31 ޖެނުއަރީ 2024 - 15:39

ދުނިޔޭގެ އެންމެ ބޮޑު ކްރޫޒް ޝިޕްގެ ފުރަތަމަ ދަތުރު މިދިޔަ ހޯމަ ދުވަހު އެމެރިކާގެ ފްލޮރިޑާގެ މަޔާމީން ފަށައިފި އެވެ.

ދިގުމިނުގައި 365 މީޓަރު ހުންނަ "އައިކަން އޮފް ދަ ސީސް" ގައި 7،600 ފަސިންޖަރުންނަށް ދަތުރު ކުރެވޭނެ އެވެ.

ފިންލެންޑުގައި ބަނދެފައިވާ މި އުޅަނދުގެ ފުރަތަމަ ދަތުރުގައި މިކެރީބިއަން ރަށްތަކުގައި ހަތް ދުވަހަށް ދަތުރުތައް ކުރާނެ އެވެ. ބަހާމަސް ގައި ރަޖިސްޓްރީ ކޮށްފައިވާ، ދެ ބިލިއަން ޑޮލަރުގެ މި އުޅަނދުގައި ހަތް ޕޫލާއި ހަ ވޯޓަ ސްލައިޑު ހުރެ އެވެ. މީގެ އިތުރުން 40 ރެސްޓޯރެންޓާއި ލައުންޖު ވެސް ހުރެ އެވެ.
ތިމާވެށި ހިމާޔަތްކުރުމަށް ވަކާލާތުކުރާ މީހުން ބުނަނީ ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) ބޭނުންކުރާ އެ ބޯޓުން ޖައްވަށް ނުރައްކާތެރި މިތޭން ފޮނުވާނެ ކަމަށެވެ. އާންމުކޮށް ބޯޓުތައް ދުއްވަނީ ތެޔޮ އަންދައިގެން ކަމަށް ވިޔަސް އައިކަން އޮފް ދަ ސީސް އިން އަންދާ އެލްއެންޖީން މިތޭން ބޭރުވެ، ޖައްވު ނުސާފުވުމުގެ ފުރުސަތު އިތުރަށް ބޮޑުވާނެ ކަމަށް އެ މީހުން ބުނެ އެވެ.
މިތޭން ގޭހަކީ ކާބަންޑައިއޮކްސައިޑަށް ވުރެ މާ ބާރުގަދަ، ދުނިޔެ ހޫނުވުމަށް އިތުރަށް މަގުފަހިކުރުވާނެ އެއްޗެކެވެ.
އެމެރިކާގެ ކުންފުނި ރޯޔަލް ކެރީބިއަން އިން ބުނީ އެކުންފުނީގެ "އައިކަން އޮފް ދަ ސީސް" އަކީ 24 ޕަސެންޓު އެނާޖީ އެފިޝިއަންޓް ބޯޓެއް ކަމަށެވެ.
ކްރޫޒް އިންޑަސްޓްރީއަކީ ޓޫރިޒަމްގެ އެންމެ ބާރު ސްޕީޑުގައި ކުރިއަރާ ސެކްޓަރެވެ. ދުނިޔޭގެ އިގްތިސާދުގެ 2021 ވަނަ އަހަރު ކްރޫޒް އިންޑަސްޓްރީން 75 ބިލިއަން ޑޮލަރު ހިއްސާކޮށްފައިވެ އެވެ