން ހުރި ގޮތްތައް ވެސް ދެނެގަނެވޭނެ ކަމަށެވެ.

އެމްއެންޔޫގެ ޑެޕިއުޓީ ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އަހުމަދު ވިދާޅުވީ އެއާ ކާގޯ އަކީ ރާއްޖޭގެ އިގުތިސާދީ ހުރިހާ ދާއިރާއަކަށް މުހިންމު ހިދުމަތަކަށް ވާއިރު، މި ދިރާސާއިން އެ ހިދުމަތް ފޯރުކޮށްދިނުމުގައި ހުރި ދަތިތައް ދެނެގަނެވޭނެ ކަމަށެވެ.

"މި ދިރާސާއިން ރާއްޖޭގައި މި ވަގުތު އެއާ ކާގޯގެ ހިދުމަތް ފޯޜުކޮށްދިނުމުގެ ހާލަތު ދެނެގަނެވޭނެ. ރާއްޖޭގައި ކާގޯ ރައްކާކުރެވެން ހުރި ފެސިލިޓީތަކާއި އެ ތަންތަނުގެ ކެޕޭސިޓީ އާއި އެއާކާގޯއިން ގެންދާ ކާބޯތަކެތި ރައްކާތެރިކަމާއި އެކު ސްޓޯކުރެވޭނެ އިންތިޒާމުތައް ހުރިތޯ ވެސް ދެނެގަނެވޭނެ،" ޑރ. ޝެހެނާޒް ވިދާޅުވި އެވެ.

ސާވޭގެ އިތުރުން އާއްމުންނާ އިންޓަވިއުކޮށްގެން މި ދިރާސާ ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގައި ކުރިއަށް ގެންދަން ވަނީ ހަމަޖައްސައިފަ އެވެ.