28 ޖެނުއަރީ 2024 - 06:05

ބުދަ ދުވަހާ ގުޅޭ
"ފަރްހާ ކައިރީގަ ބުނޭ ފުރަތަމަ އަހަރެންގެ ކަރުގަހިފާ މަރާލާށޭ! ބުނި ގޮތަށް މި ބުނީ!" ތޫބާ ބުންޏެވެ."
އައްދެ!" ފަރްހާއަށް ބުނެވުނެވެ. "ހާދަ ހެއްވައޭ!"
ބިއްދޮށަށް އެނބުރިގެންއޮތް ތޫބާ ފުންމައިގެން ތެދުވެ އިށީނދެލިއެވެ. ނިކަން ރަނގަޅަށް ފަރްހާޔާ ކުރިމަތިލިއެވެ.
"ބައްޕަ އެކަނިތަ ހެއްވައީ؟" ރުޅިއައިސްފައި ތޫބާ ބުންޏެވެ. "މަންމަ މިރޭ ވެސް އެ އޮތީ ނުކައި. ބައްޕަ ނޭނގެ މިހާރު ވެސް ދުނިޔޭގައޮތްކަމެއް. އަހަރެންގެ ލޮލަކު ނެތް ނިދީގެ ކަންފުޅެއް ވެސް. އަހަރުމެން ހެއްވައެއް ނޫން؟ ކިހިނެއްތަ އަހަރުމެންނަށް ވެގެން މިއުޅެނީ؟ ފަރޫ ތި އުޅެނީ މީހަކާއިންނަން. އަހަރުމެން މަގުމައްޗަށް ނުކުމެ އުފަލުން ލަވަކިޔާފަ ނަށަންވީކީ ނޫންތަ؟ ކީއްވެތަ އަހަރުމެންނަށް ފެންފޮދެއް ވެސް ދިރުވާނުލެވިގެން މިއުޅެނީ؟ އަހަރެން ބުނަންތަ ކީއްވެކަން؟ ފަރޫ ކުރަން ތިއުޅޭ ހަރާން ކައިވެންޏާ ހެދި ލަދުން."
މަންމައަށް ނީއްވަންވެގެން ތޫބާ މަޑުން ވާހަކަދެއްކި ނަމަވެސް، ތޫބާގެ ރާގު ވަރަށް ހަރުކަށްޓެވެ.
"ހަރާން ކައިވެންޏޭ؟" ފަރްހާ ވަރަށް މަޑުމަޑުން ބުނެލިއެވެ. "ދޮންތަ ކީއްވެ އެހެން ތި ބުނަނީ؟"
"ދެން އެހެން ކީކޭތަ ބުނާނީ؟" ތޫބާ ސުވާލުކުރިއެވެ. "ކިތައް ފަހަރު ކިތައް ގޮތައްތަ މި ވާހަކަ ބުނަންވީ ފަރޫ؟ އެއްބަފާ ކޮއްކޮގެ ފިރިމީހާޔާ ފަރޫ ކިހިނެއްތަ އިންނާނީ؟ ނޭނގިގެންނޭ މި އަހަނީ. ބުނެދީބަލަ! ލުބާއަކީ އަދިވެސް ރަޒީންގެ އަނބިމީހާއޭ!"
"ލުބާ މަރުވެއްޖެއްނު ދޮންތާ!" ކުރިޔަށް ވުރެ ވެސް މަޑުން ފަރްހާ ބުންޏެވެ.
"ކިހިނެއްހޭ ފަރޫއަށް އެނގެނީ؟ ބައްޔެއްނު!" ތޫބާގެ އަޑު ތަންކޮޅެއް ގަދަވިއެވެ. "މަރުވިކަމަކަށް ނޫހަކު ނެތް. ޕޮލިހުންނެއް ނުބުނޭ! ބޮޑީއެއް ނުފެނޭ! ކުޑަމިނުން ވީ ގޮތެއް ވެސް ނޭނގޭ! އެކަމަކު ސުކުންތަކު ދެ ފަހަރު ފަރޫ އެބަ ބުނޭ މަރުވީއޭ! އަހަރެން ބުނަން ވާހަކައެއް ފަރޫ! މިރޭ ފަރޫ ގޮސް ސޯފާގަ ނިދާ! ހެޔޮނުވާނެ! އަހަރެން އަތުން ފަރޫ މަރުވެދާނެ! ސީރިޔަސްކޮށް މި ބުނީ. ފަރޫއަށް ބައްޕަގެ ކަރުގަހިފެންޏާ އަހަންނަށް ފަރޫގެ ކަރުގަ ނުހިފޭނެ؟ ކީއްވެ ނުހިފެންވީ؟ ކޮޓަރިން ނުކުމޭ! ތެދުވޭ ތެދުވޭ!"
ފަރްހާ ވަރަށް މަޑުމަޑުން އެނދުން ފައިބައިގެން ގޮސް ދޮރު ކައިރީގައި ހުއްޓިފައި ތޫބާއަށް ބަލައިލިއެވެ. ތޫބާ އެނދުގައި އޮށޯވެ ބިއްދޮށަށް އެނބުރުނެވެ. ފަރްހާ މަޑުމަޑުން ނުކުމެފައި ކޮޓަރީގެ ދޮރު ލެއްޕިއެވެ. ގޭތެރެއަކު އެހެން މީހަކު ނެތެވެ. ކުއްލިއަކަށް ފަރްހާގެ ހިތްބިރުގަންނަން ފެށިއެވެ. އެއީ ދުވަހަކު ވެސް ނުވާ ގޮތެކެވެ. ގޭތެރޭގައި ޓީވީބަލަން އެކަނިމާއެކަނި، ކިތަންމެ ރެޔަކު ފަރްހާ އިނދެއެވެ. އެއްވެސް ބިރެއްނުގަނެއެވެ. އެކަމަކު އެ ރޭ ތަފާތެވެ. ފަރްހާ ހިތަށްއެރިއެވެ. އެކަނި ސޯފާއަކު ނޯންނާނަމެވެ. އެކަމަކު، ކޮޓަރިއަށް އަލުން ވަންނަން ހިތަށްއެރި ވަގުތު، ދޮރު އެތެރެއިން ތަޅުލި އަޑުއިވުނެވެ. ފަރްހާ މަޑުމަޑުން ގޮސް ސޯފާގައި އިށީނެވެ. ތަނަށް ވެރިވެފައިވާ ހަމަހިމޭންކަން ގެއްލުވައިލުމަށް ޓަކައި ޓީވީ ހުޅުވައިލިއެވެ. އަޑު ބެހެއްޓީ ވަރަށް މަޑުކޮށްފައެވެ. އެހެނަސް ފަރްހާއަށް އިވެނީ ޓީވީން އިވޭ އަޑެއް ނޫނެވެ. އެންމެ ފަހުން ލުބާނާ ދެއްކި ވާހަކަތަކެވެ. ފެންނަނީ ޓީވީން ފެންނަ މަންޒަރެއް ވެސް ނޫނެވެ. އެންމެ ފަހު ވަގުތު ލުބާނާ އެނދުގައި އޮތް ގޮތެވެ. ހިތުގައި އެތައް ސުވާލެއް އެނބުރުނެވެ. ލުބާނާއަށް ރަަޒީން ހެދީ ކިހިނެއްހެއްޔެވެ؟ އެ ކުށުގައި ފަރްހާއަށް ވެސް ބައިވެރިވެވުނީހެއްޔެވެ؟ ފަރްހާ މަޑުމަޑުން ސޯފާގައި އޮށޯވެލިއެވެ. އެ ވަގުތު ވަހެއްދުވިހެން ހީވިއެވެ. އެ ވަހަކީ ލުބާނާ ޖަހާ ސެންޓުގެ ވަހެވެ. އެއީ ހީއެކެވެ. ދެން ދެތިން ފަހަރަކު ނޭވާ އެތެރެއަށް ދަމައިލުމުން ވެސް އެ ވަހެއް އިހުސާސެއް ނުވިއެވެ. ފަރްހާގެ ހިތް ބުންޏެވެ. އެއީ ހިތްޝައްކެވެ. ދެން ހީވާން ފެށީ ފަހަތުގައި މީހަކު ހުރިހެންނެވެ. އެ ފަހަރު ވެސް ފަރްހާގެ ހިތްބުންޏެވެ. ނުހުންނާނެއެވެ. މަންމަ އޮތީ ކޮޓަރީގައެވެ. ތޫބާ ވެސް އޮތީ ކޮޓަރީގައެވެ. ދޮރެއް ހުޅުވި އަޑެއްނީވެއެވެ. ކުއްލިއަކަށް ފަރްހާގެ ލޯމަތީގައި މީހަކު އަތްއެޅިއެވެ. އެ އަތްތިލަ ތެތެވެ. އަތުން ފޭބި ފެން ފަރްހާގެ ތުންފަތުގައި ޖެހުނެވެ. އެއީ ފެނެއް ނޫނެވެ. ލޮނެވެ. ފަރްހާގެ މުޅި ހަށިގަނޑު ފިނިވެގެންދިޔައެވެ. ގުޑައިލަން ވެސް ފަރްހާއަކަށް ނުކެރުނެވެ. ޓީވީ ނިވުނެވެ. މުޅި ތަނަށް ހަމަހިމޭންކަން ވެރިވިއެވެ.
"ސަޕްރައިޒް!" ފަރްހާގެ ކަންފަތްދޮށުގައި، ވައިއަޑުން މީހަކު ބުންޏެވެ. "އަހަރެން މިސްވޭތަ؟"
އެއީ ލުބާނާގެ އަޑެވެ. ފަރްހާއަށް ކަށަވަރެވެ. ލޯމަތިން އަތްނަގަމުން އެމީހަކު ފަރްހާގެ ކުރިމައްޗަށް އައެވެ. އެއީ ލުބާނާއެވެ. އޭނަ ހުރީ ތެމިފޯވެފައެވެ. މޫނު ހުރީ ހުދުވެފައެވެ. ލޯހުރީ ވަޅުވަދެފައެވެ. ހީވާ ކަހަލައެވެ. އެއީ މައްޔިތެކެވެ. ލުބާނާ ލައިގެންހުރީ އެންމެ ފަހުން އޭނަ ލައިގެންހުރި ހެދުމެވެ.
"މޫދަށްއެރެން ހިނގާށޭ ކިޔާފަ އަހަރެން ގަންބާލީ!" ލުބާނާ ވައިއަޑުން ބުންޏެވެ.
ފަރްހާގެ ފައިލާކޮޅުގައި ލުބާނާ އިށީނެވެ. އޭނަގެ ހެދުން ހުރީ ފޯވެފައެވެ. ފަރްހާ ހިތަށްއެރިއެވެ. ލުބާނާ މަރެއްނުވޭހެއްޔެވެ؟ އޭނަ ސަލާމަތްވީހެއްޔެވެ؟ ސުވާލުކުރާނެ ހިތްވަރު ނުލިބިފައިއޮއްވައި ލުބާނާ ކޮޅަށްތެދުވިއެވެ. އޮށޯވެގެންއޮތް ފަރްހާއަށް ބަލައިލިއެވެ. ދެން ލުބާނާ ދިގުވާން ފެށިއެވެ. ފަރްހާ ހަޅޭއްލަވައިގަތެވެ. ލޯހުޅުވުނީ އެ ވަގުތުއެވެ. އެ ތާކު ލުބާނާއެއް ނެތެވެ. ފަރްހާ މޫނުގައި އަތްޖައްސައިލިއެވެ. މޫނު ތެތެވެ. ފަރްހާ އޮތީ ދާހިތްލައިފައެވެ. ސޯފާގައި އަތްޖައްސައިލިއެވެ. ސޯފާ ތެތްހެން ހީވެއެވެ. ހިތުވިންދާއި ނޭވާ އަވަސްވެފައިވާ ފަރްހާ ހިންދިރުވައިލިއެވެ. އޭރު ވެސް ޓީވީ ހުރީ ހުޅުވައިފައެވެ. ކުއްލިއަކަށް ފެނުނީ ލުބާނާ ކުރިމަތީގައި ހުއްޓައެވެ. ފަރްހާ ހަޅޭއްލަވައިގަތެވެ. ލުބާނާ އައިސް ފަރްހާ ގައިގައި ބައްދައިގަތެވެ. ފަރްހާ ތެޅިފޮޅިގަތެވެ. ލުބާނާ ދުރަށް ކޮއްޕައިލަން ލެވުނުހައި ބާރެއްލިއެވެ. ފަރްހާއަށް ތަންތަން ފުސްވިއެވެ. އެއީ ކީއްވެގެން ވީ ކަމެއްކަމެއް ފަރްހާއަކަށް ނޭނގެއެވެ. ހައިޖާނުގަނޑު ތެރޭގައި ތޫބާ ދުވެފައި އައި ތަން ވެސް ފެނުނެވެ. ފަރޫއޭ ގޮވާ އަޑާއި ދަރިފުޅާއޭ ގޮވާ އަޑު ވެސް ފަރްހާއަށް އިވުނެވެ. ފަރްހާގެ ގައިގައި ބައްދައިގަނެގެން އުޅެނީ ލުބާއެއް ނޫނޭ މަންމައޭ ވެސް ހީވިއެވެ.
"ކިހިނެއްވީތަ ދަރިފުޅާ! މަންމައޭ މީ!" އެހެން ބުނި އަޑު ވެސް އިވުނެވެ.
ފުސްކަން ފިލައި ފަރްހާއަށް ވިސްނައިލެވުނު އިރު، ގައިގައި ބައްދައިލައިގެން ހުރީ މަންމައެވެ. ގާތުގައި ތޫބާ ވެސް ހުއްޓެވެ. އޭރު ވެސް ފަރްހާގެ ހިތުވިންދު ހަމައަކަށްނޭޅެއެވެ.
"ކިހިނެއްތަވީ؟" ތޫބާ އެހިއެވެ.
ފަރްހާއަކަށް ޖަވާބެއްނުދެވުނެވެ. މަންމަ ގައިގައި ބައްދައިލައިގެން ރުއީއެވެ.
"މީހަކު ހަޅޭއްލަވައިގަތް އަޑަށް މަންމައަށް ހޭލެވުނީ،" ސަފިއްޔާ ކިޔައިދިނެވެ. "އަހަރެން ނުކުތް އިރު ފަރްހާ ސޯފާގަ އިށީނދެގެން ސޯފާގަ އަތްހާކަން އިނީ. އަހަރެން އަންނަން ފެށީމަ އަނެއްކާ ހަޅޭއްލަވައިގަތީ. ކިހިނެއްތަވީ ދަރިފުޅާ؟ ބިރުގަންނަ ހުވަފެނެއް ފެނުނީތަ؟"
ސަފިއްޔާ ހުރީ ފަރްހާ ދެކެ ވަރަށް ރުޅިއައިސްފައެވެ. އެކަމަކު ހިނދުކޮޅަކަށް ހިލަހިތް ވިރި މަޑު ފުށްކޮޅަކަށްވީއެވެ.
"ކޮން ހުވަފެނެއް ފެނުނީ؟" ތޫބާ އެހިއެވެ.
ފަރްހާ ޖަވާބެއް ނުދެއެވެ. އެހެނަސް، ވީ ގޮތް ފަރްހާއަށް ވިސްނުނެވެ. ހުވަފެނުގައި ލުބާނާ ފެނިގެން ހަޅޭއްލަވައިގަތް ވަގުތު، ހަގީގަތުގައި ވެސް ފަރްހާއަށް ހަޅޭއްލަވައިގަނެވުނީއެވެ. މަންމައަށް އިވުނީ އެ އަޑެވެ. ލުބާނާގެ ސިފައިގައި މަންމަ ފެނުނީ ފަރްހާ ބިރުގެންފައިހުރި ވަރުންނެވެ. އެ ހުވަފެން ކިޔައިދޭނެ ގޮތެއް ފަރްހާއަކަށް ނުވިސްނުނެވެ.
"ބިރުގަންނަ ހުވަފެނެއް ފެނުނީ." ފަރްހާ ބުނީ އެ ވަރަށެވެ.
"ހިނގާ ނިދަމާ!" ހިތަށް ރަހުމުވަދެގެން ތޫބާ ބުންޏެވެ. "މަންމަ ވެސް ދޭ ނިދަން."
ކޮޓަރިއަށް ވަދެ އެނދުގައި އޮށޯތެއްކަމަކު ފަރްހާއަކަށް ނުނިދުނެވެ. އެ ހުވަފެން ވެގެންދިޔައީ ފަރްހާ ނިދިން ހޭލައްވައިލި ހުވަފެނަކަށެވެ. ލުބާނާއަށް ވީ ކިހިނެއްކަމެއް ފަރްހާއަކަށް ނޭނގެއެވެ. ޝައްކުކުރެވުނީ، ނޭވާހާސްކޮށްގެން މަރައިލީކަމުގައެވެ. އެނދުގައި އޮށޯވެގެން އޮތް އިރު ތޫބާއާއި ފަރްހާގެ ވެސް ނަޒަރު ހުއްޓިފައިވަނީ ފަންގިފިލައަށެވެ.
"އަދިވެސް ބިރުންތަ ތި އޮތީ؟" ތޫބާ ސުވާލުކުރިއެވެ. "ދެން ނިދޭތޯ ބަލާ!"
ފަރްހާ ހިތަށްއެރިއެވެ. މާ ގިނަ ދުވަހު ނިދިއްޖެއެވެ. ދެން ބޭނުންވަނީ ހޭލާށެވެ.
ސިނަމާލެ ބުރިޖުގައި މަގު ބައިކުރަން ޖަހާފައިވާ ދަގަނޑުތަކަށް ބަލަހައްޓައިގެން ފަރްހާ އިނެވެ. ދަގަނޑުތައް ލޯމަތިން ކެހެމުންދިޔައީ ވަރަށް ބާރަށެވެ. ފަރްހާގެ ހިތުވިންދު ވެސް ހަމަ އެހައި ބާރެވެ. ހިތަށްއެރިއެވެ. ދަތުރު ކާމިޔާބުވާނެބާއެވެ؟ ފަރްހާ އިން ސައިކަލު ދުއްވަންއިނީ ރަޒީނެވެ. ހަވީރުގެ ވަގުތެވެ.
"މިއަދު ހާދަ މަޑުމަޑުން ތި އިންނަނީ؟" ރަޒީން އެހިއެވެ.
ރަޒީން އެހެން ބުނި އަޑު ފަރްހާއަށް އިވުނަސް އިވުނުކަމަކަށް ނެހެދިއެވެ. ދުވެއްޔާއި، ހެލްމެޓާއި، ވައި ބަހަނާއަކަށް ފުދޭތީއެވެ. ރަޒީން ހީކުރީ ހަގީގަތުގައި ވެސް ފަރްހާއަށް ނީވުނީކަމަށެވެ. އިތުރު އެއްޗެއް ނުބުނެ ހަލިމަގުން ދަތުރުކޮށްފައި ގޮސް ރަށުތެރެއަށް އަނބުރައިލައިފައި ސައިކަލުގެ ދުވެލި މަޑުކޮށްލިއެވެ.
"ވަރަށް ބަނޑުހައިތަ؟" ރަޒީން އެހިއެވެ. "ކޯޗެއް ކާހިތްވަނީ؟"
"ހިނގާބަލަ މޫދުކައިރިއަށް." ފަރްހާ އެދުނެވެ.
ބޭނުންވި ހިސާބަށް ދަތުރުކުރުމަށް ފަހު ސައިކަލު ޕާކުކޮށްފައި ދެމީހުން ހިނގާފައި މޫދުކައިރިއަށް ދިޔައެވެ. ދުވަހަކީ ވައި މަޑު ދުވަހެކެވެ. ވަގުތަކީ، ފަރްހާ އެންމެ ބޭނުންވި ކަހަލަ ވަގުތެކެވެ. އެއިން ހިސާބަކު މީހަކު ފެންނާކަށް ނެތެވެ. ދޮންވެލިގަނޑު މަތީގައި ފަރްހާ އިށީނުމުން ރަޒީން އިށީންނަން ނީށީންނަން އުޅެލައިފައި އިށީނެވެ. ފަރްހާ ފޯނުނަގައިގެން ކުޅެން ފެށިއެވެ.
"އަހަރެން ހީކުރީ ކޮންމެވެސް ވާހަކައެއް ބުނަންކަމަށް މި ތަނަށް އައީ." ރަޒީން ބުންޏެވެ.
"ބަލަ އުހުނ!" މޫދުގެ ވަރަށް ދުރަށް އިސާރަތްކޮށްފައި ފަރްހާ ބުންޏެވެ.
ރަޒީން ބަލައިލި އިރު ވަކި ހާއްސަ އެއްޗެއް ފެންނާކަށް ނެތެވެ.
"ކޯޗެއް ތި ދައްކަނީ؟" ރަޒީން އެހިއެވެ.
"އަހަންނަށް ހީވީ މީހަކު އޮޔާދާހެން،" ފަރްހާ ބުންޏެވެ. "ހީވިގޮތްކަން ނޭނގެ. ވާހަކައެއް ދައްކާށޭ އަސްލު މި އައީ. ރޭގަ އަހަންނަށް ވަރަށް ބިރުގަންނަ ހުވަފެނެއް ފެނިއްޖެ! އަހަރެން ހަޅޭއްލަވާ އަޑަށް މަންމަ އައީ. އަހަންނަށް ފެނުނީ ލުބާ! ރަޒީނަށް ހަންރެޑް ޕަސަންޓް ޔަގީންތަ އޭނަ ދެން ނާންނާނެކަން؟ ލުބާއަށް ކިހިނެއްތަ ހެދީ؟ އަޅެ ބުނެބަލަ! ޕްލީޒް!"
"އޯކޭ! އަޑުއަހާ!" ރަޒީން ވަށައިގެން ހޯދައިލަމުން ބުންޏެވެ. "އެއްވެސް މީހެއް ކައިރީގަ މި ވާހަކަ ނުބުނާތި!"
ނުނިމޭ