31 ޖެނުއަރީ 2024 - 10:51

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން 10 އަހަރަށް ޖަލަށް ލުމަށް އިއްޔެ ހުކުމްކުރުމަށް ފަހު މިއަދު އޭނާ އާއި އަނބިކަނބަލުންނަށް ވެސް 14 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
މި ހުކުމް އިއްވާފައިވަނީ އިމްރާން ބޮޑުވަޒީރުކަމުގައި ހުންނެވި އިރު ލިބިވަޑައިގެންނެވި ބައެއް ހަދިޔާތަކުގެ މައްސަލައިގައި ކުރި ޚިޔާނާތުގެ ދައުވާއެއްގަ އެވެ.
ވެރިކަމުން ދުރުކޮށް ޖަލުގައި ހައްޔަރުކޮށްފައި ހުއްޓާ އިއްޔެ 10 އަހަރުގެ ހުކުމެއް އިއްވީ ދައުލަތުގެ ސިއްރުތައް ލީކުކުރި މައްސަލައެއްގަ އެވެ. އިމްރާންގެ އަނބިކަނބަލުން ބުޝްރާ ބީބީ ވެސް ހުންނެވީ މި ޝަރީއަތުގެ މަރުހަލާ ކުރިއަށް ދިޔައިރު ހައްޔަރުކޮށްފަ އެވެ.
އިމްރާން އާއި ބުޝްރާ ކައިވެނިކުރެއްވީ 2018 ވަނަ އަހަރު، އިމްރާން ބޮޑުވަޒީރުކަމަށް އިންތިހާބުވުމުގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ.
މި ހުކުމްތައް އިއްވާފައި މި ވަނީ އާންމު އިންތިހާބަށް ދެ ހަފްތާއަށް ވެފައި ވަނިކޮށެވެ.
އިންތިހާބާ ދިމާކޮށް، އިމްރާންގެ ތަހްރީކީ އިންސާފް (ޕީޓީއައި) އަށް އެކި ހުރަސްތައް ކުރިމަތިކޮށް ޕާޓީގެ ނަމުގައި ކެންޑިޑޭޓުން ނެރުން ވެސް އޮތީ މަނާކޮށްފަ އެވެ. އަދި އިމްރާނަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ވެސް ވަނީ ނިންމައިފަ އެވެ.
ވޯޓު އޮޅުވާލުމާއި އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ހުރިހާ ކަމެއް ވެސް ހިނގަމުންދާ ކަމަށާއި މިއީ އިންސާފުވެރި އިންތިހާބަކަށް ވާނެ މާހައުލެއް ނެތް ކަމަށް، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން އަންނަނީ ބުނަމުންނެވެ. --އޭއެފްޕީ