ފިނޭންސްގެ ޗީފް ފައިނޭންޝަލް ބަޖެޓު އެގްޒެކެޓިވް ސަރުވާޝް އިސްތިއުފާ ދެއްވަނީ
ފިނޭންސްގެ ޗީފް ފައިނޭންޝަލް ބަޖެޓު އެގްޒެކެޓިވް ސަރުވާޝް އިސްތިއުފާ ދެއްވަނީ

ދައުލަތުގެ ބަޖެޓު އެކުލަވައިލުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ޗީފް ފައިނޭންޝަލް ބަޖެޓު އެގްޒެކެޓިވް އަހުމަދު ސަރުވަޝް އާދަމް އިސްތިއުފާ ދޭން ނިންމަވައިފި އެވެ.

"މިހާރު" އަށް މިކަމުގެ މައުލޫމާތު ދެއްވި ފިނޭންސްގެ އޮފިޝަލަކު ވިދާޅުވީ، މިދިޔަ ހަފްތާގައި ސަރުވަޝް އިސްތިއުފާ ދޭން ސިޓީ ފޮނުވާފައިވާ ކަމަށެވެ. އެކަމަކު އެކަމާ ގުޅޭ ގޮތުން ރަސްމީކޮށް ފިނޭންސުން ޖަވާބެއް ލިބިފައެއް ނުވެ އެވެ.

ސަރުވަޝް އިސްތިއުފާ ދޭން ސިޓީ ފޮނުއްވާފައިވާ އިރު އޭނާ ބަޖެޓް އެކުވަލައިލުމުގެ މަސައްކަތާ ހަވާލުވެ ވަޑައިގަތީ 2016 ވަނަ އަހަރު އެވެ.

މަގާމާ ހަވާލުވުމަށް ފަހު މިހާތަނަށް އޭނާ އެންމެ ބޮޑު އިސްކަމެއް ދެއްވަނީ މުސްކުޅި ގޮތްތައް ދޫކޮށްލައްވައި، އެންމެ ޒަމާނީ ވަސީލަތްތަކުގެ ތެރެއިން އެކަން ކުރުމަށް ކަމަށް 2021 ވަނަ އަހަރު ސަރުވަޝް "މިހާރު" ނޫހަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވެފައިވެ އެވެ.

އޭނާ ބަޖެޓު ހެދުމުގެ މަސައްކަތުގައި ހުންނަވައި، ބަޖެޓު އެކުލަވައިލުމުގެ މަސައްކަތްތައް ވަނީ ވަރަށް ބޮޑަށް ބަދަލުކުރައްވައިފަ އެވެ. އެގޮތުން ބަޖެޓު ފޮތުގައި، އެ އަހަރެއްގެ މުހިއްމު އިގްތިސާދީ، މާލީ މައްސަތައް އަލިއަޅުވާލައި ގިނަ މައުލޫމާތުތަކެއް ހިމަނަ އެވެ.

ފިނޭންސް މިނިސްޓްރީގެ ބަޖެޓު އެގްޒެކެޓިވްގެ އިތުރުން އޭނާ ވަނީ މީރާގެ ޗެއާމަންގެ މަގާމާއި އެމްއެމްއޭގެ ބޯޑުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.