30 ޖެނުއަރީ 2024 - 06:28

ޔަމަންގެ ހޫތީން މީގެ ދެ މަސް ދުވަސް ކުރިން އަތުލައިގަތް ކާގޯ ބޯޓު "ގެލެކްސީ ލީޑާ" އަށް އާންމުންނަށް ދެވޭ ގޮތް ހަދައި އެ ބަލަންދާ މީހުންގެ އަތުން ފީއެއް ނަގަން ފަށައިފި އެވެ.

ކާރު އުފުލާ ބޯޓެއް ކަމަށްވާ ގެލެކްސީ ލީޑާ އަށް ހަފްތާއަކު ފަސް ދުވަހު ދެވޭނެ އިންތިޒާމް ހަމަޖައްސައި އެ ބަލަން ދިއުމުގެ ފީއެއްގެ ގޮތުގައި ކޮންމެ މީހެއްގެ އަތުން ގާތްގަނޑަކަށް އެއް ޑޮލަރުގެ ފީއެއް މިހާރު ނަގަ އެވެ. އެކަމަކު ބޯޓަށް ދެވެނީ ހަމައެކަނި ފިރިހެނުންނަށެވެ.

ހޫތީން ކުރިން ބުނެފައިވަނީ މި ބޯޓަކީ އިޒްރޭލުން ފަލަސްތީނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުމަށް ހޫތީން ރަތްކަނޑުގައި އުޅަނދުތަކަށް ދޭން ފެށި ހަމަލާތަކަށް ލިބުނު އިނާމެއް ކަމަށެވެ.
އިޒްރޭލާ ގުޅުން ހުރި އުޅަނދުތަކަށް ދޭ ކަމަށް ބުނާ ހަމަލާތަކުގައި އަތުލި މި ބޯޓަށް ދިޔަ މީހަކު އޭއެފްޕީ އަށް ކިޔައިދީފައިވާ ގޮތުގައި ރަތް ކަނޑުގެ އައްސޭރީގައި، ޔަމަންގެ ހުދައިދާ ބަނދަރުގެ ބޭރުގައި އޮތް "އިޒްރޭލުގެ" ބޯޓަށް ގޮސް އޭނާ ފަސް ގަޑިއިރު އޭގައި ހޭދަކުރި އެވެ.
"މިއީ ފަލަސްތީނަށްޓަކައި އަހަރެމެންގެ ހަތިޔާރުއެޅި ގްރޫޕްތަކުން ކުރި މަސައްކަތުގެ ފަހުރުވެރި ނަތީޖާއެއް،" އޭނާ ބުނެފައިވެ އެވެ.
މި ބޯޓަށް ދާ މީހުން އޭގައި ފޮޓޯ ނެގުމާއި ސަގާފީ ނެށުންތައް ބޭއްވުން ފަދަ ކަންކަން ވެސް ކުރެ އެވެ.
ގެލެކްސީ ލީޑާ އަކީ އިޒްރޭލުގެ ވިޔަފާރިވެރިއެއް އިނގިރޭސި ކުންފުންޏެއްގެ އުޅަނދެކެވެ. މި ބޯޓު މިދިޔަ ނޮވެމްބަރު މަހު 19 ވަނަ ދުވަހު އަތުލައިގަތް އިރު ދަތުރުކުރީ ޖަޕާނުގެ ކުންފުންޏަކުން ޗާޓަރުކޮށްގެންނެވެ.
ހަމާސް އިން އޮކްޓޫބަރު 7 ގައި އިޒްރޭލަށް ހަމަލާދީ 1،140 މީހަކު މަރާލައި 250 މީހަކު ރަހީނުކުރުމާ އެކު އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް ވަނީ 26،250 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ. އިޒްރޭލުން ހަމަލާދޭން ފެށުމުން ހޫތީން ރަތްކަނޑުގައި އުޅަނދުތަކަށް ދޭ ހަމަލާތަކާ ހެދި ބައިނަލްއަގުވާމީ ވިޔަފާރިއަށް ބޮޑެތި ދަތިކަމެއް ކުރިމަތިވެ އެކި ގައުމުތައް ބައިވެރިވެގެން ގެންދަނީ އެ ސަރަހައްދުގައި ފޯރިމަރަމުންނެވެ. --އޭއެފްޕީ