28 ޖެނުއަރީ 2024 - 09:59

ފުވައްމުލަކު ބަނދަރު ސަރަހައްދަށް މޫދަށް އެރި އުޅުނު ޒުވާނަކު މިއަދު ގެނބިގެން މަރުވެއްޖެ އެވެ.
އެ ރަށުން "މިހާރު" އަށް ވާހަކަ ދެއްކި މީހަކު ކިޔައިދިން ގޮތުގައި ރަށުގެ ބަނދަރު ސަރަހައްދަށް މޫދަށް ގޮސް އުޅެނިކޮށް މަރުވީ ފުނާޑު އަވަށުގެ އުމުރުން 26 އަހަރުގެ ނަޒީލް އިބްރާހިމެވެ.
އޭނާ މޫދަށް ދިޔައީ ރައްޓެހިންތަކަކާ އެކުގައި ކަމަށާއި ގެނބޭތަން ފެނުމުން ބައެއް ރައްޓެހިން އޭނާ ސަލާމަތްކުރަން ފޭބި ކަމަށް ވެސް "މިހާރު"އަށް ވާހަކަ ދެއްކި މީހާ ބުންޏެވެ.
މަރުވި ޒުވާނާއަށް ފަތަން އެނގޭ ކަމެއް ކަށަވަރެއް ނުވެ އެވެ. އެކަމަކު އޭނާ ސަލާމަތްކުރަން ފޭބި ބައެއް މީހުންނަށް ފަތަން ނޭނގޭ ކަމަށް މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.
އެ މީހާ ބުނީ ބަނދަރު ކައިރީގައި އޭނާއަށް ސީޕީއާރު ވެސް ދިން ކަމަށާއި އެކަމަކު އޭރު ވެސް އޮތީ މަރުވެފައި ކަމަށް ބެލެވޭ ކަމަށެވެ. އެކަމަކު މަރުވެފައި އޮތް ކަމަށް އިއުލާނުކުރީ ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ.
ހޮސްޕިޓަލަށް އޭނާ ގެންދިޔައީ ހެނދުނު 7:30 ހާއިރެވެ.
ފުލުހުން ވެސް ބުނި ގޮތުގައި އެ ޒުވާނާ ފަރުވާދޭން ގެންދިޔައިރު ވެސް މަރުވެފައި އޮތް ކަމަށް ހޮސްޕިޓަލުން ބުންޏެވެ.