14 ފެބުރުއަރީ 2017 - 11:07

ޓިއުރިން (ފެބްރުއަރީ 14) – ޕޯޗުގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ 2002 ވަނަ އަހަރު ޔުވެންޓަސް އަށް ސޮއިކުރުމާ ވަރަށް ގާތަށް ދިޔަ ކަމަށާއި އެކަން ކާމިޔާބުނުވީ އޭރު ޔުވެންޓަސް އަށް ކުޅުނު ޗިލީގެ މާސެލޯ ސަލާސްގެ ސަބަބުން ކަމަށް ޔުވެންޓަސްގެ ކުރީގެ ސްޕޯޓިން ޑިރެކްޓަރު ޖިއާނީ ޑި މާޒިއޯ ބުނެފި އެވެ.
ޕޯޗުގަލްގެ ސްޕޯޓިން ލިސްބަން އަށް ކުޅެނިކޮށް މެންޗެސްޓާ ޔުނައިޓެޑުން ރޮނާލްޑޯ ގެންދިޔައީ 2003 ވަނަ އަހަރެވެ. އެކަމަކު އޭގެ ކުރިން އޭނާ ގެންދަން ޔޫރަޕުގެ ބޮޑު ހުރިހާ ކްލަބަކުން މަސައްކަތްކުރި ކަމަށް ރޮނާލްޑޯގެ އޭޖެންޓް ޖޯޖް މެންޑެސް ވަނީ ބުނެފަ އެވެ.
ޔުވެންޓަސްގެ ސްޕޯޓިން ޑިރެކްޓަރަކަށް 2001-2006 އަށް މަސައްކަތްކުރި މާޒިއޯ ބުނީ ރޮނާލްޑޯގެ ސޮއި ހޯދަން 2002 ވަނަ އަހަރު އޭނާ ޓިއުރިން އަށް ވެސް ގެނައި ކަމަށެވެ. އަދި ސްޕޯޓިންއާ އެކު އެއްބަސްވީ ރޮނާލްޑޯގެ ބަދަލުގައި ޔުވެންޓަސްގެ ސަލާސް އެ ޓީމަށް ދޭން ކަމަށާއި އެކަމަކު ސަލާސް އެއްބަސްނުވީ ކަމަށެވެ.
"އަހަރެން ބުނިން އޭނާ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވާނެ ކަމަށް، ޑިއޭގޯ މަރަޑޯނާ ނަގާފައި،" މާޒިއޯ ބުންޏެވެ. "އަހަރެން ޑީލެއް ހެދުމަށް ވާހަކަދެއްކިން އަދި ރޮނާލްޑޯ ޓިއުރިން އަށް ގެނައިން. އެކަމަކު ސަލާސް އެއްބަހެއް ނުވި ސްޕޯޓިން އަށް ދާން. އެ ސަބަބާ ހެދި ރޮނާލްޑޯ ޔުވެންޓަސް އަށް ނުގެނެވުނީ،" މާޒިއޯ ބުންޏެވެ.
ލާޒިއޯ އިން 2001 ވަނަ އަހަރު ޔުވެންޓަސްއާ ގުޅުނު ފޯވާޑް ސަލާސް ޕޯޗުގަލް އަށް ބަދަލުވާން 2002 ވަނަ އަހަރު އެއްބަސްނުވިއިރު އެންމެ ފަހުން ޖެހިގެން އައި އަހަރު އޭނާ ބަދަލުވާން ޖެހުނީ އާޖެންޓީނާގެ ރިވާ ޕްލޭޓަށެވެ.
ރޮނާލްޑޯ އެ އަހަރު މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެ 2009 ގެ ނިޔަލަށް އެ ޓީމަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދި އެވެ. ރޮނާލްޑޯ ރެކޯޑް އަގެއްގައި 2009 ވަނަ އަހަރު ރެއާލް މެޑްރިޑަށް ބަދަލުވިއިރު މިހާރު އޭނާ ވަނީ ފުޓްބޯޅައިން ހާސިލްކުރެވެން ހުރި ގިނަ ކާމިޔާބީތައް ހާސިލްކޮށްފަ އެވެ.