ޝަމީމަށް ދިން ހަމަލާގެ ތަހުގީގު އަވަސްކޮށް އިންސާފުގެ ކުރިމައްޗަށް ގެންނަން ޕީއެންސީން އެދިއްޖެ
ޝަމީމަށް ދިން ހަމަލާގެ ތަހުގީގު އަވަސްކޮށް އިންސާފުގެ ކުރިމައްޗަށް ގެންނަން ޕީއެންސީން އެދިއްޖެ

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް ހަމަލާދިން މައްސަލަ ވީހާ ވެސް އަވަހަކަށް ތަހުގީގުކޮށް، އެކަން ކުރި ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް، ވެރިކަން ޕްރޮގްރެސިވް ކޯލިޝަނުން މިއަދު އެދިއްޖެ އެވެ.

ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނުގައި ބުނީ ދައުލަތުގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅަކަށް މަގުމަތިން ދިން ހަމަލާއާ މެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. އެކަން ކުށްވެރިކޮށް، އެ ޖަރީމާ ހިންގުމުގައި ބައިވެރިވި މީހުން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމުގައި ދައުލަތުގެ ހުރިހާ ވަސީލަތަކާއި ގާބިލްކަމާއި އިހުތިޔާރެއް ބޭނުންކޮށް، އެކަން ހިންގި ބަޔަކު ހޯދައި ތަހުގީގު އަވަަސްކޮށްދިނުމަށް، އެ ކޯލިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެ ކޯލިޝަނުން ވަނީ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން އަދި ޒިންމާދާރު ބޮޑެތި މަގާމުތަކުގައި ތިއްބެވި ހިދުމަތްތެރިންގެ ސަލާމަތަށް އިސްކަންދިނުމަށް ސަރުކާރުގެ އިސް މަސްއޫލުވެރީންނަށް ލަފާއަރުވައި، އެއްބާރުލުން ދިނުމުގައި ސަރުކާރު ހިންގާ މައި ޕާޓީގެ ގޮތުގައި ދެމި އޮންނާނެ ކަމަށެވެ. އަދި ގައުމުގެ މަސަލަސްކަމާއި އަމްނު ކަށަވަރުކުރުމަށް އަބަދުވެސް މަގުފަހިކޮށްދޭނެ ކަން ފާހަގަކުރި އެވެ.

ނޫރު މިސްކިތް ކައިރިން މަރުތޭލަކުން ޝަމީމަށް ހަމަލާދިން މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ. ޕީޖީ އޮފީހުން ބުނީ ސައިކަލެއްގައި ދިޔަ ދެ މީހަކު ޝަމީމަށް ހަމަލާދިނުމުން އޭޑީކޭގައި ފަރުވާދެމުން ދިން ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

އެނގިފައިވާ ގޮތުގައި، ޕީޖީއަށް ހަމަލާދީފައިވަނީ ރޭ ފަތިހުން ފެށިގެން އޭނާއަށް ފާރަލަމުން ދިޔަ ދެ މީހެކެވެ. މަރުތޭލަކުން އޭނާގެ ވައަތުގެ އުޅަނބޮށިން ތިރިއަށް ދިން ހަމަލާގައި ކަށިގަނޑުގައި ވަނީ ރެނދުލައިފަ އެވެ.

ޕްރޮގްރެސިވް ޕާޓީގެ ބަޔާނުގައި ބުނީ ރާއްޖޭގެ ދާހިލީ އަމާންކަން ގެއްލުވާލުމަށް އަދި ދައުލަތުގެ ޒިންމާދާރު ހިދުމަތްތެރީންގެ ވާޖިބާއި މަސައްކަތަށް ހުރަސް އެޅުމަށް ހިންގޭ އެ ފަދަ ކަންކަމަކީ އަނިޔާވެރި ޓެރަރިސްޓް ހަރަކާތްތައް ކަމަށެވެ.

މީޑިއާތަކުން އާއްމުކޮށްފައިވާ މައުލޫމާތުން، މިއީ ދުރާލާ ރާވައި ފާރަލައިގެން ހިންގި އަމަލެއްކަން ބެލެވޭތީ އެކަމުގެ ހަގީގަތާ ހަމަޔަށް ވާސިލްވުމަށް ތަހުގީގުގައި މަސައްކަތްކުރުން މުހިންމުކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު އަދި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ކޯލިޝަންގެ އެންމެހާ މެމްބަރުންގެ އިހުސާންތެރި ޝުއޫރުތައް ވަނީ ޝަމީމާއެކު ކަމަށާއި އޭނާގެ ދުޅަހެޔޮކަމާއި ރައްކާތެރި އަދި ސަލާމަތަށް ދުއާކޮށް، ރަސްމީ މަސައްކަތަށް އަނެއްކާ ވެސް އަވަހަށް ނުކުމެވަޑައިގަންނަވާނެ ކަމަށް އުންމީދުކުރާ ކަމަށް، ސަރުކާރު ހިންގާ ޕާޓީން ބުންޏެވެ.