28 ޖެނުއަރީ 2024 - 05:56

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ހާލުގައި ޖެހޭ އާންމުންނަށް އެހީވުމުގައި އެންމެ މުހިންމު މަސައްކަތްތަކެއް ކުރާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލެސްޓައިން ރެފިއުޖީސް (އަންރުވާ) ގެ ބައެއް މުވައްޒަފުން އިޒްރޭލަށް ހަމަލާ ދިނުމުގައި ބައިވެރިވި ކަމުގެ ތުހުމަތާ އެކު ބައެއް ގައުމުތަކުން އެހީ ދިނުން ހުއްޓާލައިފި އެވެ.
އިޒްރޭލުން ތުހުމަތުކުރި ގޮތުގައި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ދިން ކުއްލި ހަމަލާތަކުގައި އަންރުވާގެ ބައެއް މުވައްޒަފުން ބައިވެރިވި އެވެ. މި ތުހުމަތާ އެކު އަންރުވާ އިން ހުކުރު ދުވަހު ބުނެފައިވަނީ އެ ތުހުމަތު ރައްދުވާ ބައެއް މީހުން މިހާރު ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އަދި އެކަން އިތުރަށް ތަހުގީގުކުރާނެ ކަމަށް ބުންޏެވެ.
އަންރުވާ އަށް ފަންޑުކުރާ އެމެރިކާ، އޮސްޓްރޭލިއާ، ކެނެޑާ އަދި އިޓަލީން ވަނީ މި ތުހުމަތާ އެކު އަންރުވާ އަށް ފަންޑުކުރުން މި ވަގުތަށް ހުއްޓާލާފައިވާ ކަމަށް ބުނެފަ އެވެ.
މިގޮތަށް ތުހުމަތުކުރުމަށް ފަހު އިޒްރޭލުގެ ފޮރިން މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަންރުވާ އަކީ "ހަމަލާގެ ބައިވެރިއަކަށް ނުވާނެ" ކަމަށާއި އޭނާ މަސައްކަތް ކުރައްވަމުން ގެންދެވީ އެމެރިކާ އާއި ޔޫރަޕާއި އެހީ ދޭ އެހެން ތަންތަނުގެ ތާއީދު ހޯއްދަވަން ކަމަށެވެ.
މި ތުހުމަތާ ގުޅިގެން ހަމާސް އިން އިއްޔެ ވަނީ އަންރުވާ އާއި އދ. އަށް އިޒްރޭލުން ދައްކާ ބިރާއި ކުރާ ބްލެކްމެއިލަށް ބޯނުލެނބުމަށް ގޮވާލައިފަ އެވެ.
މި ފަހަކަށް އައިސް އަންރުވާ އާއި އިޒްރޭލާ ދެމެދު މައްސަލަ ވަނީ ގޯސްވަ އެވެ. އެއީ އަންރުވާ އިން ބަލަައްޓާ ސަރަހައްދުތަކުގައި އާންމުން އުޅޭ ކޭމްޕްތަކުގެ ކައިރީގައި އިޒްރޭލުގެ ޓޭންކްތަކުން ހަމަލާ ދިނުން އިތުރުކޮށްފައި ވާތީ އެވެ. އަދި މި ހަމަލާތަކުގައި ރެފިއުޖީންގެ ތެރެއިން 13 މީހަކު މަރުވި ކަމަށް ވެސް ބުނެފައިވެ އެވެ.
އެކަމަކު އިޒްރޭލުން ބުނީ ރެފިއުޖީން މަރުވީ ކީއްވެތޯ ބަލަމުން އަންނަ ކަމަށާއި އެއީ ހަމާސްގެ ހަމަލާއެއްގައި މަރުވި ބަޔަކަށްވުން އެކަށީގެންވާ ކަމަށެވެ.
އަންރުވާ އަށް ކުރި ތުހުމަތާ އެކު އިޒްރޭލުން ވަނީ ހަނގުރާމައަށް ފަހު އަންރުވާގެ މަސައްކަތްތައް ހުއްޓުވާނެ ކަމަށް ބުނެފަ އެވެ. މިހެން ބުނެފައި މި ވަނީ އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި، ނަސްލު ނައްތާލުމުގެ އަމަލުތައް ހިންގާ ކަމަށް ބުނެ ދެކުނު އެފްރިކާ އިން ބައިނަލްއަގުވާމީ ކޯޓަށް ހުށަހެޅި މައްސަލައިގައި އިޒްރޭލާ ދެކޮޅަށް އަމުރު ނެރެފައި ވަނިކޮށެވެ. ނަސްލު ނައްތާލުމުގެ އަމަލަކަށް ވެދާނެ އެއްވެސް ކަމެއް ނުކުރުމަށާއި އިންސާނީ އެހީ ދިނުމުގެ ކަންކަމަށް މަގު ތަނަވަސްކޮށްދޭން އަމުރުކުރި ނަމަވެސް ހަމަލާތަކަށް ކުޑަވެސް މަޑުޖެހުމެއް ނާދެ އެވެ. --އޭއެފްޕީ