އެމްއައިބީ ރީޓެއިލް ބެންކިންގެ ހިދުމަތްތައް ޑިޖިޓަލްކޮށް ލިބޭނެ
އެމްއައިބީ ރީޓެއިލް ބެންކިންގެ ހިދުމަތްތައް ޑިޖިޓަލްކޮށް ލިބޭނެ

އެމްއައިބީގެ ރީޓެއިލް ބޭންކިންގެ ހުރިހާ ހިދުމަތްތަކެއް މިހާރު އޮންލައިންކޮށް ހޯދޭނެ އެވެ.

އެމްއައިބީގެ ހިދުމަތްތަކަކީ ކޮންމެ މީހަކަށް ވެސް ކޮންމެ ތަނެއްގައި ހުރެގެން ވެސް ހޯދޭނެ ހިދުމަތްތަކަކަށް ހެދުމުގެ ގޮތުން އެ ބެންކުން ވަނީ އޮންލައިންކޮށް އެކައުންޓު ހުޅުވޭނެ އިންތިޒާމު ހަމަޖައްސައިފަ އެވެ. އެ ބެންކުގެ "އެޕްލައި ނައު" ޕޯޓަލްއިން އޮންލައިންކޮށް އެކައުންޓް ހުޅުވަން ހުށަހެޅުމުން ވަގުތުން އެކައުންޓް ހުޅުވޭނެ އެވެ.

ވަގުތުން އެކައުންޓު ހުޅުވުމުގެ ހިދުމަތް އިތުރަށް ފުރިހަމަކުރުމުގެ ގޮތުން ވަގުތުން އެކްޓިވޭޓުކުރެވޭ އިންސްޓަންޓް ކާޑެއް ވެސް އެ ބެންކުން ވަނީ ތައާރަފްކޮށްފަ އެވެ. އެމްއައިބީގެ ސޭލްސް ސެންޓަރުތަކާއި ބްރާންޗުތަކުން ލިބެން ހުރި މި ކާޑަކީ އޭގައި ހިމެނޭ ކިއުއާރު ކޯޑު ސްކޭންކޮށް ވަގުތުން އެކައުންޓާއި ލިންކުކޮށް އެކްޓިވޭޓު ކުރެވޭ ކާޑެކެވެ.

އެމްއައިބީއިން ދޭ ހުރިހާ ހިދުމަތްތަކަކީ ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެން ވެސް ހޯދޭނެ ހިދުމަތެއްކަން ޔަގީންކުރުމުގެ ގޮތުން އެ ބެންކުގެ "އުޖާލާ" ފައިނޭންސިން ފެސިލިޓީގެ ހުރިހާ ހިދުމަތްތަކެއް ވެސް ވަނީ ޑިޖިޓަލް ކޮށްފަ އެވެ.

އެމްއައިބީއިން ދާދި ފަހުން ތައާރަފްކުރި "އުޖާލާ ނައު" ޕޯޓަލް މެދުވެރިކޮށް އުޖާލާ ދިރިއުޅުމުގެ ހުރިހާ ފެސިލިޓީތަކަށް ހުށަހެޅުމާއި ފެސިލިޓީތައް ހަމަޖެހުމުން އޮންނަ އެއްބަސްވުމުގައި ސޮއިކުރުމުގެ މަރުހަލާ ވެސް ވަނީ ޑިޖިޓަލްކޮށްފަ އެވެ.

އެމްއައިބީގެ ހިދުމަތްތައް ޑިޖިޓަލްކޮށްފައި ވަނީ އެ ބެންކުގެ ހުރިހާ ހިދުމަތްތަކަކީ ކޮންމެ މީހަކަށް ވެސް ކޮންމެ ތަނެއްގައި ހުރެގެން ވެސް ފަސޭހައިން ހޯދޭނެ ހިދުމަތްތަކަކަށް ހެދުމަށެވެ. އެ ބެންކުން މަސައްކަތް ކުރަމުން ދަނީ ޓެކްނޮލޮޖީގެ އެހީގައި ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމަށެވެ.