30 ޖެނުއަރީ 2024 - 12:46

ރާއްޖޭގެ ސްކޫލުތަކުގައި ދަނޑުވެރިކަން ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ފަށަން ނިންމާފައިވާ ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުނެފި އެވެ.

ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސެއިން އިސްމާއިލް "މިހާރު" އަށް ވިދާޅުވީ ހުރިހާ ސްކޫލްތަކެއްގައި ވެސް ދަނޑުވެރިކަން ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން އެޑިޔުކޭޝަން މިނިސްޓްރީއާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު މަޝްވަރާތައް ކުރެވެމުން ދަނީ އެޑިޔުކޭޝަން މިނިސްޓްރީއާ އެކު، އެޗްރިކަލްޗާ އަކީ ވަކި މާއްދާއެއް ގޮތަށް ކިޔަވައިދޭން ފެށުމަށް. މަސައްކަތް މި ކުރަނީ މި އަހަރުތެރޭ ކިޔަވައިދޭން ފެށުމަށް،" ހުސެއިން ވިދާޅުވި އެވެ.
ދަނޑުވެރިކަމުގެ މާއްދާ ކިޔަވައިދޭން ފަށާނީ ކޮން ގްރޭޑަކުން ކަމެއް ވެސް އަދި މުޅިން ނުނިމެ އެވެ.
މިނިސްޓްރީން ރަސްމީކޮށް އެއީ ވަކި މާއްދާއެއްގެ ގޮތުގައި ކަނޑައަޅާފައި ނެތް ނަމަވެސް ބައެއް ސްކޫލުތަކުން އިސްނަގައިގެން މިހާރު ވެސް ދަނޑުވެރިކަން ކިޔަވައިދެ އެވެ.
ބައެއް ސްކޫލުތަކުގައި، ދަނޑުވެރިކަމަށް ކުދިން ޝައުގުވެރި ކުރުވަން ސްކޫލުގެ ގޯތިތެރޭގައި އެކި ބާވަތްތައް ހައްދަ އެވެ. ލެޓިއުސް ފަދަ ބާވަތްތައް ފެނުގައި ހެއްދުމާއި ބައެއް ސްކޫލުތަކުގައި މަސް ބޭނުންކޮށްގެން އެކްއާޕޯނިކްސް ދަނޑުވެރިކަން ވެސް ކުރެ އެވެ.
ސްކޫލްތަކުގެ ދަނޑުތަކުން ލިބޭ ފައިސާ ދަރިވަރުންނާއި ސްކޫލުގެ އެކި ކަންކަމަށް ވެސް ބޭނުން ކުރެ އެވެ.