އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ލޫ ރާއްޖެއަށް ވަޑައިގަންނަވަނީ
އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ލޫ ރާއްޖެއަށް ވަޑައިގަންނަވަނީ

އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮ ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒް ޑޮނަލްޑް ލޫ ރާއްޖެއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާގައި އޮންނަ ޔޫއެސް-އިންޑިއާ ފޯރަމްގައި ބައިވެރިވުމަށް އެމެރިކާގެ ވަފްދުގައި ލޫ އިސްކޮށް ހުންނަވާނެ ކަމަށެވެ. އެ ވަފްދުގައި ސެކްރެޓަރީ އޮފް ސްޓޭޓް ފޮ އެނާޖީ ރިސޯސަސް ޖެފްރީ ޕަޔާޓް ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

އެ ފޯރަމްގައި ބައިވެރިވެވަޑައިގެންނެވުމުގެ އިތުރުން، އެމެރިކާގެ އެ ވަފްދުން އިންޑިއާ އާ އެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް އިންޑިއާ ސަރުކާރާއި، ޕްރައިވެޓް ސެކްޓާ އަދި މީޑިއާގެ އެކި ފަރާތްތަކާ އެކު ބައްދަލުކުރައްވާނެ ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ބުންޏެވެ.

އިންޑިއާގެ ދަތުރުފުޅަށްފަހު ލޫ އާ އެކު އެ ވަފްދު ރާއްޖެއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ އިރު، އެ ބަޔާނުގައި ބުނީ ރާއްޖޭގައި އެމެރިކާގެ އެމްބަސީ ހުޅުވުމުގެ މަޝްވަރާތައް ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންނާ އެކު ކުރައްވާނެ ކަމަށެވެ.

މީގެއިތުރުން، ލޫ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި މަދަނީ ޖަމިއްޔާ ތަކާއި މަތީ ތައުލީމާ ގުޅޭ ސަރުކާރުގެ އިސް އޮފިޝަލުންނާ ވެސް ބައްދަލުކުރައްވާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

އިންޑިއާ އާއި ރާއްޖެއަށް އިއްޔެ ފެއްޓެވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ލޫ ފުރާވަޑައިގަންނަވަން ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހެވެ.