01 ފެބުރުއަރީ 2024 - 05:56

ވެރިކަމުން ދުރުކޮށް ޖަލަށް ލާފައިވާ، ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާޓީގެ ފަރާތުން އިންތިހާބުގައި ވާދަކުރުމުގެ ޓިކެޓް ނުލިބުމުން އަމިއްލަ ގޮތުން ކުރިމަތިލި ކެންޑިޑޭޓެއް ކަމަށްވާ ރީހާން ޒައިބް ޚާން ބަޑިޖަހައި މަރާލުމާ އެކު އިންތިހާބީ ހަމަނުޖެހުންތައް އިތުރުވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެ އެވެ.
ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި) ގެ މި މެންބަރު މަރާލީ ކެމްޕެއިންގައި ގަބީލާ ސަރަހައްދަކަށް ގޮސް އުޅެނިކޮށް ކާރުގައި އިންދަ އެވެ.
އިމްރާނާއި އޭނާގެ ޕާޓީއަށް އިންތިހާބުގައި އެތައް ފިއްތުމެއް ކުރިމަތިކޮށްފައި ވަނިކޮށް ޕާޓީގެ މެންބަރަކު މަރާލާފައި ވަނީ ސީދާ އޭނާއަށް އަމާޒުކޮށްގެން އިންތިހާބުގައި ހަމަނުޖެހުން އުފެއްދުމުގެ ބޭނުމުގައި ކަމަށް ފުލުހުންގެ ތަރުޖަމާނަކު އޭއެފްޕީ އަށް ވިދާޅުވެފައިވެ އެވެ.
ބުދަ ދުވަހު ވަނީ ބަލޫޗިސްތާނުގައި އެހެން ދެ ކެންޑިޑޭޓަކަށް ވެސް އަތު ބޮމުގެ ހަމަލާއެއް ދީފަ އެވެ. ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ) އިން ބުނީ ހަމަލާ ދިން އިރު ދެ ކެންޑިޑޭޓުން ވެސް ތިބީ އޮފީސް ތެރޭ ކަމަށާއި ދެ މީހުން ވެސް ޒަހަމްތަކާ އެކު ސަލާމަތް ވެފައިވާ ކަމަށެވެ.
މި ހާދިސާއާ އެކު ޕާކިސްތާންގެ އިލެކްޝަންސް ކޮމިޝަނުން މިއަދު ސަރުކާރާއި އެ ގައުމުގެ އިންޓެލިޖެންސް އިދާރާތަކާ އެކު ބައްދަލުކޮށް އަމާންކަން ގާއިމުކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކާނެ ކަމަށް ވަނީ ބުނެފަ އެވެ.
"ބަލޫޗިސްތާނާއި ޚައިބަރް ޕަޚްތުންޚުވާގައި ހާލަތު ގޯސްވަމުން ދާތީ އިލެކްޝަންސް ކޮމިޝަނުން އިސްނަގައިގެން ބައްދަލުވުން ބާއްވަން ވަނީ ނިންމާފައި،" އިލެކްޝަންސް ކޮމިޝަންގެ މީޑިއާ ސްޓޭޓްމަންޓެއްގައި ބުނެފައިވެ އެވެ.
މި މަހު 8 ގައި ބާއްވާ އިންތިހާބާ ދިމާކޮށް ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ސަލާމަތީ ބާރުތަކުގެ އެތައް ހާސް ބަޔަކު ނެރޭނެ ކަމަށް ކުރިން އިއުލާނުކޮށްފައިވެ އެވެ. --އޭއެފްޕީ