29 ޖެނުއަރީ 2024 - 18:59

އިތުބާރު ނެތް ކަމަށް ހުށަހަޅައި ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން ވަކިކުރަން މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ބޭނުން ވިޔަސް އެ ފުރުސަތު މަޖިލީހުގެ ތެރެއިން ނުދޭނެ ކަމަށް ސަރުކާރު ހިންގާ ކޯލިޝަން، ޕީޕީއެމާއި ޕީއެންސީން މިއަދު ބުނެފި އެވެ.
މި ސަރުކާރުގެ ކެބިނެޓަށް ރުހުން ނުދީ މަޖިލީހުގައި މައްސަލަ ދިގު ދެންމުމަށް ފަހު، ހަތަރު ވަޒީރަކަށް ރުހުން ނުދޭނެ ކަމަށް އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން އިއުލާންކުރުމުން މަޖިލިސް ޖަލްސާއަށް ހުރަސްއަޅައި ހަމަނުޖެހުން އިއްޔެ ހިނގި އެވެ. ވަކި ސަބަބެއް ނެތި، ވަޒީރުންތަކަކަށް ރުހުން ނުދޭން ނިންމުމާ ދެކޮޅު ހަދައި ޕީޕީއެމާއި ޕީއެންސީން ހިތްހަމަނުޖެހުންފާޅުކުރުމުން ރައީސް މުއިއްޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާނެ ކަމަށާއި ސޮއި ހަމަވެއްޖެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ވަނީ ބުނެފަ އެވެ.
އޭގެ ފަހުން އެޓާނީ ޖެނެރަލް މުހައްމަދު އުޝާމް އާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ރުހުން ނުދޭން މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ. އެކަމަކު އެ ތިން ވަޒީރުން އަލުން އައްޔަންކުރައްވައި މަގާމުގެ ފަތްކޮޅު ވަނީ އަރުވައިފަ އެވެ.
ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހަޅަން އެމްޑީޕީން ކުރަމުންދާ މަސައްކަތާ ގުޅޭ ގޮތުން ޕީޕީއެމް/ޕީއެންސީގެ ޕީޖީ ގްރޫޕްން ބުނީ އެކަން މަޖިލީހުގެ ތެރޭގައި ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
އެ ކޯލިޝަނުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕީޕީއެމްގެ ޕީޖީ ލީޑަރު، އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ ރައީސް މަގާމުން ދުރުކުރުމަށް އެމްޑީޕީން ކުރާ މަސައްކަތް ހުއްޓުވާނެ ކަމަށެވެ. އެ މައްސަލަ ކުރިއަށް ގެންދިއުމަށް ވެސް ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވި އެވެ.
"އެކަމަށް [ރައީސް މަގާމުން ދުރުކުރުމުގެ މައްސަލަ] އަޅުގަނޑުމެން ފުރުސަތެއް ނުދޭނަން. އަޅުގަނޑުމެންގެ ފުރާނަ ދުއްވާލާފައި ރައީސް އަޒުލުކުރަން ޖެހޭނީ،" ސަލީމް ވިދާޅުވި އެވެ.
މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވީ އެމްޑީޕީން ބޭނުންވިޔަސް ރާއްޖޭގެ ކަންކަން އެ ޕާޓީން ބޭނުންވާ ގޮތަށް ނުދާކަން މިދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާ އިން ވަރަށް ބޮޑަށް ހާމަވެފައިވާ ކަމަށެވެ.
"ދައުރު ހަމަވަމުންދާ މަޖިލީހަކުން މި މަސައްކަތްކުރަނީ ރައީސް އަޒުލުކުރަން. އެކަމެއް ނުވާނެ،" ޓޮމް ވިދާޅުވި އެވެ.
މިދިޔަ ނޮވެމްބަރު މަހު ހުވާ ކުރެއްވި ރައީސް މަގާމުން ދުރުކުރުމުގެ މަސައްކަތް އެމްޑީޕީއަށް ކާމިޔާބު ނުކުރެވޭނެ ސަބަބެއްގެ ގޮތުގައި ތޯރިގު ދެއްކެވީ، މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ކެބިނެޓްގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ފާސްކޮށްފައި ވަނިކޮށް ވިޕްލައިނާ ޚިލާފަށް ބައެއް މެމްބަރުން ވޯޓު ދެއްވައި ވަޒީރުންނަށް ރުހުން ދޭން ނިންމުމެވެ.
"އެހެންވީމަ އޭގެއިން ވެސް އެބަ އެނގޭ އެމްޑީޕީ ބޭނުންވާ ގޮތަށް އެ ޕާޓީއަށް ނަމްބަރުތައް ނުލިބޭކަން،" ޓޮމް ވިދާޅުވި އެވެ.
ރައީސް މަގާމުން ދުރުކުރެވޭނީ މަޖިލީހުގެ 53 މެމްބަރުންގެ ވޯޓުންނެވެ. އެމްޑީޕީ އާއި ޑިމޮކްރެޓްސް، އެއްވިޔަސް އެ އަދަދު ހަމަނުކުރެވޭނެ ކަމަށް ޓޮމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައީސް މަގާމުން ދުރުކުރުމުގެ ޕެޓިޝަނުގައި ސޮއި ނުކުރާނެ މެމްބަރުން އެމްޑީޕީ އާއި ޑިމޮކްރެޓްސްގައި ވެސް ތިބޭނެ އެވެ.
ޓޮމް ވިދާޅުވީ އޭނާ އުއްމީދުކުރައްވަނީ އެ މައްސަލަ ސަރުކާރުގެ ފަރާތުން ސްޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށެވެ.
ގާނޫނުއަސާސީގެ 100 ވަނަ މާއްދާގައި ބުނާ ގޮތުން ރައީސް މަގާމުން ވަކި ކުރުމަށް މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުން ސަބަބު ބަޔާން ކޮށް މަޖިލީހަށް މައްސަލައެއް ހުށަހަޅިދާނެ އެވެ. އަދި ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓާއެކު ރައީސް މަގާމުން ދުރުކުރެވޭނެ އެވެ.
ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ނިންމިއިރު، އެއީ ސީދާ ކޮން ސަބަބަކާ ގުޅިގެން ކަމެއް އެމްޑީޕީގެ ޕީޖީ ގްރޫޕުން މިހާތަނަށް ނުބުނެ އެވެ.