14 ފެބުރުއަރީ 2017 - 11:19

ބީޕީޓީ އަދި ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ލިބިފައިވާ އަދަދު އިތުރުވެ، މިިދިޔަ ޖެނުއަރީ މަހު މީރާއަށް 2.2 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މިއީ، އެ އޮތޯރިޓީގެ ތާރީހުގައި މަހެއްގެ ތެރޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފަހަރެވެ.
މީރާއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މި އަދަދަކީ 2016 ވަނަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 27.2 ޕަސެންޓް އިތުރު އަދަދެކެވެ. އަދި މިއީ މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ އަދަދަށްވުރެ 26.1 ޕަސެންޓް އިތުރު އަދަދެއް ކަމަށް ވެސް މީރާއިން ބުންޏެވެ. މީގެ މައިގަނޑު ސަބަބުތަކަކީ، ބީޕީޓީ އަދި ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ލިބިފައިވާ އަދަދު އިތުރުވުން ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
މިދިޔަ މަހު ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ބީޕީޓީ އެވެ. އެއީ 43.2 ޕަސެންޓް ނުވަތަ 943.8 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީންނެވެ. އެއީ 742.64 މިލިއަން ރުފިޔާ ނުވަތަ 34 ޕަސެންޓެވެ.
މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީގެ ތެރޭގައި 66.5 މިލިއަން ޑޮލަރު ހިމެނެ އެވެ.