އީޕީއޭގެ "ރީސްޓޯ ރަސްފަރީ" ޕްރޮޖެކްޓަށް ދިރާގުގެ އެހީ
އީޕީއޭގެ "ރީސްޓޯ ރަސްފަރީ" ޕްރޮޖެކްޓަށް ދިރާގުގެ އެހީ

އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ "ރީސްޓޯ ރަސްފަރީ" ޕްރޮޖެކްޓަށް އެހީތެރިވުމަށް ދިރާގުން ޕާޓްނާޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި ޕްރޮޖެކްޓަކީ 2021ވަނަ އަހަރު ރަސްފަރީ ފަރަށް އާގު ބޯޓެއް އެރުމުން ފަރަށް ލިބުނު ގެއްލުންތައް އިޔާދަކުރުމުގެ ގޮތުން އީޕީއޭއިން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.

ދިރާގުން ބުނީ އެ ކުންފުނިން އީޕީއޭގެ ރިސްޓޯރޭޝަން ޓީމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ފަރު އިޔާދަކުރުމުގެ މަސައްކަތް ކުރާ ޓީމްތަކަށް މިހާރު ޑައިވިން ކިޓްތަކެއް ހަދިޔާ ވެސް ކޮށްފައިވާ ކަމަށެވެ.

އީޕީއޭގެ އެ ޕްރޮޖެކްޓުގެ ދަށުން ފަރު އިޔާދަކުރަން ފަސް އަހަރުގެ މުއްދަތަކަށް މުރަކަ އަލުން ފަރުގައި އިންދާނެ އެވެ. އަދި ނާސަރީތަކުގައި އާލާކުރާ މުރަކަ ފަރަށް ބަދަލުކުރާނެ އެވެ. ދާދި ފަހުން މުރަކަ އިންދުމަށް އީޕީއޭއިން ކުރިއަށް ގެންދިޔަ ހަރަކާތުގައި ދިރާގުގެ ދަރުމަވެރިން ބައިވެރިވި އެވެ.

ދިރާގުން ބުނި ގޮތުގައި "ރަސްފަރީ މެރިން ޕްރޮޓެކްޓެޑް އޭރިއާ" ސައިޓުގައިވާ މި ފަރަކީ ތަފާތު ގިނަ ދިރޭތަކެތި ދިރިއުޅެމުންދާ ސަރަހައްދަކަށްވުމުން މި ފަރު އިޔާދަކުރުމަކީ ބަޔޯޑައިވާސިޓީ ހިމާޔަތް ކުރުމަށް އެޅިގެންދާނެ ބޮޑު ފިޔަވަޅެކެވެ.

ދިރާގުގެ ޑިރެކްޓަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ ދިރާގަކީ ތިމާވެށި ރައްކާތެރިކުރުމަށް ހިންގާ މިފަދަ އެކި ޕްރޮޖެކްޓުތަކަށް އެއްބާރުލުން ދޭ ކުންފުންޏެއް ކަމަށާއި ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތްތަކަކީ އެ ކުންފުނީގެ ސީއެސްއާރުގެ މުހިންމު ބައެއް ކަމަށެވެ.

އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް، އިބްރާހިމް ނައީމް ވިދާޅުވި ގޮތުގައި ދިރާގު ފަދަ ކުންފުނިތަކުގެ އެއްބާރުލުން މި ފަދަ ޕްރޮޖެކްޓުތަކަށް ބޭނުންވެ އެވެ. އަދި ދިރާގާއި އެކު ގުޅިގެން މި ޕްރޮޖެކްޓަކީ ކާމިޔާބު ޕްރޮޖެކްޓަކަށް ހެދުމަށް މަސައްކަތްކުރާނެ ކަމަށް ވިދާޅުވި އެވެ.