01 ފެބުރުއަރީ 2024 - 05:57

ފަލަސްތީނުގެ ޣައްޒާގައި ހަމާސް އިން ބިމު އަޑީގައި ހަދާފައިވާ ޓަނަލްތައް ހަލާކު ކުރުމަށް އެ ތަންތަނަށް ފެން އަޅަން ފަށާފައިވާ ކަމަށް އިޒްރޭލުން ބުނެފި އެވެ.
ހަމާސް އިން އޮކްޓޫބަރު 7 ގައި އިޒްރޭލަށް ހަމަލާދީ ހާހަކަށް ވުރެ ގިނަ މީހުން މަރާލުމާ އެކު ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި 26،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައި ވާއިރު ޓަނަލްތަކަށް ފެން އަޅަން ފެށީ ހަމަލާތައް ހުއްޓާލަން ކުރާ ޕްރެޝަރު ބޮޑުވެފައި ވަނިކޮށެވެ.
ޣައްޒާގައި މިހާރު އެންމެ ވަރުގަދައަށް ހަމަލާ ބަދަލުކުރަމުން ދަނީ ޚާން ޔޫނިސްގަ އެވެ. އެ ސަރަހައްދު މިހާރު އޮތީ އިމާރާތްތައް ބިމާ ހަމަވެ ޗަސްބިމަކަށް ބަދަލުވެފަ އެވެ. އިޒްރޭލުން ބުނީ ޣައްޒާގައި ހަމަލާދީ އިޒްރޭލުގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ސަރަހައްދުތަކުން ފެނުނު ހަމާސްގެ ބޮޑެތި ޓަނަލްތަކުގެ ތެރެއަށް މިހާރު ފެން އަޅަން ފަށާފައިވާ ކަމަށެވެ.
"މިއީ ހަމާސްގެ ޓަނަލްތައް ހަލާކުކޮށް، ހަމާސްގެ ނުރައްކާ ނައްތާލުމަށް ކުރާ މަސައްކަތުގައި އިޒްރޭލުން އަޅާ ފިޔަވަޅެއް،" އިޒްރޭލުގެ އަސްކަރިއްޔާއިން ބުންޏެވެ.
ހަމަލާތައް ދޭން ފެށި އިރު އިޒްރޭލުން، ދިރާސާއަކާ ހަވާލާދީ ބުނެފައިވާ ގޮތުގައި ހަމާސްގެ 1،300 ޓަނަލް އެބަ ހުއްޓެވެ. މި ތަންތަނުގެ ދިގުމިނުގައި 500 ކިލޯމީޓަރު ހުންނާނެ ކަމަށް ވެސް ބުންޏެވެ. -- އޭއެފްޕީ