ޖަލު ބަންދުގައި ހުއްޓާ އިމްރާނަށް 10 އަހަރުގެ ހުކުމެއް
ޖަލު ބަންދުގައި ހުއްޓާ އިމްރާނަށް 10 އަހަރުގެ ހުކުމެއް

ޕާކިސްތާނުގެ އާންމު އިންތިހާބަށް ދެ ހަފްތާއަށް ވެފައި ވަނިކޮށް، އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްޔެ އިއްވައިފި އެވެ.

ވެރިކަމުން ދުރުކޮށް މިހާރު ވެސް ޖަލުގައި ބަންދުކޮށްފައި ހުރި އިމްރާނަށް ޖަލު ހުކުމް އިއްވި އިރު އިމްރާންގެ ތަހްރީކީ އިންސާފް (ޕީޓީއައި) އަށް އެކި ހުރަސްތައް ކުރިމަތިކޮށް ޕާޓީގެ ނަމުގައި ކެންޑިޑޭޓުން ނެރުން ވެސް އޮތީ މަނާކޮށްފަ އެވެ.

"ކުރިމަތިވާ ކޮންމެ ބޭއިންސާފެއްގެ ބަދަލު ހިފަންވީ ފެބްރުއަރީ 8 ގައި ދޭ ވޯޓުން،" އިމްރާންގެ އެކްސް ޕްރައިފައިލްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

"އަހަރެމެންނަކީ ދަނޑިބުރިއަކުން ބިރު ދައްކައިގެން ފައްސާލެވޭނެ ކަންބަޅިތަކެއް ނޫންކަން ދައްކަންވާނެ."

އިމްރާނަށް ޖަލު ހުކުމް އިއްވި އިރު ވެސް ހިޔާނާތުގެ ކުށެއްގައި މީގެ ކުރިން ވަނީ އިމްރާންގެ ކެންޑިޑެސީ ބާތިލްކޮށްފަ އެވެ. މިއީ އޭނާގެ މައްޗަށް އުފުލާފައިވާ އެތައް ދައުވާއެއްގެ ތެރެއިން އެއް ދައުވާއަށް ވާއިރު އިމްރާން ތުހުމަތުކުރައްވާފައި ވަނީ މިއީ ޕާކިސްތާނުގެ ސިޔާސީ ކަންކަން ކޮންޓްރޯލްކުރާ އަސްކަރިއްޔާއިން އޭނާއާ ދެކޮޅަށް ރާވައިގެން ކުރާ ކަންތައްތަކެއް ކަމަށެވެ.

އިއްޔެ 10 އަހަރުގެ ހުކުމް އިއްވީ ދައުލަތުގެ ސިއްރުތަކެއް ލީކުކުރި ކަމުގެ ކުށުގަ އެވެ.

ހަމަ މި ހުކުމް، އިމްރާންގެ ވެރިކަމުގައި ފޮރިން މިނިސްޓަރަކަށް ހުންނެވި ޝާހް މަހްމޫދު ގުރައިޝީއަށް ވެސް ވަނީ އިއްވައިފަ އެވެ.

ޕީޓީއައިގެ ގާނޫނީ ވަކީލުން ވިދާޅުވީ އިމްރާނާއި ގުރައިޝީގެ ދިފާއުގައި ވަކާލާތު ކުރުމުގެ އިންސާފުވެރި ފުރުސަތެއް ނުދޭ ކަމަށެވެ.

އިންތިހާބަށް ކުޑަތަން ވެފައި ވާއިރު ވޯޓު އޮޅުވާލުމާއި އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ހުރިހާ ކަމެއް ވެސް ހިނގަމުންދާ ކަމަށާއި މިއީ އިންސާފުވެރި އިންތިހާބަކަށް ވާނެ މާހައުލެއް ނެތް ކަމަށް، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން އަންނަނީ ބުނަމުންނެވެ. --އޭއެފްޕީ