28 ޖެނުއަރީ 2024 - 06:25

އިނގިރޭސީ އިސްތިއުމާރީ ބާރުން ހިފައި ގަދަކަމުން މީހުން ބޭލުވި ޗާގޯސްގެ ރަށްތަކުގެ އަސްލު ވަޒަންވެރިން އެނބުރި އެ މީހުންގެ ރަށްތަކަށް ދިއުމުގެ ފުރުސަތު ދިނުމާ މެދު މަޝްވަރާކުރަމުން އަންނަ ކަމަށް އިނގިރޭސި ވިލާތުގެ ކުރީގެ ފޮރިން މިނިސްޓަރު ދެއްކެވި ވާހަކައާ ދިމާ އިދިކޮޅަށް އާ ފޮރިން މިނިސްޓަރު އަދި ކުރީގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަން ވާހަކަ ދައްކަވައިފި އެވެ.
ޗާގޯސް އަކީ މޮރިޝަސްގެ ސިޔާދަތީ ބާރުގައި އޮންނަންޖެހޭ ތަނެއް ކަމަށާއި އިނގިރޭސި ވިލާތުން އެ ރަށްތައް ދޫކޮށްލަން ޖެހޭނެ ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ނެރުނު އިސްތިޝާރީ ލަފަޔަށް ދެކޮޅުހެދުމަށް ފަހު އިނގިރޭސި ވިލާތުން ފަހުން ވަނީ ރަށްތައް ދޫކޮށްލުމުގެ މަޝްވަރާ ކުރާ ކަމަށް ވެސް ބުނެފަ އެވެ. އެކަމަކު ފަހުން އެ ވިސްނުން ދޫކޮށްލި އެވެ.
ސިޔާސަތަށް އައި ބަދަލާ އެކު، އާ ފޮރިން މިިނިސްޓަރު ކެމަރަން ވިދާޅުވީ 1960 އާއި 1970 ގެ ތެރޭގައި ގަދަބާރުން ހުސްކޮށްފައިވާ ރަށްތަކުގައި މީހުން އަލުން ވަޒަންވެރިކުރުވުމަކީ މިހާރު "ކުރެވޭނެ ކަމެއް ނޫން" ކަމަށެވެ.
ކެމެރަންގެ މިހެން ވިދާޅުވުމާ އެކު، ޗާގޯސްއަށް އެނބުރި ދާން ވަކާލާތުކުރާ މީހުން ކަންބޮޑުވުން ފާޅުކޮށްފައި ވާއިރު ހިއުމަން ރައިޓްސް ވޮޗުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރެފަ އެވެ.
އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ ފޮރިން އެފެއާޒް ކޮމިޓީގައި މި މަހުގެ ނުވަ ވަނަ ދުވަހު ކެމެރަން ދައްކަވާފައިވާ ވާހަކަތަކުގައި ޗާގޯސް ދޫކޮށްލެވެން ނެތް ކަމަށް ވިދާޅުވެފައި ވިޔަސް މިދިޔަ ނޮވެމްބަރު މަހު އޭރުގެ ފޮރިން މިނިސްޓަރު ލިޔުމުން އެ ކޮމިޓީގައި ދަންނަވާފައި ވަނީ ކުރީގެ ރަށްވެހިން އަނބުރާ ގެންދިއުމުގެ މަޝްވަރާ ކުރިއަށްދާ ކަމަށެވެ.