27 ޖެނުއަރީ 2024 - 20:09

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް މިއަދު ބޭއްވި ޕްރައިމަރީގައި ކުރީގެ ގިނަ މަޖިލިސް މެންބަރުންތަކެއް އެ ކޯލިޝަންގެ ޓިކެޓް ކަށަވަރު ކުރައްވައިފި އެވެ.

މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު ދިއްގަރު ދާއިރާގެ ގޮނޑި އެ ދާއިރާގެ ކުރީގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ ކަށަވަރު ކުރައްވައިފަ އެވެ.

ވިލިމާލެ ދާއިރާގެ ޓިކެޓް ކަށަވަރު ކުރެއްވީ ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލެވެ. އިނގުރައިދޫ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ 18 ވަނަ މަޖިލީހުގައި އެ ދާއިރާގެ މެންބަރުކަން ކުރެއްވި އިބްރާޙިމް ފަލާހެވެ. އަދި ދިއްދޫ ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ ޓިކެޓް އެ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ހޯއްދެވި އެވެ.
މާފަންނު ދެކުނު ދާއިރާގެ ޓިކެޓް ކުރީގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ހޯއްދެވިއިރު މާފަންނު މެދު ދާއިރާގެ ޓިކެޓް ކަށަވަރު ކުރެއްވީ އެ ދާއިރާގެ ކުރީގެ މެންބަރު އަސްމާ ރަޝީދެވެ.
ތިނަދޫ އުތުރު ދާއިރާގެ ޓިކެޓް ހޯއްދެވީ އެ ދާއިރާގެ ކުރީގެ މެންބަރު ސައުދުﷲ ހިލްމީ އެވެ. މިލަންދޫ ދާއިރާގެ ޓިކެޓް ކަށަވަރު ކުރެއްވީ އެ ދާއިރާގެ ކުރީގެ މެންބަރު ހަސަން މުފީދެވެ.
ދެން ޓިކެޓް ކާމިޔާބު ކުރެއްވި ބޭފުޅުންނަށް ބަލާއިރު، ތުލުސްދޫ ދާއިރާގެ ޓިކެޓް، މިހާރު ވެސް އެ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ކަށަވަރު ކުރެއްވި އެވެ. ހެންވޭރު އުތުރު ދާއިރާގެ ޓިކެޓް ކާމިޔާބު ހޯއްދެވީ މާލެ ސިޓީ ކައުންސިލްގެ މެންބަރު އަހުމަދު އައިފަން އެވެ.
ކުޅުދުއްފުށީ އުތުރު ދާއިރާގެ ޓިކެޓް ކަށަވަރު ކުރެއްވީ އެ ސިޓީގެ ކައުންސިލްގެ މެންބަރު މުހައްމަދު ދާއޫދެވެ.
މާފުށީ ދާއިރާގެ ޓިކެޓް ކާމިޔާބު ކުރެއްވީ އެންމެ ފަހުން ބޭއްވި ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި އެ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރިޒާގެ ކޮއްކޮ ހުސެއިން ރިޒާ އެވެ.
ހުރާ ދާއިރާގެ ޓިކެޓް ކަށަވަރު ކުރެއްވީ ކ. އަތޮޅު ކައުންސިލްގެ ކުރީގެ ނައިބު ރައީސް އަބްދުﷲ ވާރިސް އެވެ. އޭނާއާ ވާދަކުރެއްވި މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނައީމް ވީ ބައްޔެވެ.
ޕީޕީއެމުން ބުނީ، 73 ދާއިރާއެއްގެ ވޯޓުލުން މިއަދު ކުރިއަށް ގެންދިޔަ ކަމަށާއި އެކި ދާއިރާތަކުން 283 ކެންޑިޑޭޓުން ވާދަކުރި ކަމަށެވެ. ވޯޓުލުން ކުރިއަށް ގެންދިޔައީ ހެނދުނު 10:00 އިން ހަވީރު 5:00 އަށެވެ.
މި އިންތިހާބުގައި 71،597 މީހުންނަށް ވޯޓުލެވޭނެ ކަމަށް ޕީޕީއެމުން ބުނެފައި ވެ އެވެ.