29 ޖެނުއަރީ 2024 - 13:03

އުރީދޫގެ ޑިޖިޓަލް ވޮލެޓް އެމް-ފައިސާ ބޭނުންކުރާ ކަސްޓަމަރުންނަށް ކޮންމެ ދެ މަހަކުން އައިފޯން 15 ޕްރޯ މެކްސްއެއް ދޭ ޕްރޮމޯޝަނުގެ ފުރަތަމަ ފޯނު ދީފި އެވެ.
އުރީދޫއިން ބުނި ގޮތުގައި މި ޕްރޮމޯޝަންގެ ފުރަތަމަ ފޯނު ލިބުނު ނަސީބުވެރިޔާއަށް ހޮވުނު މުހައްމަދު ވިސާމްއަށް މިހާރު ވަނީ ފޯނު ހަވާލުކޮށްފަ އެވެ. އަދި ފޯނު ލިބުނު ކަސްޓަމަރަކީ ޔޫޓިލިޓީ ބިލްތަކާއި ޕެޓްރޯލް އަޅާ ފައިސާ ދެއްކުމަށް އެމް-ފައިސާ ބޭނުންކުރި ކަސްޓަމަރެެކެވެ.
ކުރިއަށް އޮތް ހަތަރު މަހަށް މި ޕްރޮމޯޝަން ދެމިގެންދާ އިރު، މި ޕްރޮމޯޝަނުގައި އިތުރު ދެ އައިފޯން ދޭނެ އެވެ. މި ފޯނު ހޯދުމަށް އެމް-ފައިސާ މެދުވެރިކޮށް ޔުޓިލިޓީ ބިލްތައް ދައްކާ، ފިހާރަތަކާއި ރެސްޓޯރަންޓު އަދި ޕެޓްރޯލް ޝެޑަށް ފައިސާ ދައްކައިގެން ލަކީޑްރޯގައި ބައިވެރިވެވޭނެ އެވެ. މި ލަކީޑްރޯގައި ބައިވެރިވެވޭނީ 1،500ރ. އިން މަތިން އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންނަށެވެ.
އެމް-ފައިސާއަށް ރެޖިސްޓާކުރަން ބޭނުންވާ ކަސްޓަމަރުންނަށް އުރީދޫ އެޕް މެދުވެރިކޮށް ރަޖިސްޓާކުރެވޭނެ އެވެ. އަދި އެޕް މެދުވެރިކޮށް އެމް-ފައިސާ ވޮލެޓު މެނޭޖުކުރެވޭނެ އެވެ.