ލަސްވުން
ލަސްވުން

އާދިއްތަ ދުވަހާ ގުޅޭ

"އެއްވެސް މީހެއް ކައިރީގަ މި ވާހަކަ ނުބުނާތި!" ރަޒީން ވަށައިގެން ހޯދައިލަމުން ބުންޏެވެ.

ފަރްހާގެ ހިތް ކުރިޔަށްވުރެ ބާރަށް ތެޅިގަތެވެ. އެ ވަގުތު ރަޒީނަށް ފޯނެއްއައެވެ. ފޯނަށް ބަލައިލައިފައި ފޯނު ހިފައިގެން ރަޒީން ތެދުވެގެން ދުރަށްޖެހިލިއެވެ. އެއީ ފަރްހާއަށް ވިސްނައިލަން ލިބުނު މުހިންމު ވަގުތުކޮޅެކެވެ. ދެން ކަންތައްކުރާނީ ކިހިނެއްހެއްޔެވެ؟ ރަހުމުކުޑަ ގޮތަކަށް ލުބާނާ މަރައިލީ ރަޒީންކަން ފަރްހާއަށް ޔަގީނެވެ. ނޭނގެނީ ކަންކުރި ގޮތެވެ. ލުބާނާގެ ހަށިގަނޑު އެހައި މޮޅަށް ފޮރުވި ގޮތެކެވެ. ލުބާނާއަކަށް ފަރްހާގެ ހިތަކު އެއްވެސް ލޯތްބެއް ނެތެވެ. ފަރްހާގެ ހިތުގައި ސުވާލުއުފެދެނީ ފަރްހާޔާ މެދުގައެވެ. ފަރްހާ ދެކެ ރަޒީން ހިތްހަމަނުޖެހޭ ދުވަހު ފަރްހާއަށް ހަދާނީ ކިހިނެއްހެއްޔެވެ؟

"ކޮބާ ހިނގާ ސައިބޯން،" ރަޒީން އައިސް ފަރްހާ ގާތަށް ހުއްޓިފައި ބުންޏެވެ. "ވަރަށް ހައިވެއްޖެ!"

"ކާކު ގުޅީ؟" ފަރްހާ ސުވާލުކުރިއެވެ.

"އެއްކަލަ ރިސޯޓް ފްރެންޑް!" ރަޒީން ބުންޏެވެ. "އޭނަ ހަމަ ފޫހިވެގެން ގުޅާލީ. ހިނގާދަމާ!"

ފޫހިވެގެން ރައްޓެއްސަކު ގުޅުމުން އެ ފޯނު ހިފައިގެން ރަޒީން ދުރަށް ދާންޖެހޭހެއްޔެވެ؟ ފަރްހާ ހިތަށްއެރީ އެހެންނެވެ.

"ވާހަކައެއް ކިޔައިދޭން އުޅުނީމެއްނު!" ފަރްހާ ހަނދާންކޮށްދިނެވެ.

"އެ ދެން ފަހުން." ރަޒީން ޖަވާބުދިނެވެ.

"އަހަންނަށް ޓްރަސްޓްނުކުރެވެނީ ދޯ؟" ތެދުވެ ހިނގައިގަންނަމުން ފަރްހާ ބުންޏެވެ. "ދެން ބޭނުމެއް ވެސް ނޫން އަޑުއަހާކަށް. ތިހާ ޓްރަސްޓްނުކުރެވޭ މީހަކާ މެރީކުރަނީ ކީއްކުރަން؟"

ފަރްހާ ހިނގައިގަތުމުން ރަޒީން ހުއްޓިގެން ހުއްޓެވެ.

"ހިނގާ މާލެދާން،" ހިތްހަމަނުޖެހިފައި ފަރްހާ ބުންޏެވެ. "ސައިބޯނެކަމެއް ނެތް. ބަނޑުފުރިއްޖެ!"

"އޯކޭއޯކޭ! ރިލެކްސް!" ރަޒީން ބުންޏެވެ. "ފަރޫއަށް ޓްރަސްޓްކުރަމޭ! އަހަންނަށް އެނގޭ ފަރޫ ކިހާ ލޯބިވާކަން. އެހެންވެ މި ކިޔައިދެނީ. ލުބާ ދެނެއް ނާންނާނެ. އޭނަގެ ބޮޑީއެއް ވެސް ނުފެންނާނެ."

ރޭގަނޑުވިއެވެ. ތޫބާ އިރުއިރުކޮޅާ ފޯނަށް ބަލައިލައެވެ. އެނދުގައި އިށީނދެއެވެ. ތެދުވެއެވެ. އެ ހާލެއްގައި އުޅެނިކޮށް، ކުއްލިއަކަށް ކޮޓަރި ހުޅުވައިލައިފައި ފަރްހާ ވަނެވެ. އައި ގޮތަށް އައިސް ތޫބާ ގައިގައި ބައްދައިގެންފައި ރޯން ފެށިއެވެ. ތޫބާ އެއްވެސް އެއްޗެއް ނުބުނެ ބައްދައިލައިގެން ހުރީއެވެ.

"ޕޮލިހަށް ގުޅާ!" ފަރްހާ އެދުނެވެ.

ފަރްހާ ގެންގޮސް އެނދުގައި ބައިންދައިފައި ތޫބާ ވެސް އިށީނެވެ.

"ކިޔައިދީފިތަ؟" ތޫބާ ސުވާލުކުރީ ދެނެވެ. "ކީކޭ ބުނީ؟"

ފަރްހާ ފޯނު ނަގައިފައި ތޫބާއަށް ދިއްކޮށްލިއެވެ. އަދި އެނދުގައި އޮށޯވެ ބާލީހުގައި މޫނުއަޅައިގެން ރޯން ފެށިއެވެ. ކުރީ ރޭގައި ފަރްހާއާއި ތޫބާޔާ ދެމެދު މުހިންމު ވާހަކައެއް ދެކެވުނެވެ. އެއީ ފަރްހާއަށް ފެނުނު ހުވަފެނަށް ފަހުގައެވެ. ރަޒީން ގޮވައިގެން ފަރްހާ ހުޅުމާލެއަށް ދިޔައީ އެ ރޭވުން ތަންފީޒުކުރާށެވެ. ސައިކަލު މަތީގައި އިން އިރު ފަރްހާގެ ހިތުވިންދު އަވަސްވަމުންދިޔައީ އެހެންވެއެވެ. އަތިރިމަތީގައި އިށީނދެފައި ފަރްހާ ދުރަށް އިޝާރާތްކުރީ ދުރުން އެއްޗެއް ފެނިގެނެއް ނޫނެވެ. އެއީ ފޯނު ރިކޯޑަށް ޖެއްސުމަށް ޓަކައި، ރަޒީންގެ ސަމާލުކަން އެހެން ދިމާއަކަށް އަނބުރައިލަން ފަރްހާ ހޯދި ދަނޑިވަޅެކެވެ. ރަޒީން ދެއްކި ހުރިހައި ވާހަކައެއް ފަރްހާ ރިކޯޑުކުރިއެވެ.

"މީގެ ލޮކް ހުޅުވަބަލަ!" ތޫބާ ބުންޏެވެ.

ފަރްހާ ރޮމުން ފޯނުގެ ތަޅު ހުޅުވައިފައި، ރިކޯޑުކުރި ފައިލު ހޯދައިފައި، މުހިންމު ހިސާބަށް ގެންގޮސްފައި، ޕުލޭއަށް ފިއްތައިލައިފައި ތޫބާއަށް ފޯނުދިނެވެ. ފަރްހާގެ ދެކަންފަތުގައި އަތްއެޅިއެވެ. އެ ވާހަކަތައް އަލުން އަޑުއަހާނެ ހިތްވަރެއް ފަރްހާގެ ނެތެވެ.

"...ކޮޓަރިއަށް އައި އިރު ލުބާ ވަރަށް ފެޑަޕްވެފަހުރީ،" ރަޒީން ބުނި އަޑުއިވުނެވެ. "ފުރަތަމަ ވެސް ޒުވާބުކުރަން ފެށީ. އެހެންވެ މަ ނެއްޓީ! އިރުކޮޅަކުން އެއްޗެހިތައް އުކަން ފަށައިފި. ވޯނިންގް ދޭން ފަށައިފި."

ރަޒީން ވަރަށް ގިނަ ހުތުރު ބަސްތައް ބޭނުންކުރިއެވެ. ލުބާނާ ވެސް ހަމަ އެހައި ގިނަ އަވަގުރާނަ ގޮވިކަމަށް ރަޒީން ބުންޏެވެ. ވަރަށް ކުދިކުދި ތަފުސީލަށް ދާންދެން ރަޒީން ކިޔައިދީފައިހުއްޓެވެ.

"ވަކި ހިސާބަކުން އަހަރެން ނިންމައިފިން އެ ކަމުން ސަލާމަތްވާން،" ރަޒީން ބުނި އަޑުއިވުނެވެ. "ތިބެވުނީ ރިސޯޓުގަ. އަހަންނަށް ރިސޯޓު އެނގޭ. އަހަރެން ހެދި ގޮތަކީ، ލުބާއަށް ދޫކޮށްލީ! އަލުން މެރީކުރަން، ޔޭސް! ރާއްޖެ ދޫކޮށް ދާން، ޔޭސް! ބުނި ކޮންމެ އެއްޗަކަށް ޔޭސް! ހިތަށްއެރީ އޭރުން އޭނަ މައިތިރިވެދާނޭ! ހަމަ އެހެންވީ ވެސް. ލުބާ ވަރަށް ބޭނުންވާނެ ރޭގަނޑު ޕޫލަށްއެރެން. މަ ބުނީ ފޯ އަ ޗޭންޖް، ހިނގާށޭ މޫދަށް. ވަގުތުން އެއްބަސްވެއްޖެ! އޭނަ ނުލާހިކު ނޭވާކުރުވާނެ. ގެންދިޔަ ގޮތަށް ގެންގޮސް ގަންބާލީ! އެއީ އޭގެ ފަސޭހަ ބައި. ދެން އޮތީ ހެޑޭކް! އޮއި ހުރީ އެއްގަމަށް."

ލުބާނާގެ ގަބުރުން ސަލާމަތްވާން ރަޒީން ވަރަށް ގިނަ މަސައްކަތްކުރިއެވެ. އެ ކަމެއް ނުވިއެވެ. ހެދި ހުރިހައި ގޮތެއް ކިޔައިދީފައިހުއްޓެވެ.

"ހުރިހާ މިޝަންއެއް ފެއިލްވީމަ ދެން ފްރެންޑަށް ގުޅީ.. އޯހް **!" ރަޒީނަށް ބުނެވުނެވެ. "މަ އަސްލު ބޭނުމެއް ނޫން އޭނަ ހެލްޕްކޮށްދިންކަން އެކަކަށް ވެސް އެނގޭކަށް.. ދެން އޯކޭ! އަަހަރެން ފަރޫއަށް ޓްރަސްޓްކުރަން. އެނގޭތަ؟ އޭނަޔޭ އަހަންނަށް ބޮޑީ ފޮރުވައިދިނީ. ރިސޯޓްގެ އަނެއް ފަރާތުގަ ޕޫލެއް މައްސަލަޖެހިގެން މުޅި ޕޫލް ތަޅާލައިގެން އުޅުނީ. އެރޭ މަސައްކަތެއް ނުކުރޭ! އެ ތާ ވަޅުލީ. އޭގެ މަތީގަ ޕޫލް ހުންނާނީ. އެހެންވެ ކިހިނެއް ބޮޑީ ފެންނާނީ؟ ނުފެންނާނެ. ފަރޫ އެ ކަމާ ނުވިސްނާ!"

މުހިންމު ބައި އެ ހިސާބުން ނިމެއެވެ. ދެން މުޅީން ވެސް ރަޒީން ކެނޑީ ފޮންޏެވެ. ފަރްހާ ދެކެ ކިހައި ލޯބިވާކަމާއި، ކޮށްދިން ކަންތަކާއި، ކޮށްދޭނެ ކަންތަކުގެ ލިސްޓެއް ވެސް ކިޔެވެ. އަޑުއަހައި ނިންމައިލުމަށް ފަހު، ބުނާނެ އެއްޗެއް ނޭނގިފައި ތޫބާ އިނެވެ. ފެންކަޅިވި ނަމަވެސް، ތޫބާގެ ލޮލަކުން އެންމެ ކަރުނައެއް ވެސް ނުވެއްޓެއެވެ. އޭރު ފަރްހާ އޮތީ މުޅި މޫނާ އެކުގައި ބާލީސްއަޅައިގެންނެވެ. ތޫބާ މަޑުމަޑުން އެ ބާލީސް ނެގިއެވެ.

"ޕޮލިހަށް ގުޅާ!" ފަރްހާ ފުރަތަމަ ވެސް ބުނީ އެހެންނެވެ.

"އޭރުންނޯ؟" ތޫބާ އެހިއެވެ.

"ވަޓް ޑޫ ޔޫ މީން އޭރުންނޯ؟" ފަރްހާ ހައިރާންވެފައި ބުންޏެވެ. "ލުބާ މަރާލީ ރަޒީނޭ ބުނީމަ ދޮންތައެއްނު ބުނީ ޔަގީންކުރާށޭ! ރިކޯޑިން ހަދާށޭ! ލުބާ ވީ ތަނެއް ބަލަން ބޭނުމޭ!"

"ބުނީމޭ!" ތޫބާ ބުންޏެވެ. "މިހާރު އެނގިއްޖެއްނު! ދެން ނެތެއްނު ކުރެވޭނެ ކަމެއް."

ފަރްހާ ހައިރާންވެފައި އެނދުން ތެދުވިއެވެ. ތޫބާ ދެއްކި ވާހަކަ ފަރްހާއަކަށް ގަބޫލެއް ނުކުރެވުނެވެ.

"ރަޒީން ޖަލަށްލެވޭނެއްނު!" ފަރްހާ ބުންޏެވެ. "ޕަނިޝްކުރެވޭނެއްނު!"

"ރަޒީނަކަށް ނޫނޭ މި ވިސްނަނީ. ފަރޫއަށް،" ފޯނާ ކުޅެމުން ތޫބާ ބުންޏެވެ. "ދެންމެ ކޮޓަރިއަށް ވަންގޮތަށް ފަރޫ ރޮއިގަތްތަން ފެނުނީމައޭ އަހަރެންގެ ވިސްނުން މި ބަދަލުކުރީ. ރަޒީން ޖަލަށްލައިފިއްޔާ ފަރޫ ރޮއިރޮއި މަރުވެދާނެއްނު!"

"އެކަމަކު ދޮންތާ!" ފަރްހާއަށް ބުނެވުނެވެ. "ލުބާއަށް ވީ ގޮތް ލުބާގެ ފެމެލީއަށް އެނގެންޖެހޭނެއްނު!"

"އޭރުން އެ މީހުން ހައްތަހާ ދެރައެއްނު ވާނީ ފަރޫ!" ތޫބާ ވަގުތުން ބުންޏެވެ. "އަހަރުމެން ވެސް މީ ލުބާގެ ފެމެލީއޭ. ވީ ގޮތް އެނގުނީމަ އަހަރުމެން އަދިވެސް މި ތިބީ ޝޮކުގަ. ފަރޫއާ ހެދި މިހާރު ވެސް ބައްޕަ ކިރިޔާ ދުނިޔޭގަ އެހެރީ. މި ވާހަކަ އަޑުއިވިއްޖެއްޔާ ހަމަ ގެރެންޓީ ބައްޕަގެ ދުވަސް ދާނެ."

"އެކަމަކު ދޮންތާ!" ފަރްހާ ހައިރާންވެފައި ބުންޏެވެ. "ރަޒީނަށް އެއްވެސް އަދަބެއް.."

"ފަރޫ އޭނަޔާ ނީނދޭ!" ތޫބާ ބޭނުންވި ކޮޅަށް މައްސަލަ އަނބުރައިލިއެވެ. "އެއަށް ވުރެ ބޮޑު އަދަބެއް ރަޒީނަކަށް ނުދެވޭނެ."

"އާނ ތީ ތެދެއް!" ފަރްހާ އެއްބަސްވިއެވެ. "އެކަމަކު އަހަރެން ތި ރެކޯޑިން ޕޮލިހަށް ދޭނަން."

"އެ ޑިލީޓްކޮށްލައިފިން!" ތޫބާ ބުންޏެވެ.

"ވަޓް؟!" ފަރްހާ ފޯނު ޖަހައިގެންފައި ބަލައިލަމުން ބުންޏެވެ. "އަޅޭ!"

"ރަޒީންގެ ވާހަކައިން އެބަ އެނގޭ ފަރޫއަށް އޭނަ ހިންޓްދީފައޮތްކަން،" ތޫބާ ސަބަބު ބުނެދިނެވެ. "އެކަމަކު ފަރޫ ޕޮލިހަކަށް ނާންގަމެއްނު! އެނގި ހުރެ ނޭންގުމަކީ ހާދަ ބޮޑު ކުށެކޭ ފަރޫ!"

އެ ކަމަކާ ފަރްހާއަކަށް ދެބަސްވެވޭކަށް ނެތެވެ. ޖަލަށްދާކަށް ފަރްހާ ބޭނުމެއް ނޫނެވެ.

"ސިއްރެއް ބުނަންތަ؟" ތޫބާ އެހެން ވާހަކައެއް ވެސް ކިޔައިދިނެވެ. "ރަޒީންއާ ފަރޫ މެރީކުރާ ދުވަހު އަހަރެން މި ގެއިން ނުކުންނާނަން. އަހަރެން ނިންމައިގެން މިހިރީ ރަޝާދާ މެރީކޮށްގެން މި ގެއިން ދާން."

ފަރްހާއަށް ލިބުނީ ވަރުގަދަ ސިހުމެކެވެ.

"ހަމަ ސީރިޔަސްކޮށް. ލުބާގެ ފިރިމީހާޔާ ފަރޫ މެރީކޮށްގެންއުޅޭތަން ބަލާކަށް އަހަންނަކަށް ކެތެއް ނުވާނެ. މި ވީ ހަމަ ރަނގަޅަށް. ދެން މި ކަންތައް ހަނދާންނައްތާލާ!" ތޫބާ އެ ފައިލު ލައްޕައިލިއެވެ. "ލުބާ އެ އޮތީ ވަޅުލެވިފަ. ފަރޫ ދެން ރަޒީނަކާ ނީންނާނެ. ބައްޕަގެ ހެޑޭކް ވެސް، އަހަރެންގެ ހެޑޭކް ވެސް ދިޔައީ. އެންމެ ބޮޑު އަދަބު ރަޒީނަށް އަދި އޮންނާނޭ! ގިޔާމަތްދުވަހުން. ފަރޫ ހާސްވާންޖެހޭ އެހެންކަމެއް އޮތިއްޔާ އަހަރުމެން އެ ކަމާ ފޭސްކުރާނީ!"

ތޫބާގެ ވާހަކަ ފަރްހާއަށް ގަބޫލުކުރެވުނެވެ. ކައިވެނި ކެންސަލުކުރިއެވެ. ބޮޑު ޝޮކެއްލިބުނީ ރަޒީނަށެވެ. ހިތާމައަކީ، ވީ ގޮތް ރަޒީނަށް ނޭނގުމެވެ. ރަޒީނަކަށް ފަރްހާއަކާ ނުގުޅެއެވެ. ހުރިހައި މަގެއް ފަރްހާ ބަންދުކޮށްލިއެވެ.

މިއަދު ވެސް ތޫބާ އިނީ ހަމަ ކުރިން އިންނަ ޖޯލީގައެވެ. ހަމަ ކުރިން އައި ކޮކާ އައިސް މާތަކު ތެރޭގައި އުދުހެމުންދިޔައެވެ. ޖައްސާނެ މަލެއް ނޭނގިގެން އުޅުނެވެ. ތޫބާ ހިތަށްއެރިއެވެ. އިންސާނުން ވެސް އުޅެނީ ހަމަ އެހެންނެވެ. ތޫބާއަކީ ދިރިހުރި ހެއްކެކެވެ. އުދުހިއުދުހިފައި، ލޯމަރާފައި ޖެއްސުނީ އެހެން މީހަކު ހިބަކޮށްފައިވާ މަލަކަށެވެ. ތޫބާގެ ނަޒަރުގައި، ރަޒީނަށް ލޯބިހުށައެޅުން ލަސްވުން އެއީ ނަސީބެކެވެ. އެހެން ނޫން ނަމަ ފަރްހާއަށް ތޫބާ ދޭނީ ކޮން ޖަވާބެއްހެއްޔެވެ؟ ތޫބާއަކަށް ރަޒީން ގޯހެއް ވެސް ނޫނެވެ. ޖަލުގެ އަދަބުން ރަޒީން ސަލާމަތްކުރެވުން އެއީ ތޫބާގެ ހިތަށް ލިބުނު ފިނިކަމެކެވެ. ރަޒީންގެ ލޯތްބާ މެދު ތޫބާ އުންމީދުކަނޑައެއްނުލައެވެ. މަގު ސާފުވެއްޖެއެވެ. ތޫބާ ފަށާނީ އާފެށުމަކުންނެވެ. ކިތަންމެ ލުބާނާއެއް ގެނބުނަސް، ތޫބާއާ ދިމާއަށް ރަޒީންގެ ހިތް ލެނބިއްޖެ ނަމަ، ހުރިހައި ކުށެއް ތޫބާ މާފުކުރާނެއެވެ.

ނިމުނީ