30 ޖެނުއަރީ 2024 - 06:27

ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ދެމުން ގެންދާ ހަމަލާތައް ހުއްޓުމަކަށް ގެނައުމާ އެކު ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލު މީހުން މިނިވަންކުރުމާ ބެހޭ ހުށަހެޅުމެއް، ސުލްހަވެރި ހައްލެއް ހޯދުމުގެ މެދުވެރިއެއްގެ ދައުރު އަދާކުރާ ގަތަރުން ހަމާސް އަށް ހުށަހަޅަން ނިންމައިފި އެވެ.

މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގެންނެވި ގަތަރުގެ ބޮޑުވަޒީރު ޝައިޚް މުހައްމަދު އަބްދުއްރަހްމާން އާލް ތާނީ ވިދާޅުވީ ރަނގަޅު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި ދެން އޮތީ ހަމާސް އިން މި ކަމުގެ ތެރޭގައި، ނަތީޖާ ނެރެވޭނެ ގޮތަކަށް ބައިވެރިކުރަން ހުށަހެޅުން ކަމަށެވެ.
ބޮޑުވަޒީރު މުހައްމަދު ވިދާޅުވީ މިއީ މަރުހަލާތަކަކަށް ބަހާލައިގެން ހަމަލާތައް ހުއްޓުމަކަށް ގެނެސް، ހަމަލާތަކަށް ދާއިމީ ގޮތެއްގައި ހުއްޓުމެއް ގެނުވިދާނެ ހުށަހެޅުމަކަށް ވެދާނެ އެވެ. އޭނާ ވިދާޅުވީ މި ހުށަހެޅުމުގައި އެންމެ ފުރަތަމަ ރަހީނުންގެ ތެރޭގައި ތިބި ކުޑަކުދިންނާއި އަންހެނުން މިނިވަންކުރުން ހިމެނޭ ކަމަށެވެ. އަދި ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމުގެ ފުރުސަތު ވެސް ދޭނެ ކަމަށް ވިދާޅުވި އެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން ވެސް ވަނީ އެއްބަސްވުމަކަށް އާދެވިދާނެ ކަމުގެ އުންމީދު ބޮޑު ކަމަށް ވިދާޅުވެފަ އެވެ.
"ވަރަށް މުހިންމު އަދި އުފެއްދުންތެރި މަސައްކަތްތަކެއް ކުރެވިއްޖެ. ހަމަ ހަގީގަތުގައި ވެސް ކުރިއަށް ދަނީ އުންމީދީ މަސައްކަތެއް،" ފްރާންސްގެ ވެރިރަށް ޕެރިހުގައި ބޭއްވި މަޝްވަރާތަކަށް ފަހު ބްލިންކެން ނޫސްވެރިންނަށް ވިދާޅުވި އެވެ.
ހަމާސްގެ އިސް އޮފިޝަލެއް ކަމަށްވާ ތާހިރް އަލް ނޫނޫ ވިދާޅުވީ ހަމާސް އިން ބޭނުންވަނީ ވަގުތީ ގޮތުން ހަމަލާތައް ހުއްޓޭ އެއްބަސްވުމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ގަތަރުގެ ހުށަހެޅުމާ މެދު ތަފްސީލުކޮށް މަޝްރާއަކަށް ދެވޭނީ އެންމެ ފުރަތަމަ ހަމަލާތަކަށް ހުއްޓުމެއް އައުމުން ކަމަށެވެ.
އިޒްރޭލުން ވެސް ބުނީ ޕެރިހުގެ މަޝްވަރާތައް ކުރިއަށް ދަނީ ވަރަށް ރަނގަޅަށް ކަމަށާއި އެކަމަކު އަދި ފޫނުބެދޭ ކަންކަން އެބަހުރި ކަމަށެވެ. އެހެންވެ އެ ކަންކަން ހައްލުކުރުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް ބުންޏެވެ.
އިޒްރޭލުން ޣައްޒާއަށް ހަމަލާދޭން ފެށިތާ ތިން މަސް ވެފައި ވާއިރު، އދ. އިން ފަލަސްތީނަށް ހާއްސަކޮށްފައިވާ ރެފިއުޖީ އެޖެންސީގެ ބައެއް މުވައްޒަފުން އިޒްރޭލަށް ހަމަލާ ދިނުމުގައި ބައިވެރިވި ކަމުގެ ތުހުމަތާ އެކު އުފެދިފައިވާ މައްސަލަ އާއި ޖޯޑަންގައި އެމެރިކާ ސިފައިންގެ މަރުކަޒަކަށް ހަމަލާދީ ސިފައިންގެ ތިން މީހަކު މަރާލި ހާދިސާ ވަނީ ހޫނުވެފަ އެެވެ. މިއާ އެކު ޣައްޒާގެ ހަމަލާތައް މުޅި ސަރަހައްދަށް ފެތުރިދާނެ ކަމަށް އޮތް ބިރު ވަނީ ވަރަށް ބޮޑުވެފަ އެވެ.
އަނެއްކޮޅުން، އިޒްރޭލުން ޣައްޒާގައި އަނެއްކާވެސް ހަމަލާތައް ވަރުގަދަކޮށް މިދިޔަ 24 ގަޑިއިރުތެރޭ އިތުރު 215 މީހަކު ޝަހީދުކޮށްލާފައިވެ އެވެ. މީގެ ތެރޭގައި އެއް އާއިލާއެއްގެ 20 މީހުން ވެސް ހިމެނޭ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުންޏެވެ.
ނުރައްކާތެރި ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހޭ މީހުންނަށް އެހީވާ "އުންރުވާ" އަށް ފައިސާދޭ 12 ގައުމަކުން ވަނީ އެ ޖަމިއްޔާއަށް ކުރާ ތުހުމަތާ ހެދި ދެން އެހީ ނުވާނެ ކަމަށް ބުނެފަ އެވެ. އެހެންވެ އާންމުން އިތުރަށް ހާލުގައި ޖެހުމުގެ ބިރު ވެސް ވަނީ ބޮޑުވެފަ އެވެ.
އިޒްރޭލަށް ހަމާސް އިން އޮކްޓޫބަރު 7 ގައި ދިން ހަމަލާތަކުގައި 1،140 މީހަކު މަރާލައި 250 މީހަކު ރަހީނުކުރުމާ އެކު އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި ފަލަސްތީނުގެ 26،000 އަށް ވުރެ ގިނަ މީހުން މިހާތަނަށް ވަނީ ޝަހީދުކޮށްލައިފަ އެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނާއި ފުރާވަރު ކުދިން ކަމަށް ފަލަސްތީނުން ބުނާއިރު އިޒްރޭލުން ބުނާ ގޮތުން އޭގެ ތެރޭގައި 2،000 "ޓެރަރިސްޓުން" ހިމެނެ އެވެ. -- އޭއެފްޕީ