ރުހުން ދިނުމުގެ ޖަލްސާ މާދަމާ އަށް އެޖެންޑާ ކޮށްފި
ރުހުން ދިނުމުގެ ޖަލްސާ މާދަމާ އަށް އެޖެންޑާ ކޮށްފި

ރައްޔިތުންގެ މަޖިލީހުން ކެބިނެޓަށް ރުހުން ދިނުމުގެ މަސައްކަތް މިއަދު ކުރިޔަށް ގެންދެވޭ ގޮތް ނުވުމުން މާދަމާ އަށް އެޖެންޑާ ކޮށްފި އެވެ.

ދައުރުން ބޭރުން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގެ ބަހުސް ނިންމައި ވޯޓާ ހަމައަށް ކުރިޔަށް ގެންދިޔަ އެވެ.

އެހެން ނަމަވެސް މަޖިލިސް މެދުކަނޑާލާފައި އޮތް ވަގުތު މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ހަތަރު މިނިސްޓަރަކަށް ރުހުން ނުދޭން ވިޕެއް ނެރުމާ ގުޅިގެން އޭގެ ފަހުން ޖަލްސާ އަލުން ކުރިޔަށް ގެންދިޔުމަށް ސަރުކާރު ހިންގާ ޕާޓީގެ މެންބަރުން ފުރުސަތެއް ނުދެއްވި އެވެ.

ވޯޓަށް އަހަން އޮތް ވަގުތު މަޖިލީހުގެ ޗެމްބަރު ތަޅުގައި ވޯޓު ކާޑުކޮޅުތައް ނަގައި ބައެއް މެންބަރުން ވަނީ ރިޔާސަތަށް ވެސް އަރައިފަ އެވެ. އެ މައްސަލާގައި އެމްޑީޕީގެ މެންބަރުންނާ ސަރުކާރުގެ މެންބަރުން ކުރިމަތިލުމެއް ހިނގައި ބައެއް މެންބަރުންނަށް އަނިޔާ ވެސް ވި އެވެ.

އޭގެ ފަހުން މިރޭ ވެސް 8:00 އިން ފެށިގެން 11:00 ވަންދެން ވެސް ޖަލްސާ ކުރިޔަށް ގެންދަން އެމްޑީޕީން މަސައްކަތް ކުރި އެވެ. ނަމަވެސް ޕީޕީއެމް/ޕީއެންސީގެ މެންބަރުން އެ ފުރުސަތެއް ނުދެއްވި އެވެ.

މަޖިލީހުން މިހާރު ވަނީ މާދަމާ މެންދުރު 11:00 ގައި ޖަލްސާއެއް ބާއްވަން ނިންމައިފަ އެވެ. އަދި އެ ޖަލްސާގައި އެޖެންޑާ ކޮށްފައި ވަނީ ވަޒީރުންނަށް ރުހުން ދިނުމުގެ މަސައްކަތް އެކަންޏެވެ.

އެމްޑީޕީން ނިންމާފައި ވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި އެޓާނީ ޖެނަރަލް އަހުމަދު އުޝާމް އަށް ރުހުން ނުދިނުމަށެވެ.