ޑިމޮކްރެޓްސް އިން 41 ދާއިރާއަކަށް ވާދަކުރަނީ، ގިނަ ކެންޑިޑޭޓުންނަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ކަށަވަރު
ޑިމޮކްރެޓްސް އިން 41 ދާއިރާއަކަށް ވާދަކުރަނީ، ގިނަ ކެންޑިޑޭޓުންނަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ކަށަވަރު

ޑިމޮކްރެޓްސް އިން މަޖިލީހުގެ 41 ދާއިރާއަކަށް ކުރިމަތިލާން ނިންމައިފި އެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި ޑިމޮކްރެޓްސް އިން ބުނީ މަޖިލިސް އިންތިހާބުގައި އެ ޕާޓީގެ ޓިކެޓުގައި ވާދަކުރަން ހުޅުވާލި ފުރުސަތުގައި 46 ކެންޑިޑޭޓަކު އެދިފައިވާ ކަމަށާއި އެއީ 13 އަންހެނަކާއި 33 ފިރިހެނުން ކަމަށެވެ. މިއީ 41 ދާއިރާއަކަށް ކުރިމަތިލާން ހުށަހެޅި މީހުންނެވެ.

އެ ޕާޓީން މަޖިލިސް އިންތިހާބުގައި ވާދަކުރަން ގިނަ ދާއިރާތަކުން އެންމެ ކެންޑިޑޭޓަކު ހުށަހަޅާފައިވާތީ ޕްރައިމަރީއަކާ ނުލައި އެ މެމްބަރުންނަށް ޓިކެޓް ވަނީ ކަށަވަރުވެފަ އެވެ.

ޕްރައިމަރީއަކާ ނުލައި ޓިކެޓް ލިބޭ މެމްބަރުންގެ ތެރޭގައި މިހާރު ވެސް މެދު ހެންވޭރު ދާއިރާގެ މެމްބަރު ކަމުގައި ހުންނެވި އަލީ އާޒިމް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) އަދި ހެންވޭރު ހުޅަނގު ދާއިރާއަށް ހަސަން ލަތީފް ހިމެނެ އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަމުގައި ހުންނެވި ހުސެއިން އަމްރު ވެސް މައްޗަށް ގޮޅި އުތުރު ދާއިރާއަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ވަނީ ކަށަވަރުކުރައްވައިފަ އެވެ.

އެ ޕާޓީގެ ޕްރައިމަރީ އޮންނާނީ އެންމެ ހަތަރު ދާއިރާއެއްގަ އެވެ. އެއީ ކެލާ ދާއިރާ އާއި ކަނޑިތީމު ދާއިރާ އާއި ހުޅުމާލޭ ދެކުނު ދާއިރާ އަދި ހެންވޭރު ދެކުނު ދާއިރާގެ އެވެ.

ޕްރައިމަރީ އޮންނަ ދާއިރާތަކަށް ކުރިމަތިލި ކެންޑިޑޭޓުން:

● މަރިޔަމް ހަނީފާ ހާލިދު (ހަނީ)، އަނބުގަސްދޮށުގެ / ހއ. ކެލާ

● ފަތުހުﷲ އިސްމާއީލް، ފީރޯޒްގެ / ހއ.ކެލާ

● އަހުމަދު ރައިސަމް، ހެޕީހައުސް / ށ. ފެދޫ

● އަލީ ނިފާޒް މުހައްމަދު، ހުޅުމާލެ، ހިޔާ 04-06-3 / މާލެ

● ހަސަން އަގީލް (ހުޅުމާލެ ހަވަރު ހަސަން)، ހުޅުމާލެ، ހިޔާ 8-8-06 / މާލެ

● ހުސައިން ފިރުޝާން، މަރިޔާޒުގެ / ގދ. ހޯނޑެއްދޫ

● މުހައްމަދު ފައިސަލް، ގ.ރެންޑަވޫޒް / މާލެ

● އަހުމަދު އަސްވަން ނުއުމާން، ހ. އެފޯނިޔަމްގެ 1 / މާލެ

● މުހައްމަދު ސައިފް ފާތިހު (އައިކޮ)، ހ. ހާގޯށި / މާލެ

އެ ޕާޓީގެ ޕްރައިމަރީ އޮންނާނެ ވަކި ތާރީހެއް އަދި ނުބުނެ އެވެ.

މަޖިލިސް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން އަދި ނިންމާފައި އޮތީ އަންނަ މާޗު މަހުގެ 17 ގަ އެވެ.