މަސް ބޯޓަށް ބޭރުގެ ސިފައިން އެރުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭ: އެމްޑީޕީ
މަސް ބޯޓަށް ބޭރުގެ ސިފައިން އެރުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭ: އެމްޑީޕީ

ރާއްޖޭގެ އިގުތިސޯދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ދިވެހި މަސް ދޯންޏަކަށް ބޭރުގެ ސިފައިން އެރި މައްސަލަ ކުށްވެރިކޮށް އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް އެމްޑީޕީން ގޮވާލައިފި އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އޮއްވައި އިންޑިއާގެ ކޯސްޓްގާޑުން "އަސުރުމާ 3" އަކަށް އަރައި މަސްވެރިންނާ ސުވާލުކުރީ އިއްޔެ މެންދުރު 2:30 ހާއިރު އެވެ.

އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯނު (އީއީޒެޑް) ގެ ތެރޭގައި ބޮޑު ކަންނެލީގެ މަސްވެރިކަން ކުރަމުންދަނިކޮށް ބޭރު ސިފައިން އެރި މައްސަލައަކީ ދައުލަތުގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

އެމްޑީޕީން ބުނީ ރާއްޖޭގެ އަވަށްޓެރި އިންޑިއާ އާއި ސްރީލަންކާ ސަރުކާރަށް އެ މައުލޫމާތު ވީއެންމެ އަވަހަށް ހިއްސާކޮށް އެއިން ގައުމެއްގެ އަސްކަރިއްޔާއަކުން އެކަމުގައި ޝާމިލުވޭތޯ ބެލުމަކީ ސަރުކާރުން ކުރަންޖެހޭ ކަމަށެވެ.

އެގޮތަށް އެމްޑީޕީގެ ބަޔާނުގައި ބުންޏަސް މަސްވެރިން ބުނެފައި ވަނީ ދޯންޏަށް އެރީ އިންޑިއާ ކޯސްޓުގާޑުގެ ސިފައިން ކަމަށެވެ.

އެމްޑީޕީން ބުނީ ރާއްޖޭގެ އީއީޒެޑް ބެލެހެއްޓުމުގެ ޒިންމާއަކީ އެމްއެންޑީއެފުން ކުރަން ޖެހޭ ކަމަކަށްވާއިރު އެ މައްސަލަ ފުރިހަމައަށް ތަހުގީގުކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ދިވެހި މަސްވެރިންނާއި ދަތުރުވެރިންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ ތަނަކަށް ހަދަންޖެހޭ ކަމަށެވެ.

ކަންނެލީގެ މަސްވެރިންގެ ޔޫނިއަން އިއްޔެ "މިހާރު" އަށް ބުނި ގޮތުގައި އިންޑިއާގެ ކޯސްޓްގާޑުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަމަށް ނުކުމެ އޮތް ތިން މަސްދޯންޏަކަށް އެރި އެވެ. އެއީ "އަސުރުމާ 3" އާއި "ނެރު 7" އަދި "މާހޯރަ 3" އަށެވެ.

އެ މައްސަލާގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އދ. މަހިބަދޫގެ އެ ދޯނި، ހއ. ތުރާކުނުގެ އިރުމަތިން 72 މޭލު ބޭރުގައި ބޮޑުކަންނެލީގެ މަސްވެރިކަން ކުރަމުންދަނިކޮށް ބޭރު ގައުމެއްގެ އަސްކަރީ އުޅަނދަކުން ސިފައިން އެ ދޯންޏަށް އަރައި ފަޅުވެރިންނާ ސުވާލުކޮށްފައި ވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އެ ދޯނި އޮތީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކަމަށް މިނިސްޓްރީގެ ވެސަލް މޮނީޓަރިން ސިސްޓަމް އިން ކަށަވަރުވާކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެކަމަކު އިންޑިއާގެ ނޫސްވެރިއެއް ކަމަށްވާ ސިދާންތު ސިބާލް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ ރާއްޖޭގެ ދޯންޏަށް ބޭރުގެ ސިފައިންގެ ބަޔަކު އެރި ކަމަށް ބުނާ، ރާއްޖޭގެ އިގްތިސާދީ ހާއްސަ ސަރަހައްދުގެ ތެރޭގައި އިންޑިއާ ސިފައިންގެ އުޅަނދެއް ނެތް ކަމަށެވެ.

ރާއްޖޭގެ އެންމެ އުތުރުން ދޯންޏަށް ބޭރުގެ ސިފައިން އެރިއިރު އެ ސަރަހައްދަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދެއް ދަތުރުކުރަމުންދާ ކަމަށް ރޭ ބުންޏެވެ.