30 ޖެނުއަރީ 2024 - 19:03

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނީ އެކަން ކުރަން އެންމެ ރަނގަޅު ވަގުތު ބަލާފައި ކަމަށް އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު، އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން އިއްޔެ ވަނީ ރައީސް ޑރ. މުއިއްޒު ވަކިކުރުމަށް އިތުބާރު ނެތް މައްސަލައެއް މަޖިލީހަށް ހުށަހަޅަން ފާސްކޮށްފަ އެވެ.
މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ބިގޭ ވިދާޅުވީ، އިތުބާރު ނެތް ކަމުގެ ގަރާރު މަޖިލީހަށް ހުށަހެޅުމަށް ބޭނުންވާ އަދަދަށް ވުރެ އިތުރަށް ވެސް މެންބަރުން މިހާރު ސޮއިކޮށްފައިވާ ކަމަށެވެ.
ނަމަވެސް ގަރާރު ހުށަހަޅާނެ ވަކި ވަގުތެއް ނުނިންމާ ކަމަށާއި އެކަން ކުރާނީ އެންމެ ރަނގަޅު ވަގުތު ބެލުމަށްފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ހުށަހެޅުން އަދި ހުށަހަޅާނީ މާދަންތޯ އަނެއް ދުވަހުންތޯ އަޅުގަނޑުމެން މިދަނީ ވަގުތާއި ހާލަތަށް ބަލާފައި، އެ ހުށަހެޅުން ހުށަހަޅަން ޖެހޭ އެންމެ ރަނގަޅު ވަގުތުގައި އަޅުގަނޑުމެން ހުށަހަޅާނީ،" ބިގޭ ވިދާޅުވި އެވެ.
އެމްޑީޕީ ޕީޖީން ފާސްކޮށްފައި އޮތް ކަމެއް ކުރާނެ ކަމަށާއި އެހެން ކަމުން މި ދައުރު ނިމުމުގެ ކުރިން އެކަން ކުރަން ޖެހޭނެ ކަމަށް ބިގޭ ވިދާޅުވި އެވެ. ހިނގަމުންދާ 19 ވަނަ މަޖިލީހުގެ ފަހު ދައުރު ހަމަވާނީ މެއި 27 އަށެވެ.
އޭނާ މިއަދު ވިދާޅުވި ގޮތުގައި އެ މައްސަލަ ހުށަހަޅާނީ ސަރުކާރަށް ނިސްބަތްވާ މެންބަރުންގެ ވެސް ތާއީދާއެކުގަ އެވެ. މިހާރު ވެސް ބައެއް މެންބަރުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ވިދާޅުވިނަމަވެސް އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
ގާނޫނުއަސާސީގެ 100 ވަނަ މާއްދާގައި ބުނާ ގޮތުން ރައީސް މަގާމުން ވަކި ކުރުމަށް މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުން ސަބަބު ބަޔާން ކޮށް މަޖިލީހަށް މައްސަލައެއް ހުށަހެޅިދާނެ އެވެ. އަދި ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓާއެކު ރައީސް މަގާމުން ދުރުކުރެވޭނެ އެވެ.
މަޖިލީހުގެ ގަވައިދު މީގެ ކުރިން އޮންނަ ގޮތުން ޖުމްލަ މެންބަރުންގެ އަދަދު ގުނާނީ 19 ވަނަ މަޖިލީހަށް އިންތިހާބުވި 87 މެންބަރުން ހިމަނައިގެންނެވެ.
ނަމަވެސް ގިނަ މެންބަރުންތަކެއް މަގާމް ދޫކުރައްވައި ސަރުކާރުގެ ކެބިނެޓަށް ވަޑައިގަތުމުން އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން ވަނީ ޖުމްލަ އަދަދު މިހާރު މަޖިލީހުގައި ހިމެނޭ މެންބަރުން އެކަނި ގުނަން ޖެހޭ ގޮތަށް ގަވާއިދު ބަދަލު ކޮށްފަ އެވެ.
އެ ބަދަލާއެކު މިހާރު ރައީސްގެ މައްސަލަ ފާސް ކުރަން ބޭނުން ވާނީ 53 މެންބަރުންނެވެ.
އެމްޑީޕީގައި މިހާރު ތިއްބަވަނީ 44 މެންބަރުންނެވެ. އަދި ޑިމޮކްރެޓްސްގައި 13 މެންބަރުން ތިއްބަވަ އެވެ. އެހެންވެ ދެ ޕާޓީގެ ވޯޓުން އެކަނި ރައީސް މަގާމުން ދުރު ކުރެވިދާނެ އެވެ.
ސަރުކާރުން ވަނީ އެ މާއްދާ ބާތިލް ކުރުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ.