ގެއްލޭ މީހުން ހޯދުމާއި ފަރުވާއަށް ހާއްސަކޮށް ހެލިކޮޕްޓަރު ދުއްވަން އަލުން ފަށަން ނިންމައިފި
ގެއްލޭ މީހުން ހޯދުމާއި ފަރުވާއަށް ހާއްސަކޮށް ހެލިކޮޕްޓަރު ދުއްވަން އަލުން ފަށަން ނިންމައިފި

ގެއްލޭ މީހުން ހޯދުމާއި އިމަޖެންސީ ފަރުވާ ބޭނުންވާ މީހުން ވީހާ ވެސް އަވަހަށް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ހާއްސަކޮށްގެން ރާއްޖޭގައި ހެލިކޮޕްޓަރު ހިދުމަތް ފަށަން މިއަދު ނިންމައިފި އެވެ.

ކެބިނެޓުގައި ބޭއްވި ބައްދަލުވުމުގައި، ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުالله ނާޒިމް ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީން ހުށަހެޅި ކަރުދާހާ ގުޅިގެން، ދެ އިންޖީނުލީ ހެލިކޮޕްޓަރު ހޯދުމަށް މައިގަނޑު ހަ ކަމަކަށް މަޝްވަރާކޮށް ގޮތްތަކެއް ނިންމި ކަމަށެވެ. އޭގެ ތެރެއިން، ސްޓްރިކްޓް ބިޑިންއެއްގެ ދަށުން އެ ހިދުމަތް ދޭނެ ބަޔަކު ހޯދައި، ބޭސްފަރުވާ އަށާއި ގެއްލޭ މީހުން ހޯދުމާއި ސަލާމަތްކުރުމުގެ މަސައްކަތްތަކަށް އިސްކަންދޭން ހަމަޖައްސާފައިވާ ކަމަށް ވިދާޅުވި އެވެ.

އެހެން ކަންކަމުގައި ހެލިކޮޕްޓަރު ބޭނުންކުރާނީ ހުއްދަ ދީފައިވާ ހެލިޕޯޓަކުން ކަމަށް ވެސް، ކެބިނެޓުން ނިންމާފައިވާ ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ހެލިކޮޕްޓަރު ދުއްވުމުގެ ތަޖުރިބާކާރެއް ނެގުމާއި ސިވިލް އޭވިއޭޝަންގެ ބަޖެޓު އިތުރުކުރުމަށް ވެސް ނިންމާފައިވާ ކަމަށެވެ. އަދި އެ މަސައްކަތްކުރާ ފަރާތްތަކަށް 6-7 އަހަރުގެ އެކްސްކްލުސިވިޓީއެއް ދިނުމާއި އައިކާއޯ ސްޓެންޑާޑްތަކަށް ހިދުމަތް ދިނުމުގެ މަސައްކަތް ކުރުމަށް، ކެބިނެޓުން ނިންމާފައިވާ ކަމަށެވެ.

އޭގެ އިތުރުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހެލިކޮޕްޓަރަށް ހާއްސަ ޖާގަ ކަނޑައެޅުމާއި އިތުރު ސަރަހައްދެއްގައި ހެލިޕޯޓެއް ހަދަންޖެހޭނަމަ އެކަން ކުރުމަށް ވެސް ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރާއްޖޭގައި 90ގެ އަހަރުތަކުގައި ވެސް ހެލިކޮޕްޓަރު ދުއްވި އެވެ. ނަމަވެސް، އެކި ދުވަސްވަރު ހިނގި ހާދިސާތަކުގައި 14 މީހުން މަރުވި ފަހުން، އެ ހިދުމަތް ދިނުން ހުއްޓާލި އެވެ.