14 ފެބުރުއަރީ 2017 - 10:21

ޕެރިސް، ފްރާންސް (ފެބްރުއަރީ 14) – ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި މިރޭ ބާސެލޯނާއާ ދެކޮޅަށް ޕީއެސްޖީގެ ކެޕްޓަން އަދި އިތުބާރު ޑިފެންޑަރު ތިއާގޯ ސިލްވާ އަށް ނުކުޅެވޭނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.
ސިލްވާގެ ވާތު ފައިގެ ކުޑަކަޅުވާ އަށް އަނިޔާވެފައިވާއިރު އިއްޔެ ކުރި ފައިނަލް ޕްރެކްޓިހުގައި ވެސް އޭނާ ބައިވެރިނުވެ އެވެ. ފައިގައި އައިސްއަޅައިގެން އޭނާ ހުރީ ޕްރެކްޓިސް ބަލާށެވެ.
ފްރާންސް ލީގުގައި ހުކުރު ދުވަހު ބޯޑޯ އަތުން 3-0 އިން ޕީއެސްޖީ މޮޅުވި މެޗުގައި ވެސް ސިލްވާ ނުކުޅެ އެވެ. އެކަމަކު އޭރު ބެލެވިފައި އޮތީ ބާސެލޯނާއާ ދެކޮޅަށް އުމުރުން 32 އަހަރުގެ ޑިފެންޑަރު ކުޅޭނެ ކަމަށެވެ.
ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދުމަށް މަސައްކަތްކުރަމުން އަންނަ ޕީއެސްޖީގެ ތަޖުރިބާކާރު މިޑްފީލްޑަރު ތިއާގޯ މޮޓާ އަށް ވެސް މިރޭ ނުކުޅެވޭނެ އެވެ. ބާސެލޯނާ އިން ވިދާލި ކުޅުންތެރިޔާއަށް އެ ޓީމާ ދެކޮޅަށް ކުޅެވޭ ގޮތް ނުވީ ސަސްޕެންޝަނުގެ ސަބަބުންނެވެ.
ބާސެލޯނާއާ ދެކޮޅަށް މިރޭ ޕީއެސްޖީގެ ޑިފެންސް ބަލަހައްޓާނީ މާކީނިއޯސްގެ އިތުރުން ޒުވާން ކުޅުންތެރިޔާ ޕްރެސްނެލް ކިމްޕެމްބޭ ކަމަށް ބެލެވެ އެވެ. ބްރެޒިލްގެ ކުރީގެ ކެޕްޓަން ސިލްވާ ނެތުމުން މިރޭ ޕީއެސްޖީގެ ކެޕްޓަންކަން ކުރާނީ ފްރާންސް މިޑްފީލްޑަރު ބްލައިސް މަޓުއިޑީ އެވެ.
ޕީއެސްޖީ ވަނީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން 2013 އަދި 2015 ވަނަ އަހަރު ބާސެލޯނާ އަތުން ބަލިވެ ކަޓައިފަ އެވެ. ޕީއެސްޖީގެ ކޯޗު އުނާއީ އެމެރީގެ ރެކޯޑް ވެސް ބާސެލޯނާއާ ދެކޮޅަށް އެހާ ރަނގަޅެއް ނޫނެވެ. ސްޕެއިނުގެ ސެވިއްޔާގެ ކުރީގެ ކޯޗު ބާސެލޯނާއާ ދެކޮޅަށް 23 ފަހަރު ނުކުތްއިރު މޮޅުވީ އެންމެ ފަހަރަކު އެވެ.
"މިއީ އަހަންނަށް ރަނގަޅު ފުރުސަތެއް. އަހަރެމެން އަބަދުވެސް ބޭނުންވޭ ޔޫރަޕާއި ދުނިޔޭގެ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެން. އަހަރެން ޒިންމާ ނަގާނީ އެކަމަކު ޓީމު އެބަޖެހޭ ޕޮޒިޓިވްކޮށް ވިސްނަން އަދި އިތުބާރުކުރަން،" އެމެރީ ބުންޏެވެ.
ޕެރިހުގައި މިރޭ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 00:45 ގަ އެވެ.