27 ޖެނުއަރީ 2024 - 16:13

އަންނަ މާޗު މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ސުޕަ މެޖޯރިޓީ ހޯދައި، މަދުވެގެން 62 ގޮނޑި ކާމިޔާބު ކުރާނެ ކަމަށް ރައީސް އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވޯޓުލުން ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ވަޑައިގެން، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ސުޕަ މެޖޯރިޓީ ކާމިޔާބު ކުރާނަން ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި. މަދުވެގެން 62 ގޮނޑި ނަގާނަން ރައްޔިތުންގެ ތާއިދާ އެކު،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނަށްޓަކައި ކަމަށާއި ރައްޔިތުންގެ ހައްގުތައް ކުރިއަށް ނެރެގެން ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް ބޭނުންވާ ކަންކަން ހާސިލްވަމުންދާތީ ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ހިތުގައި އޮތީ އިހްލާސްތެރިކަން، ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ތެދު ނިޔަތާއި އިހްލާސްތެރިކަން. އެހެންވީމަ އެކަން ރައްޔިތުން ބަލައިގަންނާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ. އެހެންވީމަ މި ދެންނެވީ މަދުވެގެން 62 ގޮނޑި ކާމިޔާބު ކުރާނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިއަދު ވަރަށް ވާދަވެރިކޮށް ޕްރައިމަރީގެ އިންތިހާބު ކުރިއަށް ދިޔަ ނަމަވެސް، އިންތިހާބު ނިމުމުން އެންމެން އެކަތިގަނޑެއްގެ ގޮތުގައި ތިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. ޕާޓީ އާއި ގައުމުގެ މަސްލަހަތު އިސްކޮށް ބަލިވާ ކެންޑިޑޭޓުން މޮޅުވާ ކެންޑިޑޭޓުންނާ އެކު ތިބޭނެ ކަމަށް ގަބޫލު ކަމަށް ރައީސް ވިދާޅުވި އެވެ.
ބައެއް ފޮށިތަކުގައި ހަމަނުޖެހުން ހިނގި ނަމަވެސް، އެކަންކަން މިހާރު ހަމަޖެހި އަމާންކަމާ އެކު ވޯޓުލުން ކުރިއަށްދާ ކަން ރައީސް ފާހަގަކުރެއްވި އެވެ. ރައީސް ވިދާޅުވީ މި ޕްރައިމަރީއަކީ ވަރަށް އިންސާފުވެރިކޮށް ދެފުށް ފެންނަ ގޮތަށް ކުރިއަށްދާ އިންތިހާބެއް ކަމަށާއި ވޯޓާސް ލިސްޓަށް ބަދަލު ގެނައުން ފަދަ ކަންކަމަކީ ޕީޕީއެމް/ޕީއެންސީގެ ތެރޭގައި ހިނގާނެ ކަމެއް ނޫން ކަމަށެވެ.
ނަމަވެސް، ކޮންމެ ފަރާތަކުން ވެސް ހުށަހަޅާ ޝަކުވާތައް ވެސް ވަރަށް ރަނގަޅަށް ބަލާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އަންނަ މާޗު މަހު 17 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ އެ ކޯލިޝަންގެ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ފަށާފައިވަނީ 10:00ގަ އެވެ
ޕީޕީއެމުން ބުނި ގޮތުގައި 73 ދާއިރާއެއްގެ ވޯޓުލުން މިއަދު ކުރިއަށްދާ ކަމަށާއި އެކި ދާއިރާތަކުން 283 ކެންޑިޑޭޓުން ވާދަކުރާ ކަމަށެވެ. ވޯޓުލުން ކުރިއަށް ގެންދާނީ ހެނދުނު 10:00 އިން ހަވީރު 5:00 އަށެވެ.
މި އިންތިހާބުގައި 71،597 މީހުންނަށް ވޯޓުލެވޭނެ ކަމަށް ޕީޕީއެމުން ބުންޏެވެ.
ޕީޕީއެމުން ބުނީ މާލޭގައި ވޯޓުލާ ރަށްރަށުގެ މީހުން ވޯޓުފޮށިތައް ހުންނާނީ ހެންވޭރު ދަނޑުގައި ކަމަށެވެ. އަދި މާލެ ސަރަހައްދުގެ މީހުންގެ ވޯޓުފޮށިތައް ހުންނާނީ ކަލާފާނު ސްކޫލާއި ޖަމާލުއްދީން ސްކޫލާއި ތާޖުއްދީން ސްކޫލާއި ވިލިމާލެ ޔޫތު ސެންޓަރާއި ކާމިލްދީދީ ސްކޫލް އަދި ރެހެންދި ސްކޫލްގައި ކަމަށް އެ ޕާޓީން ބުންޏެވެ.
ރަށްރަށުގައި ވޯޓު ފޮށިތައް ބަހައްޓާފައިވަނީ ކެންޑިޑޭޓުން އެއްބަސްވާ ތަނެއްގަ އެވެ.
ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި އެއް ކެންޑިޑޭޓަކު ކުރިމަތި ދާއިރާތަކުން 13 ބޭފުޅަކަށް މިހާރު ވަނީ ޓިކެޓް ކަށަވަރުވެފަ އެވެ.
އޭގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާދަކުރައްވާ މާމިގިލީ ދާއިރާ އާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ އިތުރުން އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް ވާދަކުރައްވާ މީދޫ ދާއިރާއަށް ޕީއެންސީން ވާދަނުކުރަން ވަނީ ނިންމައިފަ އެވެ.