15 ފެބުރުއަރީ 2017 - 05:58

އަންނަ މަހުގެ 2 ގައި އަޅުވާ ފިލްމް "މަލިކާ" ގެ ޕޯސްޓަރު އިސްޓަގްރާމްކޮށްގެން، ފިލްމުގެ ޓިކެޓް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

"މަލިކާ" ފިލްމުގެ އިސްޓަގްރާމް ފޮލޯކޮށް، ޕޯސްޓަރު އިސްޓަގްރާމްކޮށްގެން އެންމެ ގިނަ ލައިކްސް ހޯދާ ބަޔަކަށް މިއަދުން ފެށިގެން މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް ދެ ދުވަހުން އެއް ދުވަހު ޓިކެޓް ދޫކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
އެގޮތުން ކޮންމެ ދެ ދުވަހަކުން އެއް ދުވަހު، ތިން ޓިކެޓް ދޭގޮތަށް، ޖުމްލަ ނުވަ ޓިކެޓް ދޫކޮށްލާނެ އެވެ.
"މަލިކާ" ގެ މާކެޓިންއާ ހަވާލުވެ ހުރި ހުސައިން ނޫރައްދީން ބުނީ މީގައި ބައިވެރިވާން ހަދަންޖެހޭ ގޮތަކީ މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ފިލްމުގެ ޕޯސްޓަރުތަކުގެ ތެރެއިން ޕޯސްޓަރެއްގެ ފޮޓޯ ނަގައި، އިސްޓަގްރާމް ކުރާނީ ކަމަށެވެ.
"ދެން އޭގެ ތެރެއިން އެންމެ ގިނަ ލައިކްސް ލިބޭ ޕޯސްޓަރު ލާ މީހަކަށް ތިން ޓިކެޓް ލިބޭނެ. ޓިކެޓްގެ އިތުރަށް ވެސް ހަދިޔާއެއް އެ މީހަކަށް ލިބޭނެ،" އޭނާ ބުންޏެވެ. "މި ފިލްމުގެ ޕްރޮމޯޝަނަލް ހަރަކާތްތަކުގެ ތެރެއިން އަޅުގަނޑުމެން ރޭވި ކަމެއް. އެހެންވީމާ ރަނގަޅު ތަރުހީބެއް މިއަށް ލިބޭނެ ކަމަށް އުންމީދު ކުރެވޭ."
ޕޯސްޓަރު އިސްޓަގްރާމް ކުރުމުގެ އިތުރަށް، "މަލިކާ" ގެ ފޭސްބުކް ޕޭޖަށް ލައިކްކޮށް، ޓައިމްލައިންގައި ޝެއާކޮށްގެން އެންމެ ގިނަ ކޮމެންޓްސް މި މަހުގެ 20ގެ ކުރިން ހޯދާ މީހަކަށް ޕްރިމިއާ ޝޯއިން ވެސް ތިން ޓިކެޓް ދޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
"މަލިކާ" ޓިކެޓް މި މަހުގެ 5 އިން ފެށިގެން އޮލިމްޕަހުން އަންނަނީ ވިއްކަމުންނެވެ.
"ފުރަތަމަ ފަސް ޝޯއަށް މިހާރު ހުޅުވާލާފައި މިއޮތީ. ތަރުހީބު ހަމަ ވަރަށް ރަނގަޅު. ބާރު ބޮޑުކޮށް ދަނީ،" ނޫރު ބުންޏެވެ.
"މަލިކާ" އަކީ ބިންމާ އިބްރާހީމް ވަހީދުގެ ސްކްރީންޕްލޭއަކަށް އަލީ މުސްތޮފާ (ސެމީ) ޑައިރެކްޓްކޮށްފައިވާ އާއިލޫ ލޯބީގެ ހާދިސާތަކެއް ދައްކުވައިދޭ ފިލްމެކވެ.
ލިލީގެ ޗެއާމަން އަހުމަދު ނާސިރު (މައްލާ) އާއި އިބްރާހީމް ރަޝީދު (މަހުރަބު އިއްބެ) ޕްރޮޑިއުސްކޮށްފައިވާ މި ފިލްމު މާލެއާ އެކު އާބާދީ ބޮޑު ހަތަރު އަތޮޅެއްގައި ޕްރިމިއާ ކުރަން ވެސް ވަނީ ހަމަޖެހިފަ އެވެ.
"މަލިކާ" ޓައިޓްލް ރޯލް "ފިލްމީ ދާއިރާ އަށް އަލަށް ތައާރަފުވާ ނުޒުހަތު ޝުއައިބް (ނުޒޫ) ކުޅެފައިވާ އިރު، މި ފިލްމުން ތަޖުރިބާރު އެކްޓަރުންނާއި ޒުވާން ތަރިންތަކެއް ފެނުގެން ދާނެ އެވެ.
އޭގެ ތެރޭގައި މަރިޔަމް ޝަކީލާ، އިސްމާއީލް ޒާހިރު، އަލީ ފާރޫގް، އަހުމަދު އާސިމް، ފާތުމަތު އާޒިފާ (އަޒޫ)، ޖުމައްޔިލް ނިމާލް (ޖުމަލް)، އަލީ އާޒިމް (ދޮން އައްޔަ)، ސުޖީތާ އަބްދުﷲ (ސުޖީ) އަދި އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) ހިމެނެ އެވެ.